އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ހަރަކާތެއް: އަންހެނުން ބާރުވެރިކުރަން ހަތް ޕާޓީއަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި - (ފޮޓޯ/އެމްޑީޕީ)

އަންހެނުން ބާރުވެރިކުރުމުގެ އެއްބަސްވުމުގައި 7 ސިޔާސީ ޕާޓީއަކުން ސޮއިކޮށްފި

ވެސްޓްމިނިސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީގެ އިސް ނެގުމުގެ މަތީން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރި ޕާޓީތަކުގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީ ހިމެނޭ

ސިޔާސީ މަސްރަހުގައި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުމަށާއި އަންހެނުން ސިޔާސީ ގޮތުން ބާރުވެރިކުރުމުގެ އެއްބަސްވުމެއްގައި ހަތް ސިޔާސީ ޕާޓީއަކުން އިއްޔެ ސޮއިކޮށްފި އެވެ.

ވީކިިހިނެއް؟ - އެއީ ވެސްޓްމިނިސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީ (ޑަބްލިއުއެފްޑީ) ގެ އިސް ނެގުމުގެ މަތިން އެކުލަވާލާފައިވާ އެއްބަސްވުމެކެވެ. އެއްބަސްވުމުގައި އިއްޔެ ސޮއިކުރީ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ދިމާކޮށެވެ.

ތަފްސީލް - އެ ފައުންޑޭޝަނުން ބުނި ގޮތުގައި އެއްބަސްވުމުގައި ސޮއިކުރި ޕާޓީތަކަކީ:

  • ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީ (ސަރުކާރު ހިންގާ ޕާޓީ)

  • މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ (އިދިކޮޅު މައި ޕާޓީ)

  • ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފް

  • ދަ ޑިމޮކްރެޓްސް

  • އަދާލަތު ޕާޓީ

  • މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭ

  • މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީ

އެއްބަސްވުމުގައި ސޮއިނުކޮށް ވަނީ ދެ ޕާޓީއެކެވެ. އެއީ ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ޓާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެވެ.

އެ އެއްބަސްވުމުގައި ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުންނަށް ކުރިމަތިވާ އަނިޔާ ހުއްޓުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން އަޅަންޖެހޭ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ.

އެއްބަސްވުމުގައި ހިމެނޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ޕާޓީތަކުގެ ތެރޭގައި ސިއްރު ހިފެހެއްޓޭ ޝަކުވާގެ ނިޒާމެއް ގާއިމުކުރުމާއި ޖަވާބުދާރީވުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން

  • ސިޔާސީ ގޮތުން ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދިނުމަށް އުސޫލުތަކެއް ޕާޓީތަކުން އެކުލަވާލުން

  • ޕާޓީތަކުގެ ތެރޭގައި ހޭލުންތެރިކަމާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކަށް ހާއްސަ ބަޖެޓެއް ކަނޑައެޅުން

  • އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންތައްތައް އަމިއްލައަށް މޮނިޓާކޮށް، މުރާޖައާކޮށް، އަދި ރިޕޯޓުކުރުމަށް

ބުނީ ކީކޭ؟ - ޑަބްލިއުއެފްޑީން ބުނީ އެ އެއްބަސްވުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ކުރި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މުހިއްމު އެއްބަސްވުމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި އެއްބަސްވުމުގެ ޒަރީއާއިން ސިޔާސީ މަސްރަހުގައި އަންހެނުންނަށް ޒަމާނުއްސުރެ ކުރިމަތިވަމުން އައިސްފައިވާ ހުރަސްތައް މަދުކޮށް ފާހަގަކުރެވޭ ފަދަ އިސްލާހީ ބަދަލުތަކެއް ގެނައުން އަދި ގައުމީ ފެންވަރުގެ ނިންމުންތައް ނިންމުމުގައި އަންހެނުންނަށް ބަސްބުނުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގައި ހަރުދަނާ އަދި ޝާމިލު ޑިމޮކްރެޓިކް ވެއްޓެއް ޤާއިމުކުރުމަށް މަގުފަހިކޮށްދިނުން،" ޑަބްލިއުއެފްޑީން ނެރުނު ބަޔާނުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް