ގިނަ އަދަދެއްގެ ޑްރަގާއި ފައިސާއާއެކު ހައްޔަރުކުރި ތިން މީހުން؛ ތިން މީހުންގެ ތެރެއިން ކޯޓުން ވަނީ އިމާދު ދޫކޮށްލާފައި - (ފޮޓޯ/ ޕޮލިސް)
ޑްރަގާއި 2 ލައްކަ ރުފިޔާއާ އެކު 3 މީހަކު ހައްޔަރުކޮށްފި؛ ކޯޓުން ދޫކޮށްލީ ނެޓްވޯކްގެ ލީޑަރު ކަމަށް ބުނާ މީހާ
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ދެ ލައްކައަށްވުރެ ގިނަ ރުފިޔާއާއެކު ތިން މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ނެޓްވޯކްގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތުކުރާ މީހުން ކޯޓުން ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - އެއީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރި ބަޔަކެވެ.
ތަފްސީލް - ހައްޔަރުކުރި މީހުންނަކީ:
-
އިބްރާހީމް އިމާދު، 30، ކެނެރީގެ/ ތ. ގާދިއްފުށި
-
މުހައްމަދު ސިމްރާހް، 43، މއ. ވިންޑްސްޓާ 1/މާލެ
-
ސަލާހު ޝިހާބް، 45، ޒަމާނީއާގެ/ ގދ. ރަތަފަންދޫ
ބަލައި ފާސްކުރި ތަންތަނުން ފެނިފައިވަނީ:
-
57.78 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި
-
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241،000ރ.
މީގެ ތެރެއިން އިމާދު ފިޔަވައި ދެން ތިބި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ. އިމާދު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
އިމާދު ބަންދުން ދޫކޮށްލި އަމުރު ވަނީ 'ދައުރު'އަށް ލިބިފަ އެވެ. އިމާދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތައް ކޯޓުން އަމުރުން އެނގުނެވެ. އެގޮތުން:
-
އިމާދު މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ގޮތް ބަޔާންކޮށްފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ކޯޓަށް ހުށަހެޅި
-
ރިޕޯޓު ބުނާ ގޮތުން މަސްތުވާތަކެތި ރައްކާކުރަނީ އިމާދު ދިރިއުޅޭ ވިލިމާލޭގެ ގެއެއްގައި؛ އެކަމަކު އެ ގެ ބަލައިފާސްކުރުމުން ފެނުނީ ފައިސާ އެކަނި
-
އިމާދު މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ވިލިމާލޭގެ އިތުރު ދެ ގެއެއް ވެސް ބޭނުންކުރޭ؛ މަސްތުވާތަކެތި ފެނުނީ އެ ގެތަކުން
-
ނެޓްވޯކް ހިންގަނީ އިމާދުގެ ބެލުމުގެ ދަށުން ތިން ގޭގައި ކަމަށް
-
އިމާދު މަގުމަތިން ހައްޔަރުކުރީ، ހެކި ނައްތާލަން ވެސް މަސައްކަތް ކޮށްފާނެ ކަމަށް ލިބިފައިވާ އިންޓެލް މައުލޫމާތުގެ މައްޗަށް
ކްރިމިނަލް ކޯޓުން އިމާދު ބަންދު ނުކުރަން ނިންމީ އޭނާ ހާޒިރުކޮށް ބަލައިފާސްކުރި، އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނިފައި ނެތުމުން އެ ކަމަށް ރިއާޔަތްކޮށެވެ.
ކޮމެންޓް (1)
ޕޮޕީ