ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު

އަބްދުﷲ ޖިހާދު

ޖިހާދުގެ ޝަރީއަތް ކުރިއަށް ގެންދަން ހައި ކޯޓުން ހުކުމްކޮށްފި

މި ގޮތަށް ހައި ކޯޓުން މައްސަލަ ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން
13 ޖެނުއަރީ 2025

ދައުލަތަށް ގެއްލުންވާ ގޮތަށް ކ. ފުށިދިއްގަރުފަޅު ދޫކުރި ކަމަށް ބުނާ މައްސަލާގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފާހަގަކޮށްލެވޭ - ޖިހާދަކީ ޑިވެލޮޕްމަންޓް ބޭންކާއި އޮފްޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނެވެ.  

ވީކިހިނެއް؟ - ކްރިމިނަލް ކޯޓުން ނިންމީ ޖިހާދަށް ކުރީ ދައުވާ މަދަނީ މިންގަނޑަށް ނުފެތޭތީ ކަމަށް ބުނެ މައްސަލަ ބޭރު ކުރުމަށެވެ. އެއީ:

  • އެންޓި-ކޮރަޕްޝަން (އޭސީސީ) އިން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް އަލުން ތަހުގީގު ކުރާއިރު އަދި ރިޔާސީ ކޮމިޝަނަކުން ތަހުގީގު ކުރި ސަބަބު ނޭނގޭތީ

  • ލިބުނު ކަމަށް ބުނާ އާ ހެއްކަކީ ވެސް ޖުލައި 2022ގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތަހުގީގަށް ދީފައިވާ ބަޔާނެއް؛ ނަމަވެސް އަދީބު ދައްކަވާ ވާހަކަތަކުގެ ތެދާއި ދޮގު ޔަގީން ކުރަން ތަހުގީގުން ކުރި ކަމެއް ދައުލަތަށް ބުނެ ނުދެވޭތީ

ދައުލަތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން މިއަދު ހުކުމްކުރީ އެ ގޮތަށް ނިންމީ ރަނގަޅަކަށް ނޫން ކަމަށެވެ. އެ ގޮތުން:

  • އަދީބުގެ ބަޔާނެއް ފުލުހުން ހޯދުމަކީ ތަހުގީގު ސައްހަ ނުވާނެ ކަމަކަށް ބަލަން ޖެހޭ ގާނޫނީ ސަބަބެއް ނެތް

  • ތަހުގީގު އަލުން ފަށަން އެންގުމުގެ ބާރު ޕްރޮސެކިއުޓަ ޖެނެރަލްއަށް އޮތް ކަމާއި ރިޔާސީ ކޮމިޝަނަކީ ގާނޫނުން ބާރު ލިބިގެން އުފައްދާފައިވާ ކޮމިޝަނެއް ކަން

މި ގޮތަށް ހައި ކޯޓުން މައްސަލަ ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:

  • ހުސައިން މަޒީދު (ރިޔާސަތު)

  • މުހައްމަދު ނިޔާޒު

  • މުހައްމަދު ފައިސަލް

ދައުވާކުރި މައްސަލަ - ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވުމުގެ ކުށުގެ ދައުވާ އެވެ. އެގޮތުން:

  • އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު

  • ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް، ކެބިނެޓުން އޭރު ނިންމީ ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން

  • ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ޖިހާދު ސޮއިކުރެއްވީ ސަރުކާރުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް

  • ސަރުކާރާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ސޮއިކުރީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު

އިތުރު އާޓިކަލް

އިތުރު އާޓިކަލް