ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު (ވ)، ރައީސް މުހައްމަދު މުއިއްޒު (ކ)؛ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޝަހީދުގެ ނަން ރައީސް އޮފީހަށް ފޮނުވަން ފާސްކޮށްފި - (ފޮޓޯ/ ހައި ކޯޓު)

ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓަށް އައްޔަންކުރަން ޝަހީދުގެ ނަން ރައީސް އޮފީހަށް ފޮނުވަން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ނިހާޔަތު އަދި ގާނޫނީ ވަކީލު ރުސްދުﷲ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މި ވަގުތު ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ހުސައިން ޝަހީދު އައްޔަންކުރަން އޭނާގެ ނަން ރައީސް އޮފީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ފާސްކޮށްފި އެވެ.

ވީކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ މި މަހު ހަތަރުވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. ހުސްވި މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ:

  • ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު

  • ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު

  • ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް

ޖޭއެސްސީން މިރޭ ވަނީ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ ވެސް އިންޓަވިއުކޮށްފަ އެވެ. އިންޓަވިއުތަކަށް ފަހު، ރައީސް އޮފީހަށް ފޮނުވާނެ ނަމެއް ނިންމުމަށް ޓަކައި ހަމަ މިރޭ ކޮމިޝަނުގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ.

ޝަހީދުގެ ނަން ރައީސް އޮފީހަށް ފޮނުވަން ފާސްކުރީ ކޮމިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ.

ތަފްސީލް - ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރައްވާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެގޮތުން:

  • ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ 24 ޖުލައި 2018ގައި

  • ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ޝަހީދަށް 18 ނޮވެމްބަރު 2022ގައި ހަވާލުކުރި

  • ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރީ30 އޮކްޓޯބަރު 2023ގައި

އޭގެ އިތުރުން ޝަހީދު އަދާކުރައްވާފައިވާ އެހެން މަގާމުތަކަކީ:

  • އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަން

  • ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް ކަން

  • ކްރިމިނަލް ކޯޓުގެ ގާޒީ ކަން

  • ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރު ކަން

ޝަހީދު ހާސިލްކުރައްވާފައިވާ ތައުލީމު:

  • މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވި

  • ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރެއްވި

އެނގުން މުހިންމު - ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް އޮންނަ އިޖުރާއަތްތަކަކީ:

  • ކުރިމަތިލާ މީހުން ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން

  • ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެންނަ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން

  • މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެ

ގުޅުން ހުރި - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވިއިރު ދެ ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާއިރު، ފަނޑިޔާރުން ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގުކުރަމުންނެވެ.

ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ. މިހެންވެ، އެ މައްސަލަ މި ވަގުތަށްވަނީ ހުއްޓިފަ އެވެ. އެއީ؛

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

ކޮމެންޓް (1)

އާއްމު މީހާ

17 މާރިޗު 2025
އެހެން ގައުމުތަކުގައި ސުޕްރީމް ކޯޓަށް ދަނީ ވަކީލުކަމުގައި މަސައްކަތްކޮށް އެތަކެއް ދުވަހަކު ތަޖުރިބާ ލިބުމުން! ދިވެހި ރާއްޖޭގައި ކޯޓުތަކުން ވަކީލުކަމަށް އަނބުރާ ދަނީ! ސުޕްރީމް ކޯޓަކީ ސިޔާސީ މަގާމެއްވީމާ ދެންއަންނަ ފަސްއަހަރު ފަނޑިޔާރު ވިސްނުން ހުރީ ވަކީލުކަމަށްތޯ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް