މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ޕީއެންސީ މެމްބަރު ލަތީފުގެ އިންޒާރު ވަޒީރުންނަށް: އިހުލާސްތެރި ނޫން ނަމަ ރައީސާ ގާތް ވިޔަސް ވަކިކުރާނަން

މެންބަރު އަބްދުލްލަތީފް ވިދާޅުވީ ބައެއް ވަޒީރުން އުޅުއްވަނީ މެންބަރުންގެ ކޯލުތަކަށް ޖަވާބުނުދެއްވައި ފިއްލަވައިގެން ކަމަށް
20 ޖެނުއަރީ 2025
4

މި ސަރުކާރުގެ ބައެއް މިނިސްޓަރުން ސަރުކާރަށާއި ރައީސް މުހައްމަދު މުއިއްޒަށް އިހުލާސްތެރި ނޫން ކަމަށާއި އިހުލާސްތެރި ނޫން ނަމަ ވަކިކުރާނެ ކަމަށް ވިދާޅުވެ ހއ. ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފު މުހައްމަދު މިއަދު ވަޒީރުންނަށް އިންޒާރުދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ޑިސެމްބަރު މަހު ކެބިނެޓަށް ގެނައި ބަދަލާ އެކު މިނިސްޓަރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވޯޓުލައިފަ އެވެ. ލަތީފް މި މޭރުމުން ވާހަކަ ދެއްކެވީ އެ ވަޒީރުންނަށް ރުހުން ދޭން ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - ލަތީފް ވިދާޅުވީ ރައީސާ މާ ގާތް ގުޅުމެއް އޮންނަ ބައެއް ވަޒީރުންނަށް އަބަދު އެ މަގާމުގައި ދެމިތިއްބެވޭނެ ކަމަށް އެ ވަޒީރުން ދެކެވަޑައިގަންނަވާ ކަމަށެވެ. މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެފަދަ ބައެއް ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައިވާކަން އޭނާ ހަނދާންކޮށްދެއްވި އެވެ.

"އަޅުގަނޑުމެން ވަޒީރުންނަށް ރުހުން މިދެނީ ސަގާފީ ކަމެއް ނޫން. މިއީ އާދަކާދައިގެ ކަމެއް ވެސް ނޫން. ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުއްވީތީ އެ ދޭ އުސޫލަކުން ވެސް ނޫން މިދެނީ. ވަރަށް މާތް މަގުސަދެއްގައި މިދެނީ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކުރަން ތިބި ވަޒީރުން މިއީ،" ވަރަށް ބޮޑަށް ނުރުހުންވެވަޑައިގެން ހުންނަވައި ލަތީފް ވިދާޅުވި އެވެ.

ވަޒީރުން މެންބަރުންގެ ކޯލުތަކަށް ޖަވާބުނުދެއްވާ މައްސަލަ އާއި ރައްޔިތުންނަށް ކަންތައްތައް ނުކޮށްދޭ މައްސަލަ ބޮޑުވެފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.

"ވަޒީރުންނަށް ދަންނަވާލަން [އޮތް] ވާހަކައަކީ އަޅުގަނޑުމެން ރުހުން ދިން ކަމުގައި ވިޔަސް އެ ރުހުން އަނބުރާ ގެނެވޭ ގޮތަށޭ މި އޮންނަނީ. ވަކިކުރަން ޖެހިއްޖެއްޔާ ވަކި ވެސް ކުރެވޭ ގޮތަށޭ އޮންނަނީ. މިހެން މި ދަންނަވަން ޖެހުނީ ބައެއް ވަޒީރުން ފަހަކަށް އައިސް އަޅުގަނޑުމެންގެ އިއްޒަތްތެރި ބައެއް މެންބަރުން، މިތާ މިތިބަ އިދިކޮޅު މެންބަރުން ވެސް ފޯނުކުރީމަ ފޯނު ނުނަގާ ވަހަކަ، ޖަވާބުދާރީ ނުވާ ވާހަކަ، ކަންކަން ނުކޮށްދޭ ވާހަކަ."

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ލަތީފް ވަނީ ބައެއް ވަޒީރުން ރައީސަށް އިހުލާސްތެރިކަމާ އެކު މަސައްކަތްކޮށްދެއްވާކަން ކަށަވަރުނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ދާއިރާގައި ވަރަށް ގިނަ ކަންތައް، އަޅުގަނޑުގެ ދާއިރާ ނޫނަސް ވަރަށް ގިނަ މެންބަރުންގެ ދާއިރާތަކުގައި ވަރަށް ބުރަތަކާއި ތަކުލީފު އުފުއްލަވަން ޖެހޭ. ބައެއް ވަޒީރުންނަށް ހީވާ ކަހަލަ ރައީސުލްޖުމްހޫރިއްޔާއާ މާ ގާތްވީމަ އެ ބޭފުޅުންނަށް އެ މަގާމުގައި ތިބެވޭނޭ ވަަރަށް ބައިވަރު ދުވަހު،" އޭނާ ވިދާޅުވި އެވެ.

"އެހެންނެއް ނޫން އޮތީކީ. ނިމިދިޔަ 2018 ވަނަ މަޖިލީހުގައި ވެސް އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ ސަރުކާރުގައި ވަޒީރުން މަގާމުން ވަކިކޮށްފައި. އެކަން މިހާރު ވެސް ހަނދާންކޮށްދެން ވަޒީރުންނަށް. އަޅުގަނޑުމެންނަށް އިހުލާސްތެރިކަމާ އެކު މި ސަރުކާރަށް، ރައްޔިތުންނަށް އިހުލާސްތެރިކަމާ އެކު ހިދުމަތް ނުކޮށްދެވޭ ނަމަ، މަސައްކަތްނުކޮށްދެވޭނެ ނަމަ ވަޒީރުންނަށް އެ މަގާމުގައި ދެމިތިބެވޭނެ ކަމަށް ހީކޮށްގެން ނުވާނެ. އެހެން މި ދަންނަވަނީ ސަރުކާރު ހިންގުމުގައި ރައީސަށް އިހުލާސްތެރިކަން ދައްކައިދެން ޖެހޭނެ."

ލަތީފް ވިދާޅުވީ ބައެއް ވަޒީރުން އުޅުއްވަނީ ފިލައިގެން ކަމަށާއި އެގޮތަށް ކަންތައްތައް ވެގެން ނުވާނެ ކަމަށެވެ. މެންބަރުންގެ ގާތުގައި ރައްޔިތުން އެ ޝަކުވާތައް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމަ ރައީސުލްޖޫމްހޫރިއްޔާއާ މާ ބޮޑަށް ގާތްވީމަ ތިމަން މަނިކުފާނަށް މަގާމުގައި ދެމިހުރެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް،" އަޑަށް ބާރުލައްވައި ލަތީފް އޭނާގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވި އެވެ.

ކޮމެންޓް (4)

މޫސާ ކިނާން

21 ޖެނުއަރީ 2025
މި އުޅެނީ ވަޒީރުން މަސައްކަތް ނުކޮށްގެނެއްނޫން. މަޖިލީސް މެންބަރު ބޭނުންވާ ބައެއް ކަންކަން ނުކުރެވިގެން އެއީ ބޭނުން މީހުން ވަޒީފާތަކަށް ނުލެވު،ާއި ވަކިނުކުރެވުން ފަދަ ފަސާދަތައް ނުހިންގިގެން. ބައެއް ވަޒީރުން ބޯހަރުކަމުން.
0 1

ސިކުނޑި

20 ޖެނުއަރީ 2025
ކުރިން މަޖިލީހުގައި ލަތީފް ހިމެނޭގޮތަށް 12 މެންބަރުން އުޅުނު ހާލުވެސް އެ ދާއިރާތަކުގެ ރައްޔިތުންނަށް ފެނުނު! މާލީ މަސްލަހަތާއި ޒާތީ ކަންކަން ހާސިލުކުރަން ރައްޔިތުންގެ ނަން ގެންނާކަށް ނުޖެހޭނެ! ރައްޔިތުންވެސް ވޯޓުލައިގެން މެންބަރުންނާއި ރައީސަކު ހޮވަނީ ހޮވަން ޖެހޭތީ! ކޮންމެހެން ބޭނުންވެގެނެއްނޫން!
1 1

ކޮސް

20 ޖެނުއަރީ 2025
މިއީ ދެބޯގެރިދުއްވަން ދައްކާވާހަކަ. މުއިއްޒުގެ ނާގާބިލުކަން ފޮރުވާފަ މިނިސްޓަރުންގެ ބޮލަށް ކަނޑާލަން އުޅޭނެކަމެެއްނެތް. ފުރަތަމަ ވަކިކުރަން ވީ އެއްފަރާތަކީ މިއީ. ފުރަތަމަ ދޯނިބަންނަ ފަލާޙު.
6 2

ތެފައާސާ.

20 ޖެނުއަރީ 2025
"..ވަޒީރުންނަށް ދަންނަވާލަން *އިން* ވާހަކައަކީ އަޅުގަނޑުމެން ރުހުން ދިން ކަމުގައި ވިޔަސް އެ ރުހުން އަނބުރާ ގެނެވޭ ގޮތަށޭ މި އޮންނަނީ..." ކޮންތަނަކަށް އަރައިތޯ ވާހަކަ އިނީ؟ ގަހަކަށް އަރައިތޯ އެހެން ނޫނީ މޭޒެއް މައްޗަށް އަރައިތޯ؟ ރަނގަޅަށް ދިވެހިބަހުން ވާހަކަ ދައްކަން ފުރަތަމަ ދަސްކޮށްބަލަ، އޭގެ ފަހުން ގާނޫނު ހެދުމާއިގެން އުޅޭނީ...؟
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް