އަމީނީ މަގުން ގިޔާސުއްދީން ކުރިމަތީގައި ހުރި ގޭގެ ހަވަނަ ބުރީގެ ބެލްކަނީގެ ބިއްލޫރިގަނޑު ވެއްޓި މަގުމައްޗަށް ފުޅިތޮށިތައް ބުރައިގެން ގޮސްފައި
އަމީނީ މަގުގައި ހުރި ގެއެއްގެ ބެލްކަނިން ބިއްލޫރިގަނޑެއް ވެއްޓި ފުލުހަކު ޒަހަމް ވެއްޖެ
އަމީނީ މަގުގައި ގިޔާސުއްދީން ސްކޫލްގެ ކުރިމަތީގައި ހުރި ގެއެއްގެ ބެލްކަނިން ބިއްލޫރިގަނޑެއް ވެއްޓި ފުލުހަކު މިއަދު ޒަހަމްވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޒަހަމްވި ފުލުސް މީހާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ ބިއްލޫރިގަނޑުން ޖެހި އޭނާގެ ބޯ ފެޅިފައިވާ ކަމަށެވެ. ނަމަވެސް ފުރާނައަށް ނުރައްކާ ވަރުގެ ޒަހަމެއް ނެތެވެ.
ތަފްސީލް - 'ދައުރު'އަށް ލިބުނު ފޮޓޯތަކުން އެނގޭ ގޮތުގައި އިމާރާތުގެ ހަ ވަނަ ބުރީގެ ބެލްކަނީގައި ތިން ބަޔަށް ބިއްލޫރި ހަރުކޮށްފައި ހުއްޓެވެ. އޭގެ ތެރެއިން ވެއްޓިފައި ވަނީ އެއް ފަރާތުގެ ބިއްލޫރިގަނޑެވެ.
އެ ބިއްލޫރިގަނޑު ވެއްޓުނު ވަގުތު ފުލުސް މީހާ އިނީ އޭނާއަށް އައި ފޯނު ކޯލަކާ ގުޅިގެން ގޭގެ ކުރިމަތީގައި މަޑުކޮށްލައިގެންނެވެ.
"އަސްލު މަރު އެތިފަހަރެއް މިއީ. ނަސީބަކުން ބިއްލޫރިގަނޑު ފުރަތަމަ ޖެހުނީ ހޮޅިދަނޑީގައި. އެހެން ނޫން ނަމަ ސީދާ އޭނާގެ ގައިގައި އައިސް ޖެހޭނީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ބިއްލޫރިގަނޑު ޖެހުނީ ހޮޅިދަނޑީގެ މަތީ ކޮޅުން ލަނބާލާފައި އޮތް ބައިގަ އެވެ. ޖެހުމާ އެކު ބިއްލޫރިގަނޑު ފުނޑުފުނޑުވީ އެވެ.
ފުލުސް މީހާ އައިޖީއެމްއެޗަށް ގެންގޮސް ބޮލުގައި ބޭސް އަޅާފައި މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އާއިލާއިން ވާހަކަދެއްކި މީހާ ބުނި ގޮތުގައި މިއީ އިމާރާތްތަކުގެ ރައްކާތެރިކަން ކުޑަކަމުގެ މިސާލެކެވެ.
މި ހާދިސާ ހިނގުމާ އެކު ފުލުހުން އެ ސަރަހައްދު ބަންދު ވެސް ކުރި އެވެ.
މާލޭގެ ބައެއް އިމާރާތްތަކުން އެއްޗެހި ވެއްޓި ވަރަށް ނުރައްކާތެރި ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. އެންމެ ހިތާމަވެރި އެއް ހާދިސާއަކީ ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ހަތް އަހަރުގެ އަންހެން ކުއްޖަކު، ޑިސެމްބަރު 2017ގައި މަރުވުމެވެ.
ކޮމެންޓް (3)
ޙަޒް
ހަސަންދީ
ތުސީ