މަޖިލިސް މެންބަރުންނަށް ފެށި ގާނޫނީ ދާއިރާގެ ކޯހުގެ މައުލޫމާތު ބައެއް މެމްބަރުންނަށް ދެނީ - (ފޮޓޯ/ އައިޔޫއެމް)

މަޖިލިސް މެންބަރުންނަށް ގާނޫނު ކިޔަވައިދޭން ކޯހެއް ފަށައިފި؛ އެކަމަކު އެމްޑީޕީ މެންބަރުންނަށް ނާންގާ ކަމުގެ ޝަކުވާ

މި ކޯސް ހިންގަނީ އިސްލާމިކް ޔުނިވާސިޓީން. އެއީ އެޑްވާންސް ސެޓްފިކެޓްއިން ޝަރީއާ އެންޑް ލޯގެ ކޯހެއް. މަޖިލީހުގެ އަށް މެންބަރަކު ބައިވެރިވޭ
18 ފެބްރުއަރީ 2025
4

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ފޯރުކޮށްދޭން ހާއްސަ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ. އެކަމަކު އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެމްޑީޕީއަށް ނުލިބޭ ކަމަށް އެ ޕާޓީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބުނީ އެ ޔުނިވާސިޓީ އާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން އިއްޔެ ފެށީ އެޑްވާންސް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯގެ ކޯހެއް ކަމަށެވެ. އެއީ އެއް އަހަރުގެ ކޯހެކެވެ. އަށް މެންބަރަކު ކޯހުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް އެ ޔުނިވަސިޓީން ބުންޏެވެ.

ބުނީ ކީކޭ؟ - ކޯސް ފެށުމުގެ ގޮތުން އައިޔޫއެމްގައި ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިފަދަ ކޯހެއް މަޖިލިސް މެންބަރުންނަށް ހިންގަން އެދިވަޑައިގަތީ މެންބަރުންނަކީ އިލްމީ މަސައްކަތްތަކެއް ކުރެވޭނެ ގާބިލްކަން ލިބިފައިވާ ބަޔަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

އެއީ 20 ވަނަ މަޖިލީސް އިންތިހާބުވުމާ އެކު، މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު ވަރަށް އެދިވަޑައިގެންނެވި ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންކަމުން މެންބަރުންގެ ތައުލީމާ ގުޅޭ މިފަދަ ފުރުސަތެއް ފެށުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ލަފާފުޅާއި، ބެހެއްޓެވި ޝައުގުވެރިކަމަށްޓަކައި ނުހަނު އިހުލާސްތެރިކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރުއަދާކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންނަށް ފެށި ގާނޫނީ ދާއިރާގެ ކޯހުގެ މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުގެ ތެރެއިން - (ފޮޓޯ/ އައިޔޫއެމް)

އެކަމަކު އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ މި ކޯސް ހިންގާ ކަން އެ މެންބަރުންނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވި ގޮތުގައި އެފަދަ ކޯހެއް ހިނގާ ކަން ވެސް އެނގިވަޑައިގަތީ ބައެއް ނޫސްތަކުން އެ ކަން ރިޕޯޓް ކުރުމުންނެވެ.

އޭނާ ވިދާޅުވީ މައިނޯރިޓީން ބައިވެރިނުކުރުމުގެ ވިސްނުމެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ވެދާނެ ސަރުކާރުގެ މެންބަރުންނަށް ހިންގަވާ ޕްރޮގްރާމަކަށް ވެސް. އަޅުގަނޑަކަށް އެއްގޮތަކަށް ވެސް އަންގައިފައި އޮތް ކަމެއް ނޫން ތިއީއެއް،" ނާޒިލް ވިދާޅުވި އެވެ.

"ދެން އިއްތިފާގަކުން ވެސް މިއަދު ތިޔަ ކަމެއް އެނގުމުގެ ވެސް ކުރިން، އަޅުގަނޑު ވާނެ މިއަދު ހެނދުނު މަޖިލިސް ހިނގައި ގޮތުގެ ބައެއް ކަންބޮޑުވުންތަކާ އެކު މަޖިލީހުގެ ރައީސްއަށް ސިޓީއެއް ފޮނުވާފައި."

ކޮމެންޓް (4)

ޙުސައިން

19 ފެބްރުއަރީ 2025
ތިއީ މަޖިލީހަށް ވަނުމުގެ ކުރިން ކަނޑައަޅަންޖެހޭ ޝަރުޠެއް.
1 0

ކިލަމަންޑާ

18 ފެބްރުއަރީ 2025
މީ ރާއްޖޭގަ އެންމެ ބޮޑު މުސާރަދޭ މަގާމު. ޝަރުތެއް ނެތް ފެންވަރެއް ނެތް. މީ އިސްލާމްދީނާ ޚިލާފުކަމެއް. ދީނުގައި އޮންނަނީ ކަމުގެ އަހުލުވެރިންނަށް ނޫނީ ޒިންމާތައް ހަވާލު ނުކުރުމަށް
11 0

ރިނާބް

18 ފެބްރުއަރީ 2025
ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ޝަރުތު ކަނޑައަޅަންޖެހޭ. ގާނޫނު ހަދާ މަޖިލިހެއްގައި ތިބެންޖެހޭނީ ތައުލީމީ ގޮތުން ގާބިލް ބައެއް. އެއީ އިސްލާމީ އުސޫލަކީ. ދިވެހިރާއްޖޭގައި ތައުލީމީ މީހުން މަދަކީ ނޫން
6 0

ތެފައާސާ.

18 ފެބްރުއަރީ 2025
އެޑްވާންސް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ ކިޔެވުމުގެ ކުރިން އަސާސީ ތައުލީމު އުގެނުން މުހިންމުވާނެ. ގްރޭޑު 10 ގައި ކިޔެވުމުގެ ކުރިން އޭގެ ތިރީ ގްރޭޑުތަކުގައިވެސް ކިޔަވަން ޖެހެނީތާ!!
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް