ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް: މައުމޫން ޑީއާރުޕީގެ ދަރަންޏަކަށް ޒިންމާކުރުވަން އުޅޭ މައްސަލަ ފެށުން ފަސްކޮށްފި - (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އެމްޓީސީސީން އެދިގެން ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާކުރަން އުޅޭ މައްސަލަ ފެށުން ފަސްކޮށްފި

ސުޕްރީމް ކޯޓަށް މިދިޔަ އޭޕްރީލްގައި ހުށަހެޅި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ އޭގެ 9 މަސް ފަހުން މިއަދު ހެނދުނު 9 ޖަހާއިރަށް؛ ނަމަވެސް ސުޕްރީމް ކޯޓުގެ ތާވަލުގައި މިހާރު އެ އަޑުއެހުމެއް ނެތް
22 ޖެނުއަރީ 2025

އެމްޓީސީސީއަށް ޑީއާރުޕީން ދައްކަން ޖެހޭ ދަރަންޏަކަށް އެ ޕާޓީގެ ކުރީގެ ޒައީމް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޒިންމާކުރުވަން އުޅޭތީ އެ މަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް ފެށުން ފަސްކޮށްފި އެވެ.

މައްސަލައިގެ ފެށުން - ސިވިލް ކޯޓުން 2010 ވަނަ އަހަރު، އެމްޓީސީސީއަށް ޑީއާރްޕީން 1.1 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރި އެވެ. މި ފައިސާ ހުކުމާ އެއްގޮތަށް ނުދެއްކުމުން ޑީއާރްޕީގެ ބޭންކް އެކައުންޓްތަކުން ހޯދުނީ އެންމެ 2،609.33ރ. އެވެ.

ދެން މައްސަލާގައި ކަން ހިނގި ގޮތަކީ:

  • ބާކީ ފައިސާ ހޯދަން އެމްޓީސީސީން ސިވިލް ކޯޓަށް ދިޔައީ އެ ދަރަންޏަށް މައުމޫން ޒިންމާ ވާން ޖެހޭނެ ކަމަށް ބުނެ

  • އެމްޓީސީސީން ހަވާލާދެނީ ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ޕާޓީ އުފެދުނު އިރު ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް ބުނާ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ މާއްދާއާ

  • ސިވިލް ކޯޓުން މައްސަލަ ނިންމީ އެ މަނިކުފާނު އެ ފައިސާއަށް ޒިންމާ ވާން ޖެހޭ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް

  • އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން މައްސަލަ ބޭރުކޮށްލުމަށް މައުމޫން އެދިވަޑައިގެންނެވި، ނަމަވެސް ހައި ކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދިއުމަށް

  • ސުޕްރީމް ކޯޓަށް މައުމޫން ހުށަހެޅުއްވީ ހައި ކޯޓުގެ އެ ނިންމުމުގެ އިސްތިއުނާފު،

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓަށް މިދިޔަ އޭޕްރީލްގައި ހުށަހެޅި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ އޭގެ 9 މަސް ފަހުން މިއަދު ހެނދުނު 9 ޖަހާއިރަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ތާވަލުގައި މިހާރު އެ އަޑުއެހުމެއް ނެތެވެ.

ތަފްސީލް - އެނގިފައިވާ ގޮތުގައި މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެމްޓީސީސީން ވަނީ އެދިފަ އެވެ. މިއަދުގެ ތާވަލުން އަޑުއެހުން ނެގީ އެހެންވެ އެވެ. މިހާ ފަހުން ފުރަތަމަ އަޑުއެހުން ތާވަލުވި ސަބަބެއް ވެސް ނޭނގެ އެވެ.

މައްސަލަ ބައްލަވާނެ ބެންޗު ވެސް ސުޕްރީމް ކޯޓުގެ ތާވަލުގައި ހިމަނާފައިވެ އެވެ. ބެންޗުގައި ތިއްބަވާނެ ފަނޑިޔާރުންނަކީ:

  • ޑރ. އަޒްމިރާލްދާ ޒާހިރު

  • އާއިޝާ ޝުޖޫން މުހައްމަދު

  • ޑރ. މުހައްމަދު އިބްރާހީމް

އެނގުން މުހިންމު - މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ޕާޓީ، ޑީއާރުޕީގައި ގާނޫނުގައި ލާޒިމުކޮށްފައިވާ އަދަދަށް މެންބަރުން ހަމަނުވެގެން އެ ޕާޓީ މިހާރު ވަނީ އުވާލައިފަ އެވެ.

ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ މަގުބޫލުކަން ވެއްޓެން ފެށީ، ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި މައުމޫން އެ ޕާޓީން ވަކިވެވަޑައިގެން، 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވި ހިސާބުންނެވެ.

މައޫމޫން އިސްވެ ތިން ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. ޕީޕީއެމްގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެ ޕާޓީން އެ މަނިކުފާނު ވަކިކުރި ފަހުން އެމްއާރުއެމް ނަމުގައި ޕާޓީއެއް އުފެއްދެވި އެވެ. 

ޕީޕީއެމް އުވާލަން އެ ޕާޓީން ނިންމި އިރު، ޑީއާރުޕީއެކޭ އެއްގޮތަށް އެމްއާރުއެމް ވެސް ގާނޫނުގައި ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވާތީ ޕާޓީ ވަނީ އުވާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް