ލ. ގަމު ޕަރީ ފެންގަނޑު: މިހާރު މިއީ ހިމާޔަތްކޮށްފައިވާ ތަނެއް. (ފޮޓޯ/ ސޯލްޓް އެންޑް ސަނީ)

ތިމާވެށި

ގަމުގެ ޕަރީ ފެންގަނޑާއި ވެލާ އަރާ ގާދޫ ހިމާޔަތްކޮށްފި

ސަރުކާރުން ވަނީ، ލ. އަތޮޅުގެ ހަ ސަރަހައްދެއް އަލަށް ހިމާޔަތްކޮށްފައި
22 ޑިސެމްބަރު 2021

ކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅުރަށެއްގެ ގޮތުގައި އޮންނަ ލ. ގާދޫ އަކީ ވެލާ ބިސް އެޅުމަށް ރާއްޖޭގައި އެންމެ ހާއްސަ އެއް ރަށެވެ. މީގެ އަހަރުތަކެއް ކުރިން، ރެއަކު ފަސް ވަރަކަށް ވެލާ އެ ރަށަށް އަރައި ބިސް އަޅަ އެވެ. މިހާރު ވެސް ކޮންމެ ރެއަކު ވެސް، އެ ރަށަށް ވެލާ އަރާއިރު، އެއަށް ފާރަލާ މީހުން ގިނަވެ، ވެލާ އަރާ ނިސްބަތް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

އެހެންވެ، ސަރުކާރުން އިއްޔެ ވަނީ، ތިމާވެށީގެ ގޮތުން ހިމާޔަތް ކޮށްފައިވާ ލިސްޓުގައި ގާދޫ ހިމަނާފަ އެވެ. އެ ރަށާ އެކު، ލ. ގަމުގެ މަޝްހޫރު ޕަރީ ފެންގަނޑާއި އިތުރު ހަތަރު ތަނެއް ވެސް އެ ލިސްޓަށް ވަނީ އިތުރުކޮަށްފަ އެވެ.

އިއްޔެ ހިމާޔަތްކުރި ތަންތަން:

  • 1-

    ލ. މާބައިދޫގެ ކޯރާއި ފުށީ ކަނޑު ސަރަހައްދު

  • 2-

    ގާދޫގެ ޗަސްބިމާއި ވަށައިގެންވާ ފަރާއި މޫދު ވިނަ ހިމެނޭ ސަރަހައްދު

  • 3-

    ލ. ގާދޫ-ހިތަދޫގެ ކަނޑުގެ ސަރަހައްދު

  • 4-

    ލ. ހިތަދޫގެ ކުޅި އާއި ވަށައިގެންވާ މޫދު ސަރަހައްދު

ލ. ގާދޫ: އެ ރަށަށް ކޮންމެ ރެއަކު ވެސް ވެލާ އަރާއިރު މީހުންގެ ފަރާތުން ހުރަސްތައް ކުރިމަތިވޭ. (ފޮޓޯ/ލިއާނާ ކްރޯލީ)

ވެލާ ބިސް އަޅަން އަރާ ގާދޫއާ އެކު، ހިމާޔަތްކޮށްފައިވާ މި ކޮންމެ ސަރަހައްދަކީ ވެސް ގިނަ އަދަދެއްގެ ދިރުންތަކުގެ ގޮވައްޗެވެ. ގާދޫގެ ވަށަައިގެންވާ ފަރާއި މޫދު ވިނަ ހިމެނޭ ސަރަހައްދު ހިމާޔަތްކުރީ، ގިނަ އަދަދެއްގެ ވެލާ އެ ތަނުން ކާނާ ހޯދާތީ އެވެ.

"އެހެން ރަށްރަށަށް ވެސް ވެލާ އަރާނެ. އެކަމަކު ގާދޫ އަކީ ކޮންމެ ރެއަކު ވެސް ހަމަ ގަވައިދުން ވެލާ އަރާ ރަށެއް. އެހެންވެ އެ ރަށް އެހާ މުހިއްމު ވަނީ،" ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ވިދާޅުވި އެވެ.

ފާނަ، މަންޓާ އާލާވާ ކަނޑާއި ކުޅިތައް

ހިމާޔަތްކުރި ތަންތަނަށް ބަލާއިރު ގަމުގެ ޕަރީ ފެންގަނޑަކީ އެ އަތޮޅުގެ އެއް ޓްރޭޑްމާކެވެ.

