މީދޫ މަތިކިޅީގެ ބޮޑު ބައެއް އަނދާފައި - (ފޮޓޯ/ ސަޖުވާ ޓްވިޓާ)
މަތިކިޅީގެ އަލިފާން ނިއްވާލެވުނު އިރު ބޮޑު ބައި އަނދައި ރީތިކަން ގެއްލިއްޖެ
މަތިކިޅީގެ އަލިފާން ނިއްވާލެވުނު އިރު ބޮޑު ބައި އަނދައި ރީތިކަން ގެއްލިއްޖެ
އައްޑު އަތޮޅު މީދޫ މަތިކިޅީގެ ޗަސްބިމުގައި އިއްޔެ ރޯވި އަލިފާންގަނޑު 12 ގަޑިއިރު ފަހުން ކޮންޓްރޯލްވީ އިރު އެ ސަރަހައްދުގެ ބޮޑު ބައެއް އަނދައިފި އެވެ.
ވީ ކިހިނެއް؟ - މަތިކިޅީގައި އަލިފާންގަނޑު ރޯވީ އިއްޔެ ހެނދުނު 11 ޖަހާކަށް ހާއިރެވެ. ރޭ ވަރަށް ލަސްވަން ދެން ވެސް އަލިފާން ކޮންޓްރޯލްނުވެގެން ހަރަކާތްތެރިވި އެވެ.
މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ކުޅި ސަރަހައްދުގެ ބޮޑުބައެއް ވަނީ އަނދައިފަ އެވެ.
އަލިފާނުގައި މަތިކިޅީގެ ބޮޑު ބައެއް އަނދާފައި
ތަފްސީލް - އައްޑޫގެ މީދޫ ކައުންސިލަރު އާމިނަތު ސޯލިހާ 'ދައުރު'އަށް ވިދާޅުވީ އަލިފާންގަނޑު ނިއްވާލެވުނީ 12 ގަޑިއިރު ފަހުން ރޭގަނޑު 11 ޖެހި ފަހުން ކަމަށެވެ.
"ޗަސްބިމެއް ވުމުން ވަރަށް ގިނައިރު ނަގާ ކޮންޓްރޯލްކުރަން. އެމްއެންޑީއެފްގެ އިތުރުން މީދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި، ފުލުހުންނާއި، މަގުތައް ހެދުމުގެ މަސައްކަތްކުރަމުންދާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ވެސް އިއްޔެ އަލިފާން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި،" އޭނާ ވިދާޅުވި އެވެ.
ސޯލިހާ ވިދާޅުވި ގޮތުގައި ކުޅި ސަރަހައްދުގެ ގާތްގަނޑަކަށް %60 ވަނީ އަނދައިފަ އެވެ.
އަލިފާން ނިއްވާލި ސީދާ ސަބަބު ދެނެގަނެވިފައި ނެތް ނަމަވެސް ސޯލިހާ ފާހަގަކުރެއްވީ އިއްޔެ ހެނދުނު ކުޅި ސަރަހައްދާ ކައިރި ގެއެއްގައި ކުނި އެންދި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބޮޑަށް ބެލެވެނީ ކުނިގަނޑުގައި ރޯކުރި އަލިފާންގަނޑު ކުޅިއާ ހަމައަށް ފެތުރުނީ އެވެ.
"ބޮޑަށް ބެލެވެނީ ކުނި އެންދި އިރު އެ އަލިފާންގަނޑު ފެތުރިގެން ކުޅީގައި ވެސް ރޯވީ،" ސޯލިހާ ވިދާޅުވި އެވެ.