ނަޒާހާ ސުޕްރީމް ކޯޓުގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި

ނަޒާހާއަށް އިއްވި އުމުރު ދުވަހުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި

ހުކުމް އިއްވި ފަހުން ގާނޫނަށް އައި އިސްލާހުތަކާ ގުޅިގެން ނަޒާހާގެ އަދަބަށް ލުޔެއް ލިބޭތޯ ބަލާއިރު އެފަދަ ލުޔެއް ވެސް ލިބިދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި

ފިރިމީހާ މަރާލިކަން ސާބިތުވެ މަރިޔަމް ނަޒާހާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ. 

ވީ ކިހިނެއް؟ - ނަޒާހާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރުވީ ބުރަކަޓަށް ވަޅިން ހަމަލާދިނުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް 2010ގަ އެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލާގައި ނަޒާހާ 25 އަހަރަށް ޖަލަށް ލާން 2011ގައި ދަށު ކޯޓުން ހުކުމްކުރީ އޭނާގެ އިއުތިރާފުން ކުށް ސާބިތުވުމާ ގުޅިގެންނެވެ. ނަޒާހާ ބުނީ ޝާހިދަށް ހަމަލާދެވުނީ އޭނާގެ ފަރާތުން ލިބެމުންދިޔަ ގެވެށި އަނިޔާތަކަށް ކެތް ނުކުރެވިގެން ކަމަށެވެ. އަދި އެއީ އަމިއްލަ ނަފްސުގެ ދިފާއުގައި ދެވުނު ހަމަލާއެއް ކަަމަށާއި ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ނަޒާހާ ބުނެފައި ވެއެވެ.

އޭނާގެ މައްޗަށް މަރުގެ ހުކުމެއް ނައީ ޝާހިދުގެ އާއިލާގެ ފަރާތުން އެގޮތް ބޭނުން ނުވުމުންނެވެ.

އޭގެ ފަހުން:

  • ޖިނާއީ ކޯޓުގެ މި ނިންމުމަށް 2015ގައި ހައި ކޯޓުން ތާއީދުކޮށް، ހުކުމް ދެމެހެއްޓި 

  • މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނަޒާހާގެ ފަރާތުން ހުށަހެޅީ އޭގެ ހަ އަހަރު ފަހުން، 2021ގައި

  • މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ 21 ސެޕްޓެމްބަރު 2022ގައި 

  • ސުޕްރީމް ކޯޓުގައި އޭނާ އެދިފައިވަނީ ކުށަށް އެކަށީގެންވާ އަދަބެއް ދެވިއްޖެ ކަމަށް ކަނޑައަޅައި މިނިވަންކޮށްދިނުމަށް

ނަޒާހާގެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލާގެ ފަނޑިޔާރުންގެ ބެންޗު

ބުނީ ކީކޭ؟ - އެ މަައްސަލާގައި ހުކުމް ކުރަން މިއަދު ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ކަނޑައެޅީ ރަނގަޅަށް ކަމަަށެވެ. އަދި އޭގެ ފަހުން ގާނޫނަށް އައި އިސްލާހުތަކާ ގުޅިގެން ނަޒާހާގެ އަދަބަށް ލުޔެއް ލިބޭތޯ ބަލާއިރު އެފަދަ ލުޔެއް ލިބިދެވޭނެ ތަނެއް ވެސް ނެތް ކަމަށް ކަނޑައެޅި އެވެ. 

މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ރައުޔުގައި ވިދާޅުވީ ނަޒާހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ނިންމީ ރަނގަޅަށް ކަމަށް ބުރަވެވޭ ކަމަށެވެ. މުއުތަސިމްގެ ރައުޔުގައި ވިދާޅުވީ:

  • ހަމަލާދިނީ ބުއްދިއަށް އުނިކަން އައިސްފައިވާ ހާލަތެއްގައި ނުވަތަ ނަފްސުގެ ދިފާއުގައި ކަމަށް ނަޒާހާ ބުނި ނަމަވެސް އެކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އޭނާގެ ފަރާތުން ހުށަހަޅާފައެއް ނުވޭ

  • އެ މައްސަލައިގެ ހުކުމް އިއްވި ފަހުން ގާނޫނަށް އައިސްފައިވާ އިސްލާހުތަކުގެ ސަބަބުން ނަޒާހާގެ އަދަބަށް ލުޔެއް ލިބޭތޯ ބަލާއިރު އެފަދަ ލުޔެއް ލިބިދެވޭނެ ތަނެއް ނެތް

  • ނަޒާހާގެ ފަރާތުން ނަގާ ދިފާއަކީ އޭނާއަކީ 'ބެޓާޑް ވިމެން ސިންޑްރޮމް' ތަހަންމަލު ކުރަމުންދާ މީހެއް ކަމާއި ޝާހިދަށް ހަމަލާދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް 

  • އެކަމަކު އެފަދަ ހާލަތަކަށް މަޖުބޫރުކަމެއް ނަޒާހާއަށް ކުރިމަތިވެފައިވާ ކަމަކަށް ނުބެލެވޭ؛ އިސްލާމީ ޝަރީއަތުގައި ކިތަންމެ ބޮޑު މަޖުބޫރު ކަމެއް ކުރިމަތިވިޔަސް މީހަކު މަރައެއް ނުލެވޭނެ

ފަނޑިޔާރުން ރައުޔު އިއްވަމުންދިޔައިރު ނަޒާހާ ޝަރީއަތުގެ މަޖިލީހުގައި ރޮނީ

ނަޒާހާގެ މައްޗަށް ކުށް ސާބިތުކުރީ ރަނގަޅަށް ކަމަށް މުއުތަސިމް ވިދާޅުވި ރައުޔަށް ޑރ. އަޒްމިރާލްދާ ޒާހިރު ތާއިދުކުރެއްވި އެވެ. އަޒްމިރާލްދާގެ ރައުޔުގައި ވިދާޅުވީ:

  • ނަފްސު ދިފާއުވުމުގެ ހައްގު އުފަންވަނީ ހަމަލާދޭ ވަގުތު

  • ހަމަލާދޭތާ އެތައް އިރެއް ފަހުން ދޭ ހަމަލާއަކީ ދިފާއުގައި ދޭ ހަމަލާއަކަށް ނުވާނެ؛ އޭރުން އެ ދޭ ހަމަލާއަކަށް އެ މީހަކު ޖިނާއީ ޒިންމާ އުފުލަން ޖެހޭނެ

  • ޝާހިދަށް ހަމަލާދިނީ ނަޒާހާގެ ގައިގައި ތަޅާނެ އެއްޗެއް ހޯދަން ޝާހިދު އުޅެނިކޮށް ކަމަށް އޭނާގެ ފަރާތުން ތަހުގީގުގައި އަދި ކޯޓުގެ މަރުހަލާގައި ވެސް ބުނެފައިވޭ

  • އެކަމަކު އެ ވަގުތު ނަޒާހާ ހުރި ނަފްސާނީ ހާލަތަށް ބާރު ލިބިދޭ އެއްވެސް ހެއްކެއް އޭނާގެ ފަރާތުން ހުށަހަޅާފައި ނުވާތީ ނަފްސާނީ އުނިކަމެއް ހުރިކަން ސާބިތުކޮށްދެވިފައެއް ނުވޭ

މި ރައުޔަށް ދެން މި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަލީ ރަޝީދު ވެސް ތާއީދުކުރެއްވުމުން ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ.

މި މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔުގައި ވިދާޅުވީ ނަޒާހާއަކީ ތަކުރާރުކޮށް ޝާހިދުގެ ފަރާތުން ގެވެށި އަނިޔާ ލިބެމުންދިޔަ މީހެއްކަން އޭނާގެ ވާހަކަތަކުން އެނގޭއިރު، އޭނާގެ ފަރާތުން ޝާހިދަށް ދިން ހަމަލާއަކީ މަރާލުމުގެ ގަސްތު އޮވެގެން ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް