ފަނޑިޔާރު ހުސައިން ޝަހީދު: ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި - (ފޮޓޯ/ ޝަހީދުގެ އިންސްޓަގްރާމް)
ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި މި ވަގުތު ހުންނެވި ހުސައިން ޝަހީދު އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ މި މަހު 4 ވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ހުސްވި މަގާމަށް ދެ ފަހަރު މަތިން އިއުލާންކޮށްގެން ތިން ބޭފުޅަކު ކުރިމަތިލެއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޝަހީދު އައްޔަން ކުރުމަށެވެ.
ތަފްސީލް - ޝަހީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ފަހު ޝަހީދަށް ރުހުން ދިނުމަށް ޖުޑީޝަރީ ކޮމިޓީން އިއްޔެ ފާސްކޮށް އެކުލަވާލި ރިޕޯޓް، މިއަދުގެ ޖަލްސާގައި ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ތަޅުމަށް އިއްވެވި އެވެ.
ކޮމިޓީގެ ރިޕޯޓާ އެއްގޮތަށް ޝަހީދަށް ރުހުން ދިނުމަށް ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ.
ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެގޮތުން:
-
ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ 24 ޖުލައި 2018ގައި
-
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ޝަހީދަށް 18 ނޮވެމްބަރު 2022ގައި ހަވާލުކުރި
-
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރީ30 އޮކްޓޯބަރު 2023ގައި
އޭގެ އިތުރުން ޝަހީދު އަދާކުރައްވާފައިވާ އެހެން މަގާމުތަކަކީ:
-
އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަން
-
ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް ކަން
-
ކްރިމިނަލް ކޯޓުގެ ގާޒީ ކަން
-
ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރު ކަން
ޝަހީދު ހާސިލްކުރައްވާފައިވާ ތައުލީމު:
-
މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވި
-
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރެއްވި
އެނގުން މުހިންމު - ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް އޮންނަ އިޖުރާއަތްތަކަކީ:
-
ކުރިމަތިލާ މީހުން ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން
-
ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެންނަ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
-
މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން
-
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެ
ގުޅުން ހުރި - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވިއިރު ދެ ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެގޮތުން:
-
ސަސްޕެންޑްކޮށްފައިވާ ދެ ފަނޑިޔާރުންނަކީ މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
-
ފަނޑިޔާރުން ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލާކަން ޖޭއެސްސީއަށް އެންގުމުން
-
މަހާޒާއި އަޒްމިރަލްދާގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުން
ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ. އެ މައްސަލަ މި ވަގުތަށް ވަނީ ހުއްޓިފަ އެވެ. އެއީ:
-
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރުން
-
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
ކޮމެންޓް (3)
ތެފައާސާ.
މެކޭނިކް
ތެފައާސާ.