ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު - (ފޮޓޯ/ ހައި ކޯޓް)

ސުޕްރީމް ކޯޓު

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކުރިމަތިލެއްވީ ތިން ބޭފުޅުން؛ އެއީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދާއި ކުރީގެ ޑެޕިއުޓީ ޕީޖީ ނިހާޔަތު އަދި ރުސްދުﷲ

ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި އެވެ.

ވީކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން ކުރިމަތި ލެއްވީ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.

އެހެންވެ މިދިޔަ ބުދަ ދުވަހުގެ ރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު އަނެެއްކާ ވެސް ހުޅުވާލަން ނިންމި އެވެ. މި ފަހަރު ހުޅުވާލީ މިއަދު ހެނދުނު 10 ޖަހާއިރަށެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ވަގުތު ހަމަވިއިރު އިތުރަށް ކުރިމަތިލެއްވީ ދެ ބޭފުޅެކެވެ. އެއީ:

  • ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު

  • ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • އުމުރުން 30 އަހަރު ވެފައިވުން

  • އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން

  • ފަނޑިޔާރުކަން ނުވަތަ ގާނޫނީ ވަކީލުކަން ނުވަތަ މި ދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

އެނގުން މުހިންމު - ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް އޮންނަ އިޖުރާއަތްތަކަކީ:

  • ކުރިމަތިލާ މީހުން ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން

  • ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެންނަ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން

  • މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެ

ފާހަގަކޮށްލެވޭ - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ މި މަހުގެ 4 ވަނަ ދުވަހު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ސުއޫދު އިސްތިއުފާ ދެއްވީ، ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

މި ފަނޑިޔާރުން ސަސްޕެންޑްކޮށް ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަމުން ދަނީ، ޕާޓީން ކަނޑައިލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ހުށަހެޅި މައްސަލަ ބަލައި، މައްސަލަ ނިމެންދެން އެ އިޖުރާއަތަށް އަމަލުކުރުން ހުއްޓުވުމެގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަ ތަން ވެފައި ވަނިކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް