ގަވާއިދު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ފެމެލީ ކޯޓުގެ ފަރާތުން ބައިވެރިވި ފަރާތްތައް (ފޮޓޯ/ މަޖިލިސް)
ދަރިންގެ ހަރަދު ބައްޕަގެ އާމްދަނީއަށް ބަލައި ކަނޑައަޅަން ފެނޭ: ފެމެލީ ކޯޓް
ދަރިންގެ ހަރަދަށް ވަކި މިންވަރެއް ގާނޫނުން ކަނޑައެޅުމުގެ ބަދަލުގައި ބައްޕަގެ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތާއި ކައިވެނިކޮށްގެން އުޅުނު އިރު ކުއްޖާ ދިރިއުޅުނު ހާލަތަށް ރިއާޔަތްކޮށް ދަރިންގެ ހަރަދަށް ވަކި އަދަދެއް ކަނޑައަޅަން ފަނޑިޔާރުގެ އަތްމައްޗަށް ދޫކޮށްލަން ފެންނަ ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ދެމަފިރިން ވަރިވުމަށް ފަހު ދަރިންގެ ހަރަދަށް ދޭ 2،000ރ. ބޮޑުކޮށްދިނުމަށް ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެ މައްސަލަ ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އެނގުން މުހިންމު - އާއިލާއާ ބެހޭ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ކުއްޖާގެ އުމުރުން 18 އަހަރު ވަންދެން ހަރަދުގެ ގޮތުގައި ދޭންޖެހެނީ:
-
ކުއްޖާ ބެލުމުގެ ހަރަދަށް، އެއް ކުއްޖަކު ހުރި ނަމަ 2،000ރ.
-
އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1،000ރ.އަށް ވުރެ މަދު ނޫން އަދަދެއް
-
އޭގެ އިތުރުން ކޮންމެ ދަރިއަކަށް އަހަރަކު ތިން ހެދުން
-
ކިޔަވައިދިނުމުގެ ހަރަދުގެ ގޮތުގައި ދެ ޔުނީފޯމާއި އެއް ބޫޓާއި ފޮތް ލިސްޓާއި ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެތި
-
ބޭސް ފަރުވާގެ ހަރަދު
ތަފްސީލް - އެ މައްސަލަ ބެލުމަށް މަޖިލީހުގެ ގަވާއިދު ކޮމެޓީން މިއަދުވަނީ ކަމާބެހޭ މުއައްސަސާތަކާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހްމަދު މައުސޫމް ވިދާޅުވީ އެކި ކުދިންގެ ދިރިއުޅުމުގެ ފެންވަރު ތަފާތުވުމުން ވަކި އަދަދެއް ކަނޑައެޅުމަކީ އެންމެ ހަމަހަމަ ގޮތަށް ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ހަރަދު މިގޮތަށް ގަވާއިދުގައި ކަނޑައަޅާފައި އޮތުމަށް ވުރެ އަޅުގަނޑުގެ ވިސްނުމަށް އަންނަ ގޮތުން ވެއްޖެޔާ ކުއްޖާގެ ބައްޕައަށް ނުވަތަ ޝަރުއީ ބަލަދުވެރިޔާއަށް ކުއްޖާއަށް ހަރަދު ދިނުމަށްޓަކައި އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތެއް އެއީ އެމީހެއްގެ އާމްދަނީ އަށާއި އެމީހެއްގެ ގާބިލުކަމަށް ބަލާފައި ހަރަދު ކަނޑައެޅުން،" މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރިންގެ ހަރަދުބަރަދު ކަނޑައަޅާ އިރު އެ ކުއްޖަކު، ދެމަފިރިއަކު އެއްކޮށް ދިރިއުޅުނު އިރު ދިރިއުޅުމުގެ ފެންވަރު ހުރި ގޮތަށާއި ޝަރުއީ ބަދަލުވެރިއާގެ ގާބިލު ކަމަށް ބަލަން ޖެހެ އެވެ.
"އެކި ކުދިންގެ ތައުލީމް ދިނުމަށްޓަކައި މި ހިޔާރު ކުރެވެނީ އެކި ސްކޫލުތައް. އެކިކުދިންގެ އަންނައުނު މި ހިޔާރު ކުރަނީ އެކި ގޮތްގޮތަށް އެކި މިންވަރަށް. [އެހެންވީމާ] ކުއްޖާގެ ބައްޕަގެ ނުވަތަ ޝަރުއީ ބަލަދުވެރިއެއްގެ އެ ގާބިލުކަމާ އެކަންކަމަށް ބަލާފައި ހަރަދު ކަނޑައެޅުން ކަންނޭނގެ އެއީ އަޅުގަނޑަށް ގަބޫލުކުރެވޭ އެންމެ ރަނގަޅު ގޮތަށް ވާނީ،" އޭނާ ވިދާޅުވި އެވެ.
މައުސޫމް ވަނީ އެހެނިހެން ހަރަދުތައް ކޯޓުން ނަގައިދެވޭ ކަމަށާއި އެގޮތަށް ބަލާކަމުގައިވާ ނަމަ 2،000ރ. އަކީ ކުޑަ އަދަދެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭގެ މިސާލެއްގެ ގޮތުން އެއް ކުއްޖެއްގެ ހަރަދަށް 16،500ރ. ނަގައިދިން މައްސަލައެއް އޭނާ ފާހަގަކުރެއްވި އެވެ.
އެފަދަ ހަރަދުތައް ހޯދަން ކޯޓަށް ވަކި މައްސަލައެއް ހުށަހަޅަން ޖެހެ އެވެ. އެކި އެކި ސަބަބުތަކާ ހުރެ އެފަދަ މައްސަލަތަކުގައި ކޯޓަށް ދިއުމަށް އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިވާކަން ފެމެލީ ކޯޓުން އަދި މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވި ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި ފެމެލީ ލީގަލް ކްލިނިކްގެ ބޭފުޅުން ވެސް ފާހަގަކުރެއްވި އެވެ.
"ގާނޫނުގައި ކޯޓުތަކުން ހަރަދު ލާޒިމް ކުރާއިރުގައި މި ލާޒިމްކުރަނީ އެންމެ ކުޑަކޮށް މިއޮންނަ އަދަދު. އެއީ ކުދިންގެ ބައްޕައިން މިއަދަދަށް ވުރެ އިތުރަށް ދޭން ކޯޓުތަކުގައި އެެއްބަސްނުވާތީ ހާލަތަށް ބަލާފައި،" ފެމެލީ ލީގަލް ކްލިނިކްގެ ލީގަލް އޮފިސާ ހަދީޖާ ރާބިއާ ވިދާޅުވި އެވެ.
މިހާރުގެ އިގްތިސޯދީ ހާލަތަށް ބަލާއިރު ގާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަދަކީ ކުޑަ އަދަދެއް ކަމަށާއި އެ އަދަދަށް ބަދަލު ގެންނައިރު ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ހާލަތަށް ރިއާޔަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އެ ހުކުމް ތަންފީޒު ކުރެވޭ އުސޫލުތަކެއް ގާއިމުކޮށް ހަރަދަށް ކަނޑައަޅާ ފައިސާ ކުދިންގެ ބައްޕަ ނުދައްކާ ސަބަބު ދެނެގަނެ ވަށައިޖެހޭ ހައްލެއް ގެނެސްގެން ނޫނީ މައްސަލަ ހައްލު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ ފަހަރަށް ދިމާވެފައި އޮންނަ އިޝޫއަކީ އެންމެ ބޮޑު އިޝޫއަކީ ތަންފީޒުކުރުމަށް އަންނަ އިޝޫ ކުދިންގެ ބައްޕައިންގެ ފަރާތުން، މި ތަންފީޒުކުރެވޭ ކަހަލަ ގޮތަކަށް މި އިޝޫއަށް ހައްލެއް މުޅި އާއިލާ އާ ބެހޭ ގާނޫނަށް ގެނައިމަ އެންމެ ރަނގަޅުވާނީ،" ރާބިއާ ވިދާޅުވި އެވެ.
އޭގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މައުސޫމް ވަނީ ކައިވެނީގެ ކުރިން ހިންގާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ވެސް މިހާރަށް ވުރެ ފުޅާކޮށް މައުލޫމާތު ދިނުން މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
ކޮމެންޓް (1)
ސިކުނޑި