ކ-ވ: ޝިއުނީން، ސަރީރް އަދި ސަލްމާ.
ބޫޓާނާއި ކުވޭތާއި ސްވިޒަލޭންޑަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަން ފޮނުވައިފި
ރާއްޖޭން ތިން ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރެއްވުމަށް، ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމުތަކަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވި ބޭފުޅުންގެ ނަންތައް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފަ އެވެ.
ތަފްސީލް - ރައީސް ފޮނުއްވީ:
-
ރާއްޖޭން ބޫޓާނަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް ރާއްޖޭން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު
-
ރާއްޖޭން ކުވޭތަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރު
-
ރާއްޖޭން ސްވިޒަލޭންޑަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ޖެނީވާގައި ހުންނަ އދ.ގެ މަރުކަޒުތަކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު
މިއަދުގެ ޖަލްސާގައި، ރާއްޖޭން ބައިނަލްއަގުވާމީ އިތުރު ޖަމްއިއްޔާއަކަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ބޭފުޅަކު ހަމަޖެއްސެވުމަށް އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީފުޅު ވެސް ވަނީ އިއްވާފަ އެވެ. އެއީ:
-
ރާއްޖޭން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ގޮތުގައި ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަރީރު އައްޔަން ކުރުމަށް
މި ހުރިހާ މައްސަލަތަކެއް ވެސް ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.
އޭގެ އިތުރުން، މިއަދުގެ ޖަލްސާގައި ވަނީ ބާން ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް ލިޓްރަރީ އެންޑް އާޓިސްޓިކް ވޯކްސްގައި ރާއްޖޭން ބައިވެރިވުމަށް ރުހުން ހޯދަން ވެސް މަޖިލީހަށް ފޮނުވާފަ އެވެ.