ޕީސީބީގެ އޮފީސް ހިންގާ އިމާރާތުގައި ޕީސީބީގެ ނަން ބޯޑާއި، އެ އިމާރާތުގައި އޮފީސް ހިންގާ ދައުލަތުގެ އެހެން އިދާރާތަކުގެ ނަން ބޯޑު (ދައުރު ފޮޓޯ/ ހުސެން ސުނޭން)

ރޯދަ މަހު މުވައްޒަފުންނަށް އިތުރު ހަދިޔާ ނުދީ، ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން އަންގައިފި

ސަރުކާރު ކުންފުނިތަކަށް ޕީސީބީން ވަނީ މިއަދު ދެ ސާކިއުލާއެއް ނެރެފައި
12 ފެބްރުއަރީ 2025
1

ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި ރޯދަ މަހާ ދިމާކޮށް ހަދިޔާ އާއި ހަދިޔާގެ ގޮތުގައި އިތުރު ފައިސާ ނުދިނުމަށާއި ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައި ބެހެއްޓުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އެ ކުންފުނިތަކަށް އަންގައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރު ކުންފުނިތަކަށް ޕީސީބީން މިއަދު ދެ ސާކިއުލާއެއް ނެރުނެވެ. އެއް ސާކިއުލާއަކީ ރޯދަ އިނާޔަތް ދިނުމާ ގުޅޭ ގޮތުން ނެރުނު ސާކިއުލާއެކެވެ. އަނެއް ސާކިއުލާއަކީ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް މި ވަގުތު އަޅަންވީ ފިޔަވަޅުތަކުގެ ސާކިއުލާއެކެވެ.

ތަފްސީލް - ރޯދަ އިނާޔަތާ ގުޅޭ ގޮތުން ނެރުނު ސާކިއުލާގައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުން ދިނުމަށް ލާޒިމުކުރާ 3،000ރ.ގެ އިނާޔަތް ކޮންމެ މުސްލިމު މުވައްޒަފަކަށް ދޭން ވާނެ އެވެ. ނަމަވެސް އިތުރު އެއްޗެއް ނުދޭން އޭގައިވެ އެވެ.

އޭގެ އިތުރަށް އަންގާފައި ވަނީ:

  • މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދޭނީ އަސާސީ ވަޒީފާ އޮންނަ ކުންފުންޏަކުން

  • ރޯދަ މަހު ޕޭ ލީވް ނުވަތަ ނޯ ޕޭ ލީވްގަައި ތިބޭ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ނުދިނުން؛ ރޯދަ މަސް ތެރޭގައި ވަޒީފާއަށް ނުކުމެއްޖެ ނަމަ، ނުކުންނަ ދުވަހުން ފެށިގެން އިނާޔަތަށްވާ ފައިސާ ދިނުން

  • ޑިރެކްޓަރުންގެ ބޯޑުގައި ތިބޭ ނަން-އެގްޒެކްޓިވް މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ނުދިނުން

ދެވަނަ ސާކިއުލާގައި މުވައްޒަފުންގެ ހަރަދު، ދަތުރުތަކުގެ ހަރަދު އަދި އެހެނިހެން ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން އަންގާފައިވެ އެވެ.

މުވައްޒަފުންގެ ހަރަދު ކުޑަކުރުމަށް އަންގާފައިވާ ފިޔަވަޅުތަކަކީ:

  • ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ވިޔަސް، ކުންފުނީގެ އޮޕަރޭޝަން ހިންގަން ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން އިތުރު މުވައްޒަފުން އެ މަގާމުތަކަށް ނުނެގުން

  • ޕީސީބީން އާންމުކޮށްފައިވާ އިދާރީ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގައި އަމަލުކުރަންވީ ގޮތުގެ ގައިޑްލައިންގައިވާ ގޮތަށް މެނުވީ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުން

  • ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމޭނެ ގޮތަކަށް ކުންފުނީގެ މަސައްކަތްތަައް ރޭވުމާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން

  • ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރަ އާއި އިނާޔަތް ނުދިނުން

  • ތަމްރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާ ގުޅޭ މުވައްޒަފުން ބޭނުން ކުރުމާއި ރާއްޖޭން ލިބެން ހުރި ވަސީލަތްތައް ބޭނުން ކުރުން

  • ކޮންމެހެން މި ވަގުތަށް ކުރަން ޖެހޭ މަސައްކަތްތައް ނޫން އެހެން މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރުން

  • ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކަށް ބަލައި މުވައްޒަފުން އިތުރުވާ ނަމަ ނުވަތަ މަސައްކަތް ނުކުރާ ވަގުތު ގިނަ ނަމަ، އިތުރު މުވައްޒަފުން ނުނަގައި އެފަދަ މުވައްޒަފުން ކުންފުނިން ކޮންމެހެން ފަށަން ޖެހޭ ޕްރޮޖެކްޓްތަކާއި ކުރިއަށްދާ ޕްރޮޖެކްޓްތަކުގައި ބޭނުން ކުރުން

ދަތުރުތަކުގެ ހަރަދު ކުޑަކުރުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކަކީ:

  • ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ކޮންމެހެން ކުރަން ޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މި ވަގުތަށް ހުއްޓާލުން

  • ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގުވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނަށް އޮންލައިންކޮށް ބައްދަލުކުރުން

  • ރާއްޖޭން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތަކުގައި ފަސްޓް ކްލާސް އަދި ބިޒްނަސް ކްލާސްގައި ދަތުރު ނުކުރުން

  • ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ބޮޑަކަށް ކުޑަކުރުން

  • ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ވީހާ ވެސް ބޮޑަކަށް ފެރީން ދަތުރުކުރުން

  • އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ހަރަދުތައް ވީހާވެސް ކުޑަވާނެ ގޮތަކަށް ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުން

  • ކުންފުންޏަށް ސީދާ ގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުން

އެހެނިހެން ހަރަދުތައް ކުޑަކުރުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކަކީ:

  • ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ ވީ އެންމެ ފުޅާކޮށް އެ ކަން ކުރުމަށް އަދި ކަރަންޓުގެ ހަރަދު ކުޑަކުރުން

  • ކަރުދާހާއި ސްޓޭޝަނަރީސްއަށް ކުރާ ހަރަދު ކުޑަކޮށް މުއާމަލާތްތައް ޑިޖިޓަލްކޮށް ކުރުން

  • އިވެންޓުތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުން

  • އިވެންޓުތަކުގެ ރެފްރެޝްމަންޓްތަކަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުން

  • ކުންފުނީގެ އެނުއަލް ޕްރޮކިއުމަންޓް ޕްލޭނާއި ބަޖެޓާ އެއްގޮތަށް ޕްރޮކިއުމަންޓްތައް ހިންގުން

  • ކޮންސިއުމަބަލް ގަތުމުގައި ކޮންމެހެން ބޭނުންވާ ވަރަށް ގަތުން

  • ސީއެސްއާރު އަދި ސްޕޮންސާޝިޕް ދިނުމުގައި ޕީސީބީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއް ގޮތަށް ވީހާ ވެސް ހަރަދު ކުޑަވާނެ ގޮތަކަށް ދިނުން

  • ފާސްކޮށްފައިވާ އަހަރީ ބަޖެޓްގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ވެސް ކޮންމެހެން ކުރަން ޖެހޭ ކަންކަން ފިޔަވައި އިތުރު ހަރަދުތައް ނުކުރުން

ކޮމެންޓް (1)

ޙަސަނު

12 ފެބްރުއަރީ 2025
ގައުމެއް ނެތް! ޜައްޔިތުން ފެލައިފި
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް