އާސަހަރާގައި މުހައްމަދު މަޖީދު (މެޒޯ މޯޑު) ގެ ޖަނާޒާ ބާއްވައި އޭނާގެ ހަށިގަނޑު ވަޅުލުމުގައި ޖަމާއަތްތެރިންތަކެއް ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖަމާއަތްތެރިންގެ އެލަވަންސް ކަނޑާލުމުން މާލޭ ކައުންސިލުގެ ބަޖެޓުން އެ އެލަވަންސް ދެނީ

ކައުންސިލް ބައްދަލުވުމުގައި މެމްބަރުން ވަނީ އެލަވަންސް ކަނޑާލި ސަބަބެއް ވެސް ފާހަގަކޮށްފައި ނެތްއިރު، ރޯދަމަހާ ދިމާކޮށް މުސާރައިން އެ ވަރު ބޮޑު އެއްޗެއް ކަނޑާލުމުން ދަތިވާނެ ކަަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައި

މީހުން ވަޅުލުމުގެ މަސައްކަތްކުރާ ޖަމާއަތްތެރިންނަށް ދޭ އެލަވަންސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ކަނޑާލަން ނިންމުމުން، އެ އެލަވަންސް ކައުންސިލަށް ލިބޭ އާމްދަނީގެ ބަޖެޓުން ދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލުތަކަށް ސީއެސްސީން ފޮނުވާފައިވާ ސާކިއުލާގައިވާ ގޮތުން ޖަމާއަތްތެރިންނަށް ދޭ އެލަވަންސް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އުވާލާފަ އެވެ. އެެހެންކަމުން، މާލިއްޔަތު ގަވާއިދާ ފުށުނާރާ ގޮތަކަށް، ކައުންސިލުތަކުން ކަނޑައަޅާ ގޮތެއްގެ މަތިން އެ އެލަވަންސް ދިނުމުގައި އަމަލުކުރުމަށް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

ތަފްސީލް - މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލުގެ ބައްދަލުވުމުގައި އެ ކައުންސިލަށް ލިބޭ އާމްދަނީގެ ބަޖެޓުން އެ އެލަވަންސް ހަމަޖައްސަން ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމް އެވެ.

ޖަމާއަތްތެރިންނަކީ މުހިންމު މަސައްކަތެއް ކުރާ ބަަޔަކަށްވާއިރު، ކުއްލިއަކަށް އެ މީހުންގެ އެލަވަންސް ކަނޑާލުން އިންސާފުވެރި ނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ:

  • ސީއެސްސީން ޖަމާއަތްތެރިންގެ އެލަވަންސް ކަނޑާލުމުން ކޮންމެ ޖަމާއަތްތެރިއެއްގެ މުސާރައިން 1500ރ. ކެނޑޭ

  • އެ 1500ރ. ކައުންސިލަށް ލިބޭ އާމްދަނީގެ ބަޖެޓުން ހަމަޖައްސަން ފެނޭ

ކައުންސިލުގެ ބަޖެޓުން އެ ވަރު ހަމަޖައްސަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ ތާއީދާ އެކު އެވެ. މިއަދުގެ ބައްދަލުވުމުގައި ހުރިހާ މެމްބަރުން ވެސް ފާހަގަކުރެއްވި އަނެއް ކަންބޮޑުވުމަކީ ޖަމާއަތްތެރިން ފަދަ މުހިންމު މަސައްކަތެއް ކުރާ ބައެއްގެ އެލަަވަންސް ކަނޑާލިއިރު، އެލަވަންސް ކަނޑާލި ސަބަބެއް ވެސް ފާހަގަކޮށްފައި ނެތުމެވެ.

މެމްބަރުން ވިދާޅުވީ ރޯދަމަހާ ދިމާކޮށް މުސާރައިން އެ ވަރުގެ ބޮޑު އެއްޗެއް ކަނޑާލުމުން ދަތިވާނެ ކަަމަށާއި އެއީ ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެލަވަންސް ކަނޑާލި ސަަބަބު ހޯދަން ސީއެސްސީއަށް ހުށަހެޅުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ފާސްކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް