އަލް އަގްސާ މިސްކިތް: މިއީ އިސްލާމުންގެ ތިން ވަނަ އަށް އެންމެ މުގައްދަސް މިސްކިތް
އިޒްރޭލުގެ ދިފާއީ ވަޒީރު އަގުސާ މިސްކިތަށް ވަނުން ރާއްޖޭން ކުށްވެރިކޮށްފި
އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތާމަރު އަގުސާ މިސްކިތަށް ވަދެގަތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ރާއްޖޭން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިރުމަތީ ގުދުސަށް ވަޒީރު ގޮސް މިސްކިތަށް ވަނުމުން އަރަބް ލީގުންނާއި އަރަބި އަދި މުސްލިމު ގައުމުތަކުން އަންނަނީ އެކަން ކުށްވެރިކޮށް، ބަޔާން ނެރެމުންނެވެ.
ތަފްސީލް - ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށެވެ.
އެފަދަ ތަންތަނުގެ ދީނީ އަދި ތާރީހީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިޒްރޭލުން ކުރަމުންދާ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މިއީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާ އެކު، ދުނިޔޭގެ 2 ބިލިއަނަށް ވުރެ ގިނަ މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލެއް ކަމުގައި ވެސް ދިވެހި ސަރުކާރުން ދެކެމެވެ،" ބަޔާނުގައިވެ އެވެ.
މިފަދަ އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުން ކަށަވަރުކުރުމަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖޭން ވަނީ ގޮވާލާފަ އެވެ.
އިޒްރޭލާއި ފަލަސްތީނުގެ ސަރަހައްދަށް ދެމެހެއްޓެނިވި އަދި ސުލްހަވެރި ހައްލެއް ގެނޭވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި ފަލަސްތީނަކީ މިނިވަން ދައުލަތެއް ގޮތުގައި ބަލައިގެން ކަމަށް ރާއްޖޭން ބުންޏެވެ.