އެމްއާރުއެމްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެ ޕާޓީގެ ޒައީމް، ކުރީގެ ރައީސް މައުމޫން ރިޔާސަތު ބަލަހައްޓަވަނީ - (ފޮޓޯ/ އެމްއާރުއެމް)
އެންމެ ފަހުން އެމްއާރުއެމް އުވާލައި، ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިސްވެ އުފެއްދެވި ތިންވަނަ ސިޔާސީ ޕާޓީ، އެމްއާރުއެމް އުވާލުމުގެ މަސައްކަތް ނިމި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން މިއަދު އުނިކޮށްފި އެވެ.
ވީކިހިނެއް؟ - އެމްއާރުއެމް އުވާލިކަން އިއުލާންކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އަދި މިހާރު އެ ކޮމިޝަނުގެ ވެބްސައިޓުގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ވެސް އެ ޕާޓީއެއް ނެތެވެ.
ތަފްސީލް - ސަރުކާރުގެ ގެޒެޓުގައި ބުނެފައިވާ ގޮތުގައި އެމްއާރުއެމް އުވާލީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ މެންބަރުން ހަމަނުވެ، މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ވެެސް މެންބަރުން ހަމަނުކުރެވުމުންނެވެ. އެގޮތުން:
-
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަނީ ޕާޓީއެއްގައި މަދުވެގެން 3،000 މެންބަރުން ހަމަވާން ޖެހޭނެ ކަމަށް
-
މިދިޔަ އަހަރުގެ ނިޔަލަށް އެމްއާރުއެމްގެ ދަފްތަރުގައި ތިބީ 1،867 މެންބަރުން، މިދިޔަ އަހަރު ޖޫން މަހުގެ ނިޔަލަށް ތިބީ 2،200 މެންބަރުން
އެނގުން މުހިންމު - ރާއްޖޭގެ ވެރިކަން 30 އަހަރު ދުވަހު ކުރެއްވި މައުމޫން އިސްވެ އުފެއްދެވި ތިން ޕާޓީގެ ތެރެއިން ދެ ޕާޓީއެއް މިހާރު މި ވަނީ އުވާލައިފަ އެވެ. އެންމެ ފުރަތަމަ އުފެއްދި ޑީއާރުޕީ ވަނީ 15 މާޗު 2023ގައި އުވާލައިފަ އެވެ.
ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ދުވަހު ވެރިކަމުގައި ހުންނެވި މައުމޫން އުފެއްދެވި ޕީޕީއެމް ވެސް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ވަނީ ފާސްކޮށްފަ އެވެ. ޕީޕީއެމް އުވާލުމުގެ މަސައްކަތް، އީސީއާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
ފާހަގަކޮށްލެވޭ - މީގެ ކުރިން 2023ގައި ވެސް އެމްއާރުއެމް އުވާލަން އީީސީން ނިންމި އެވެ. ނަމަވެސް އެ ފަހަރު މެންބަރުން ހަމަކުރަން އެ ޕާޓީން ހުށަހެޅި ފޯމުތައް ޕްރޮސެސްކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި، އީސީގެ ނިންމުން ސިވިލް ކޯޓުން ބާތިލްކުރި އެވެ.