ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ގަވައިދަށް ފެއްތުމަށް 'ކުރަނގި'ގެ ނަމުގައި ފެށި އޮޕަރޭޝަންގެ ތެރެއިން ބިދޭސިންގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަނީ (ދައުރު ފޮޓޯ/ އަޒްމީ އަހުމަދު)
ރޯދަ މަހު ބިދޭސީންގެ ޑޭޓާ އެއްކުރުމުގެ މަސައްކަތްކުރަން 4 ތަނެއް ހަމަޖައްސައިފި
ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ހިމެނޭހެން ބަޔޯމެޓްރިކްސް ޑޭޓާގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މި ރޯދަ މަހު ކުރުމަށް 4 ތަނެއް ހަމަޖައްސާފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހޯމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، އަންނަ އާދީއްތަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ބަޔޯމެޓްރިކްސް ޑޭޓާ ނެގުމުގެ އިންތިޒާމު ތިން ތަނަކު ހަމަޖައްސާފައިވާ ކަމަށެވެ. އެ ތަންތަނަކީ:
-
ނެޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު
-
ނޯތު ހާބަރުގައި ބަހައްޓާފައިވާ ޑެސްކް
-
ކަލާފާނު ސްކޫލް ހޯލް
މި ތިން ތަނުގެ އިތުރަށް މިއަދުން ފެށިގެން ހަ ރޯދަ ނިމެންދެން ރެހެންދި ސްކޫލް ހޯލްގައި ވެސް ޑޭޓާ ނެގުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
މި 4 ތަނުން ޑޭޓާ ނެގުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
-
ރެހެންދި ސްކޫލް ހޯލުން ކޮންމެ ދުވަހަކު ރޭގަނޑު 9:30 އިން 12:30އަށް
-
ދެން ހުރި ތަންތަނުން ހެނދުނު 9:30 އިން ހަވީރު 4އަށް އަދި ރޭގަނޑު 9:30 އިން 11:30އަށް
-
ހުކުރު ދުވަހު މަަސައްކަތް ނުކުރާ ގޮތަށް
ފާހަގަކޮށްލެވޭ - ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ ޖެނުއަރީ މަހު ވިދާޅުވި ގޮތުގައި، އޮޕަރޭޝަން ފެށި ފަހުން 9 މަސް ތެރޭގައި 25،483 ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ.