ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ބައެއް ފިލްމުތައް ޓިކްޓޮކާއި ޔޫޓިއުބްގައި އަޕްލޯޑްކޮށްފައި - (ފޮޓޯ: ޑާކް ރެއިން)
ދިވެހި ފިލްމުތައް ވަގަށް ޓިކްޓޮކާއި ޔޫޓިއުބަށް ލާތީ ކަންބޮޑުވުން
ދިވެހި ފިލްމުތަކުގެ މަންޒަރުތައް ނަގައިގެން ޓިކްޓޮކް އާއި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާއަށް އެންމެނަށް ފެންނަ ގޮތަށް އަޕްލޯޑްކުރަމުންދާތީ ރާއްޖޭގައި އެންމެ ގިނަ ފިލްމް އުފައްދައި އެއް ސްޓޫޑިއޯ ޑާކް ރެއިން އެންޓަޓެއިންމަންޓް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީކިހިނެއް؟ - ދިވެހި ފިލްމުތަކާއި ސީރީޒްތަކުގެ ވީޑިއޯތައް ހުއްދައެއް ނެގުމެއް ނެތި އެންމެނަށް ފެންނަ ގޮތަށް ކާކުކަން ނޭނގޭ އެކައުންޓުތަކުން ލަމުން ދާތީވެ ކަންބޮޑުވުން ފާޅުކޮށް ޑާކް ރެއިނުން ވަނީ ފޭސްބުކްގައި ޕޯސްޓެއްކޮށްފަ އެވެ.
ތަފްސީލް - ފިލްމާއީ ސީރީޒް އުފައްދާ ޑާކްރެއިނުން ލިޔެފައިވަނީ އެ މީހުން ފަދަ ފިލްމު އުފައްދާ ފަރާތްތަކަށް މި ވަގުތު އާމްދަނީ ލިބޭ ހަމައެކަނި މަގަކީ އޯޓީޓީ މީޑިއާ ޕްލެޓްފޯމްތައް ކަމަށެވެ.
ރާއްޖޭގައި އެފަދަ ޕްލެޓްފޯމަކަށް އޮތީ ބައިސްކޯފާއި މީޑިއާނެޓެވެ. އެ ދެ ޕްލެޓްފޯމުން ފިލްމު ބެލޭއިރު، އެޕްލިކޭޝަން ބޭނުން ކުރެވެނީ ފީއެއް ދައްކައިގެނެވެ.
ބައިސްކޯފާއި މީޑިއާނެޓަށް އުފައްދާ ކޮންޓެންޓްތައް ވަގަށް ނަގައިގެންނާއި ވީޑިއޯކޮށްގެން ސޯޝަލް މީޑިއާއަށް ދޫކޮށްލުމަކީ ފިލްމު އުފައްދާ ފަރާތްތަކުގެ އާމްދަނީ ދަށްވެ ގެއްލުން ދައްކާނެ ކަމަށް އެ ސްޓޫޑިއޯއިން ބުންޏެވެ.
"ބައިސްކޯފާއި މީޑިއާނެޓްގެ ކޮންޓެންޓްތައް މި ގޮތަށް ސޯޝަލް މީޑިއާއަށް ލެވޭ ކަމަށް ވަންޏާ އެއީ އެ ކުންފުނިތަކަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ލިބޭނެ މޮޑެލްއަކަށް ނުވޭ، އޭގެ އަސަރު އަހަރުމެންނަށް ވެސް ކުރޭ. ފަހަރުގައި އާމްދަނީ ލިބޭނެ އެއްވެސް މަގެއް ދެން ނޯންނާނެ،" ޑާކް ރެއިނުން ލިޔެފައިވެ އެވެ.
ސަރުކާރުތަކުގެ ފަރާތުން ވެސް ފިލްމާއި ކޮންޓެންޓް އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޯ-އެކްޓިވް ސިޔާސަތުތަކެއް ނުފެންނާތީ އެ ކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ދިވެހި ފިލްމު އިންޑަސްޓްރީ އޮތީ އަނދިރިކަމެއްގެ ތެރޭގައި ކަމަށް ވެސް ލިޔެފައިވެ އެވެ.
ކޮމެންޓް (1)
ކޮސް