ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު (ވ)، ރައީސް މުހައްމަދު މުއިއްޒު (ކ)؛ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޝަހީދުގެ ނަން ރައީސް އޮފީހަށް ފޮނުވަން ފާސްކޮށްފި - (ފޮޓޯ/ ހައި ކޯޓު)

ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓަށް އައްޔަންކުރަން ޝަހީދުގެ ނަން ރައީސް މަޖިލީހަށް ފޮނުއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އިރު ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް ޖޭއެސްސީން ވަނީ ރައީސް މުހައްމަދު މުއިއްޒަށް ލަފާ އަރުވާފައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި މި ވަގުތު ހުންނެވި ހުސައިން ޝަހީދު އައްޔަން ކުރުމަށް، ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ މި މަހު 4 ވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނެވެ. ހުސްވި މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ:

  • ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު

  • ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު

  • ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް

އޭގެ ތެރެއިން ޝަހީދު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭ ރައީސް މުއިއްޒަށް ލަފާ އެރުވި އެވެ.

ރައީސް މުއިއްޒު މިއަދުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހަށް ޝަހީދުގެ ނަން ފޮނުއްވިކަން ވަނީ އެނގިފަ އެވެ.

މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވެސް ރައީސް ފޮނުއްވި ނަން ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން ރިޔާސަތުން އިއުލާން ކުރުމަށް ވަނީ ހިމަނައިފަ އެވެ.

ތަފްސީލް - ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެގޮތުން:

  • ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ 24 ޖުލައި 2018ގައި

  • ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ޝަހީދަށް 18 ނޮވެމްބަރު 2022ގައި ހަވާލުކުރި

  • ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރީ30 އޮކްޓޯބަރު 2023ގައި

އޭގެ އިތުރުން ޝަހީދު އަދާކުރައްވާފައިވާ އެހެން މަގާމުތަކަކީ:

  • އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަން

  • ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް ކަން

  • ކްރިމިނަލް ކޯޓުގެ ގާޒީ ކަން

  • ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރު ކަން

ޝަހީދު ހާސިލްކުރައްވާފައިވާ ތައުލީމު:

  • މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވި

  • ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރެއްވި

އެނގުން މުހިންމު - ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް އޮންނަ އިޖުރާއަތްތަކަކީ:

  • ކުރިމަތިލާ މީހުން ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން

  • ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެންނަ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން

  • މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެ

ގުޅުން ހުރި - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވިއިރު ދެ ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާއިރު، ފަނޑިޔާރުން ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގުކުރަމުންނެވެ.

ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ. މިހެންވެ، އެ މައްސަލަ މި ވަގުތަށްވަނީ ހުއްޓިފަ އެވެ. އެއީ؛

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

ކޮމެންޓް (3)

ވާލުސޮރު

18 މާރިޗު 2025
ފޮތް އިފްތިތާހު ކުރި ޖަލްސާއަށް ރައީސް ގެންދެވިކަމަށްޓަކާ ލިބުނު ހަދިޔާ
0 0

ދޮނެއި

18 މާރިޗު 2025
ކުރީސަރުކާރުން ސުޕްރީމް ކޯޓަށް ލީ މީހުންނަކީ ރަނގަޅު މީހުންކަމުގައި ވެދާނެ! ނަމަވެސް އެމީހުން ސުޕްރީމް ކޯޓަށް ލުމުގެ އިޖުރާއާތުގެ މައްސަލަތަކެއް އުޅޭ. ޖޭއެސްސީ ބޭނުންކޮށްގެން ހާދަބަޔަކަށް އަނިޔާ ދީފައޭ ވަނީ! ރައީސް ޔާމީނަށް ތާއީދުކުރި ކަމަށްޓަކައި އެމީހުން ވަނީ ވަޒީފާއިން ކަނޑާލާއިފައި. ޔާމީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތާއީދު ކުރީތީ ވަޒީފާ ކަނޑާފައި. މިމީހުންނަކީ އެކްޓިވިސްޓުންނެއް ނޫން. އެއީ އެމީހުން އެފަނޑިޔާރުންނަށް ކުރި ރެސްޕެކްޓު އަސްލު. މި ސައިކަލް އަނބުރާ މިއައީ. މިއަދު އެދަނީ ރިޕީޓުވަމުން. އަންނަ ފަސްއަހަރު މިސައިކަލް އަނެއްކާ ފެއްޓޭނެ. މި ސައިކަލް ހުއްޓުވާކަށް އެއްވެސް ވެރިއެއް ބޭނުމެއް ނުވޭ
0 0

ގގގގގގ

18 މާރިޗު 2025
ސުޕްރީމް ކޯޓު އަނެއްކާވެސް ފަހަތަށް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް