މަރްޔަމް ނިހާޔަތު

ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ ނިހާޔަތު އެކަނި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެންމެ ބޭފުޅަކު ކުރިމަތިލެއްވިއިރު ރައީސް ބޭނުންފުޅުވާ ނަމެއް ވެސް މަޖިލީހަށް ފޮނުއްވޭނެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަނިކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، ހުސްނުއްސުއޫދު މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލީ މިދިޔަ ހޯމަ ދުވަހު، މިއަދު ހެނދުނު 11 ގެ ނިޔަލަށެވެ.

މުއްދަތު ހަމަވިއިރު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ނިހާޔަތު އެކަންޏެވެ.

ތަފްސީލް - ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް އޮންނަ އިޖުރާއަތްތަކަކީ:

  • ކުރިމަތިލާ މީހުން ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން

  • ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެންނަ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން

  • މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެ

ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ނިހާޔަތު އެކަނި ކުރިމަތިލެއްވިއިރު، ރައީސް މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަން ޖޭއެސްސީއަށް ފޮނުއްވާނެ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ.

ފާހަގަކޮށްލެވޭ - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސުއޫދު އިސްތިއުފާ ދެއްވީ، ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

މި ފަނޑިޔާރުން ސަސްޕެންޑްކޮށް ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަމުން ދަނީ، ޕާޓީން ކަނޑައިލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ހުށަހެޅި މައްސަލަ ބަލައި، މައްސަލަ ނިމެންދެން އެ އިޖުރާއަތަށް އަމަލުކުރުން ހުއްޓުވުމެގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަ ތަން ވެފައި ވަނިކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް