ތ. ވޭމަންޑޫ: ވޭމަންޑޫގައި ދިރިއުޅޭ ފްރާންސް އާއިލާ ފުރުވާލަނީ އެ އާއިލާއިން ވެސް އެ ގޮތަށް އެދޭތީ ކަމަށް އިމިގްރޭޝަނުން ބުނި.

އިމިގްރޭޝަން

ފްރާންސް އާއިލާއިން އެދެނީ ރަށްވެހިކަން ނުދެވެންޏާ ފުރުވާލުމަށް: އިމިގްރޭޝަން

ފްރާންސްގެ ދެމަފިރިއަކާއި އެ މީހުންގެ ދަރިއަކު ރާއްޖެ އެތެރެވީ މީގެ 12 އަހަރު ކުރިން ޓޫރިސްޓު ވިސާއަކުން
17 ޑިސެމްބަރު 2024

ފްރާންސް އާއިލާއިން ރާއްޖޭގެ ރަށްވެހިކަން ދިނުމަށް އެދުނު ކަމަށާއި ނަމަވެސް ރަށްވެހިކަން ނުދެވޭ ހާލަތުގައި ފުރުވާލަން އެދުނު ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ވީކިހިނެއް؟ - ފްރާންސްގެ ދެމަފިރިއަކާއި އެ މީހުންގެ ދަރިއަކު ރާއްޖެ އެތެރެވީ މީގެ 12 އަހަރު ކުރިން ޓޫރިސްޓު ވިސާއަކުންނެވެ. ނަމަވެސް ވިސާ އާނުކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅެމުން މިހާރު އިތުރު ދެ ދަރިން ވެސް ތިބެ އެވެ.

އެ މީހުން މި ވަގުތު ތިބީ ތ. ވޭމަންޑޫގަ އެވެ.

ބުނީ ކީކޭ؟ - އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ފްރާންސްގެ އާއިލާއިން ވެސް އެދެނީ ރަށްވެހިކަން ނުދެވޭ ނަމަ އެ މީހުން ފުރުވާލުމަށް ކަމަށެވެ. އަދި ފުރައިގެން ދާންވީ ގައުމެއް ވެސް ރާއްޖޭން ނާންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށްވެހިކަމަށް އެދުނު ނަމަވެސް ގަވާއިދާ ހިލާފަށް އުޅުނު އާއިލާއަށް ރަށްވެހިކަން ނުދެވޭނެ ކަމަށް ވެސް އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ގުޅުން ހުރި - ފްރާންސްގެ އެ އާއިލާ އެ ގައުމަށް ނުގޮސް ރާއްޖެ މަޑުކުރީ ފްރާންސްގައި މުސްލިމުންނަށް ކުރާ އަނިޔާތަކާ ގުޅިގެން ކަމަށް ބެލެވޭތީ ފުރުވާލުން ނޫން ހައްލެއް ހޯދައިދިނުމަށް ގޮވާލައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

ފްރާންސްގެ އާއިލާ ރާއްޖޭގައި ތިބެވޭ ގޮތް ހެދުމަށް މީހުން ގޮވާލަމުން ދަނީ އިމިގްރޭޝަން ގާނޫނުގައި އޮންނަ ސްޕެޝަލް ވިސާގެ މާއްދާއާ ހަވާލާދީ އެވެ. އަދި ސިޓިޒެންޝިޕް ގާނޫނުގެ ދަށުން ރަށްވެހިކަން ދިނުމަށް ވެސް ގޮވާލަމުން އެބަ ދެ އެވެ.

އެނގުން މުހިންމު - އިމިގްރޭޝަން ގާނޫނުގެ 17 ވަނަ މާއްދާގައި ބުނަނީ އިންސާނިއްޔަތަށްޓަކައި ވެސް ރާއްޖޭގައި ހުރި ބިދޭސީއަކަށް ރާއްޖޭގައި ހުރުމަށް ބޭނުންވާ ކަމަށް ސަރުކާރަށް ފެނިގެން ކަނޑައެޅޭ ވަކި މުއްދަތަކަށް ހާއްސަ ވިސާއެއް ދޫކުރެވޭނެ ކަމަށެވެ.

ސިޓިޒެންޝިޕް ގާނޫނުގެ 2 ވަނަ މާއްދާގައި އޮންނަ ގޮތުން ރާއްޖޭގައި 12 އަހަރު ވަންދެން މެދުކެނޑުމެއް ނެތި އުޅެފައިވާ މީހަކަށް ރަށްވެހިކަން ދެވޭނެ އެވެ. އެގޮތުން:

  • މި މުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރަށް ފުރައިގެން ދިޔަ ނަމަވެސް، މިއިން އެއްވެސް ފަހަރަކު ހަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ރާއްޖޭން ބޭރު ނުވުން

  • ރާއްޖޭގައި ހުރި ދުވަސްތަކުގެ ޖުމްލަ 10 އަހަރަށް ވުރެ ގިނަ ނަމަ މި ޝަރުތު ފުރިހަމަވީ ކަމަށް ބެލެވޭނެ

  • ސިޔާސީ ކުށެއް ނުވަތަ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ގާނޫނާ ހިލާފަށް މަސްތުވާތަކެތި އުފެއްދުމާއި ފެތުރުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނޭ


އިތުރު އާޓިކަލް

އިތުރު އާޓިކަލް