މިދިޔަ އާދިއްތަ ދުވަހުން އިން ފެށިގެން ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި. (ފޮޓޯ/ޕޮލިސް)
އިތުރު 91 ޕެކެޓް ހެރޮއިން ހޯދައިފި؛ 2 ދުވަހުން 119 ކިލޯގެ ޑްރަގް އަތުލައިގެންފި
ހެރޮއިން ކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ އިތުރު 91 ޕެކެޓް ފުލުހުން ހޯދައިފި އެވެ. މިއާ އެކު، ދެ ދުވަހުގެ ތެރޭގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 119 ކިލޯއަށް ވަނީ އަރާފަ އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑީޕާޓްމަންޓް (ޑީއީޑީ) އިން މާލޭގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި، ބުރުޒު މަގުން ދިޔަ ޓެކްސީއެއް ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި އަޅާފައި ހުރި 28 ޕެކެޓް ވަނީ އަތުލައިގެންފަ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވީ، އޭގެ ފަހުން 91 ޕެކެޓް ހެރޮއިން ހޯދާފައިވާ ކަމަށާއި މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ހޯދި މަސްތުވާތަކެތީގެ ޖުމްލަ އަދަދު 119 ކިލޯއަށް އަރާފައިވާ ކަމަށެވެ.
ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އާދިއްތަ ދުވަހުގެ ރޭ ހޯދި މަސްތުވާތަކެެއްޗާ އެކު ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި:
-
މިދިޔަ ސެޕްޓެމްބަރު 28ގައި ކްރިމިނަލް ކޯޓުން ދައުވާ ސާބިތު ނުވެގެން ސަމަލާމަތްވި، ފުލުހުން ތުހުމަތުކުރި ނެޓްވޯކުގައި ހިމެނޭ ހަ މީހުންގެ ތެރެއިން އެކަކު ހިމެނޭ
-
މަސްތުވާތަކެއްޗާއި ވައްކަމުގެ ރެކޯޑު އޮންނަ އެ މީހާ އަކީ މި ނެޓްވޯކުގެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތުކުރޭ
އެނގުން މުހިންމު - މިފަހުން ފުލުހުން ވަނީ ދެ އޮޕަރޭޝަނެއްގައި ޖުމްލަ 300 ކިލޯގެ ޑުރަގު ވެސް އަތުލައިގެންފަ އެވެ. އޭގެ ތެރެއިން 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ހުރިހާ ދިވެހިން މިހާރު ވަނީ މިނިވަންވެފަ އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެ މައްސަލައިގައި ހައްޔަރުކުރި އަށް ދިވެހިން ވެސް ދޫކޮށްލި އެވެ. އަދި ހައްޔަރުގައި ތިބި ދެ ބިދޭސީންގެ ބަންދު ވަނީ ދަމަހައްޓާފަ އެވެ.