ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ޕްރެސް ކޮންފަރެންސްއެއްގައި: ގައުމީ އެތައް ޓީމެއްގެ ކޯޗުކަން ކުރި
ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކޯޗު އިހުސާން ނިޔާވެއްޖެ
ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) މިރޭ ނިޔާވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުރަތަމަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް 2008ގައި ކާމިޔާބުކުރި އިރު ޓީމުގައި ހިމެނުނު އެސިސްޓެންޓް އެއް ކޯޗުގެ ޒިންމާ އުފުލި ސާންތީ ނިޔަވީ ކެންސަރު ބަލީގައި ދޮޅު އަހަރެއްހާ ދުވަހު އުޅުމަށް ފަހު މިރޭ ޓްރީ ޓޮޕް ހޮސްޕިޓަލްގަ އެވެ.
ތަފްސީލު - އިހުސާން އަންނަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. އިންޑިއާގައި ބޮޑެތި އޮޕަރޭޝަންތަކެއް ކުރި ފަހުން އާންމު ހާލަތަކަށް ވެސް އަ އެވެ. އެކަމަކު ފަހުން ހާލު ދެރަވެގެން ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަތާ ހަތަރު ވަރަަކަށް ހަފުތާ ވެއްޖެ އެވެ.
މަޖީދިއްޔާ ސްކޫލްގައި ތައުލީމު ހާސިލްކުރި ސްކޫލް ފުޓްބޯޅައިން ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު އަދި އެއްވަނަ ޑިވިޒަންގައި ވެސް މޮޅު މިޑްފީލްޑަރެއްގެ ރޯލު އަދާކޮށް، ވަރަށް ޒުވާން އިރު ކޯޗިންގެ ދާއިރާއަށް ވަދެ އިހުސާން އައީ ވަރަށް ބޮޑެތި ހިދުމަތްތަކެއް ފުޓްބޯޅައަށް ކުރަމުންނެވެ.
ކޯޗިންގެ ދާއިރާއިން އޭއެފްސީ އޭ ލައިސަންސް އޮންނަ އިހުސާންގެ ކޯޗިންގެ ހިދުމަތުގައި ރާއްޖޭގެ ވަރަށް ގިނަ ކުޅުުންތެރިންނަށް އޭނާގެ އިރުޝާދާއި ތަމްރީން ދީފައިވެ އެވެ. އޭގެ ތެރޭގައި ފަހުން ގައުމީ ފެންވަރުގައި ފާހަގަކުރެވުނު އެތައް ކުޅުންތެރިންނެއް ވެސް ހިމެނެ އެވެ.
އިހުސާންގެ މުޅި އުމުރު ހޭދަކުރީ ފުޓްބޯޅައިގަ އެވެ. އެކި އުމުރު ފުރައިގެ ގައުމީ ޓީމުތަކުގެ ކޯޗުކަން ކުރި އެވެ. ރާއްޖޭގެ އެއްވަނަ ޑިވިޒަންގެ އެތައް ޓީމެއްގެ ހެޑް ކޯޗެއްގެ ގޮތުން ވެސް މަސައްކަތްކުރި އެވެ.
ދުނިޔޭގެ ފެންވަރުގެ ބޮޑު ފުޓްބޯޅަ މުބާރާތެއް ރާއްޖޭގައި ވަގުތުން ދައްކަމުން ދާއިރު އިހުސާންގެ ދިރާސާކުރުން ނުފެނި ނުދާނެ އެވެ. އޭނާއަކީ އެގޮތުން ޓީވީތަކުގައި އެންމެ އާންމު އެއް މޫނު ވެސް މެ އެވެ.
އިހުސާންގެ މަރުގެ ހިތާމައިގައި ބައިވެރިވެ އެތައް ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.
ރައީސް މުހައްމަދު މުއިއްޒު، އެކްސްގައި ލިއުއްވަމުން ވިދާޅުވީ އިހުސާންގެ ވަކިވުމަކީ "ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް" ކަމަށެވެ.
"ހިތާމައިގެ މި ވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ހިދުމަތްތެރިންނަށް އަދި މަރުހޫމްގެ ލޮބުވެތި އާއިލާއަށް ތައުޒިޔާ ދަންނަވަމެވެ،" ރައީސް ވިދާޅުވި އެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) March 22, 2025
ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ،… pic.twitter.com/nUD9JzqBXw
"ވަކިވެގެން އެދިޔައީ މި ގައުމަށް ކޮން ފަދަ ބޮޑު ހިދުމަތްތަކެއްކޮށް ދެއްވާފައި ހެއްޔެވެ؟ މުޅި ގައުމު ހެއްވާލި ސާފްޗެމްޕިއަންޝިޕް ހޯދި ގައުމީ ޓީމުގެ ހުންގާނުގައި ހުރި އެއް މޭސްތިރި އެވެ،" ކުޅިވަރުގެ ނޫސްވެރިޔާ ހުސެއިން ފަރިޔާޒު، ފޭސްބުކްގައި ލިއުނެވެ.
"ކުޅިވަރުގައި އެތައް ކުޅުންތެރިންނެއްގެ އެދުރެކެވެ. ކުޅިވަރަށް ހިދުމަތް ކުރުމުގައި ނަމޫނާ ދެއްކި ހިތްވަރު ގަދަ ސަހުޝިއްޔަތެކެވެ. ދިވެހި ކުޅިވަރު ދާއިރާއިން ފެނުނު އެންމެ އަޚުލާގު ރަނގަޅު އެއް ބޭފުޅަކީ ސާންތީ ކޯޗެވެ. އެއީ ދީނީ ކަންކަމަށް ޚާއްސަ ސަމާލު ކަމެއް ދެއްވި ބޭފުޅެކެވެ."
ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ލިއުއްވި އެވެ:
"ބަތަލުންނާއި ލެޖެންޑްސް އުޅެ އެވެ. ބަތަލުންގެ ހަނދާންތައް އާކުރާނެ އެވެ. އެކަމަކު ލެޖެންޑްސް ދުވަހަކު ވެސް މަރެއްނުވާނެ އެވެ."
ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަދި އިހުސާންގެ އިރުޝާދު ލިބިވަޑައިގެން ހުންނެވި އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ އިިހުސާންއަކީ "ކުޅުންތެރިންގެ އިހުތިރާމް އަބަދުވެސް ލިބުނު ކޯޗެއް" ކަމަށެވެ.
"ފުޓްބޯޅައަށް ހިދުމަތްކުރުމުގައި މުޅި އުމުރު ހޭދަކުރި [އަދި] އަޅުގަނޑުގެ ވެސް ކުރީގެ ކޯޗް ސާންތި ނިޔާވުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ނިކަމެތިކަމެއް.،" ޓޮމް ލިއުއްވި އެވެ.
"2008ގެ [ޗާފް ޗެމްޕިއަންޝިޕް] ތަށި ދިވެހިރާއްޖެއަށް ހޯދައިދިނުމުގައި ޓެކްނިކަލް ޓީމުގައި މުހިއްމު ދައުރެއް އަދާކުރި... މިހާރުގެ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއިން އައްޔަން ކޮށްފައިވާ 7 މެންބަރުންގެ ޓެކްނިކަލްޓީމްގައި ވެސް ހިމެނޭ ސާންތި ކޯޗަކީ ކުޅުންތެރިން އުފެއްދުމުގައި ނަމޫނާ ކޯޗެއް."
ރާއްޖޭގައި މިވަގުތު ހުރި ކުޅިވަރުގެ އެންމެ މޮޅު އެއް ނޫސްވެރިޔާ އައްޒާމް އަލިފުޅު ބުނީ އޭނާއަށް އަބަދުވެސް އިހުސާން ނަސޭހަތް ދިން ކަމަށެވެ.
"ނަސޭހަތް އަބަދުވެސް ހެޔޮހިތުން ގަބޫލުކުރިން. ސާންތީ ކޯޗަށް ހެޔޮ ރަހުމަތްލައްވާށި!،" ފޭސްބުކްގައި ލިއަމުން އައްޒާމް ބުންޏެވެ.