ގާތްގަނޑަކަށް 9 މީޓަރު ފުން، މޫދާ ނުގުޅި އޮންނަ އެ ފެންގަނޑު ބަލާލަން، ގަމަށް ޒިޔާރަތްކުރާ ކޮންމެ މީހަކު ވެސް ދާނެ އެވެ. އެހެންވެ، އެހެން ދާ މީހުންގެ ފަރާތުން ވެސް އެ ތަން ދަނީ ވަރަށް ބޮޑަށް ތަގައްޔަރުވަމުންނެވެ. ޕަރީ ފެންގަނޑު ވަށައިގެން މީހުން ދަނޑުވެރިކަން ވެސް ކުރާއިރު، އެކަމުގެ ސަބަބުން ވެސް ތަނުގެ ހިތްގައިމުކަމަށް އަސަރުތަކެއް ކުރެ އެވެ.

ޕަރީ ފެންގަނޑު ދައްކައިދޭ ވީޑިއޯއެއް.

ހިމާޔަތްކުރި ގާދޫ-ހިތަދޫ ކަނޑުއޮޅި އަކީ، މަންޓާ ރޭ ޕޮއިންޓެކެވެ. ޑައިވިނަށް ވެސް މަޝްހޫރު އެ ސަރަހައްދަކީ އެ ފަދަ މަޑި ވިހާ އުޅޭ ތަނެކެވެ.

އޭގެ އިތުރުން، މާބައިދޫގެ ކަނޑަކީ މާހުޅުނބު ފާނަ އާލާވާ ތަނެކެވެ. އަދި މޫދާ ގުޅިފައި އޮންނަ މާބައިދޫގެ ކުޅި އަކީ ވެސް ކޮންމެ ދުވަހަކު ލޮނު ވަންނަ، ކަނޑުގެ ދިރުންތައް ގިނަ ސަރަހައްދެކެވެ.

އިސްމާއީލް ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގެ ދިރުންތަކުގެ ރައްކާތެރިކަމަށް އެ ތަންތަން ހިމާޔަތްކުރުން ވަރަށް މުހިއްމެވެ.

މި ތަންތަނުން ގަސް ކެނޑުމާއި ވެލި ނެގުމާއި ލިމިޓެއް ނެތި މަސް ބޭނުން ފަދަ ކަންކަން އޭރުން މަނާކުރާނެ.

އިސްމާއީލް އަލީ / ލ. އަތޮޅު ކައުންސިލްގެ ރައީސް

ސަރުކާރުން ހިމާޔަތްކުރާ ތަންތަނުގެ ލިސްޓަށް އެ ތަން ލީ ނަމަވެސް، އެކަން ކުރާނެ ގޮތާއި ސަރަހައްދު އިންކުރާނީ އެ ތަނެއް އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކައުންސިލަކުންނެވެ. އެ ތަނުގައި ކުރެވޭނެ ކަންކަމާއި ނުކުރޭނެ ކަންކަން ކައުންސިލުން ކަނޑައަޅައި އިއުލާނުކުރާނެ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

"މި ތަންތަނުން ގަސް ކެނޑުމާއި ވެލި ނެގުމާއި ލިމިޓެއް ނެތި މަސް ބޭނުން ފަދަ ކަންކަން އޭރުން މަނާކުރާނެ،" އޭނާ ވިދާޅުވި އެވެ.

ލ. ހިތަދޫގެ ކުޅި: ކަނޑާ ގުޅިފައިވާ މި ކުޅި އަކީ އެތައް ދިރުންތަކެއްގެ ގެ. (ފޮޓޯ/ސީފްރޮމްދަސްކައި)
ގަމު ޕަރީ ފެންގަނޑުގައި މީހަކު ކަނދުފައްޗެއް ދުއްވާފައި ދަނީ. (ފޮޓޯ/ބެއާފުޓްއައިލެންޑާ)

އެނގުން މުހިއްމު - ލ. އަތޮޅަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ 'ހޯޕް ސްޕޮޓް'އެއްގެ ގޮތުގައި، ގްލޯބަލް ކޯލިޝަން، މިޝަން ބްލޫ އިން މި އަހަރު ފާހަގަކޮށްފައިވާ އަތޮޅެކެވެ. 

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ސަރުކާރުގެ ވައުދެކެވެ.

މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިން ހިމާޔަތްކޮށްފައި ވަނީ:

  • އެންމެ އުތުރުގެ ހަތަރު އަތޮޅުގެ 14 ސަރަހައްދެއް 

  • އައްޑޫގެ ހަތަރު ސަރަހައްދެއް 

  • ފުވައްމުލަކުގެ އެއް ސަރަހައްދު 

  • ޅ. އަތޮޅުގެ ފަސް ސަރަހައްދެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް