އާޒިމާ ޝަކޫރު: އޭނާ ދައްކަން ޖެހޭ ލޯނު ދެއްކުމަށް ސިވިލް ކޯޓުން އަނެއްކާވެސް ހުކުމްކޮށްފި (ދައުރު ފޯޓޮ/ހުސައިން ސުނޭން)

އާޒިމާ އެމްއައިބީއަށް 4.1 މިލިއަން ރުފިޔާ ދައްކަން އަނެއްކާވެސް ހުކުމްކޮށްފި

މިއީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕްލެޓިނަމް ރެސިޑެންސްގެ ފްލެޓެއް ގަތުމަށް އާޒިމާ ނެންގެވި ލޯނެއްގެ މައްސަލައެއް
16 ޑިސެމްބަރު 2024

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް 4.1 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އަނެއްކާވެސް ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕްލެޓިނަމް ރެސިޑެންސްގެ ފްލެޓެއް ގަތުމަށް އެމްއައިބީން އާޒިމާ ނެންގެވި ލޯނު މައްސަލާގައި ފައިސާ ދެއްކުމަށް ސިވިލް ކޯޓުން އޭރު ހުކުމް ކުރީ އާޒިމާގެ ގައިރު ހާޒިރުގަ އެވެ.

ސިވިލް ކޯޓުން 2 ޖެނުއަރީގައި ކުރި ހުކުމް މުރާޖައާކޮށްދިނުމަށް އާޒިމާގެ ފަރާތުން އެ ކޯޓަށް ހުށަހެޅި އެވެ. އަދި މިވީހާ ދުވަހު ކުރީގެ ހުކުމް ސިވިލް ކޯޓުން އޮތީ މަޑުޖައްސާލައިފަ އެވެ.

ތަފްސީލް - ސިވިލް ކޯޓުން މައްސަލަ މުރާޖައާކުރުމަށް ފަހު އިއްޔެ ކުރި ހުކުމުގައި ބުނަނީ ރަހުނު ބަހައްޓައިގެން ޑިމިނިޝިން މުުޝަރަކާ ފައިނޭންސިން ފެލިސިޓީގެ އުސޫލަކުން އެމްއައިބީން ލޯނެއް ނެގި ކަމާއި ލޯނަށް ފައިސާ ނުދައްކާކަން ސާބިތުވާ ކަމަށެވެ. އެގޮތުން:

  •  ފެސިލިޓީއަށް ދައްކަން ޖެހި އެކަމަކު މިހާތަނަށް ނުދައްކާ ފައިސާގެ އަދަދު 4.1 މިލިއަން ރުފިޔާއަށް އަރާ

  • ޗެރިޓީއަށް ދޭން ޖެހޭ އަދަދު 266،512ރ.އަށް އަރާ؛ އެ ފައިސާ ވެސް އާޒިމާ ދައްކަން ޖެހޭނެ

  • ދައްކަން ޖެހޭ ފައިސާގެ އަދަދު ތިން މަހަށް ބަހައިލުމުން އެ މަހަކަށް ޖެހޭ އަދަދަށް ވުރެ ދަށް ނޫން އަދަދެއް ދައްކަމުން ގޮސް، ތިން މަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރަން ޖެހޭނެ

އެނގުން މުހިންމު - ޑިމިނިޝިން މުޝަރަކާއަކީ އެސެޓެއް ނުވަތަ މުދަލެއްގެ ޖޮއިންޓް އޯނާޝިޕްގެ ގޮތެކެވެ. އޭގައި ޖޮއިންޓް އޯނަރުންގެ ތެރެއިން އެއްވެސް ފަރާތަކުން އަނެއް ޖޮއިންޓް އޯނަރުގެ މިލްކުވެރިކަމުގެ ހިއްސާ މަޑުމަޑުން ގަންނަމުން ގޮސް ޖޮއިންޓް އެސެޓް ނުވަތަ މުދަލުގެ މިލްކުވެރިކަން އެއްކޮށް ބަދަލުކުރެވޭނެ އެވެ.

ފާހަގަކޮށްލެވޭ - އެމްއައިބީގެ ފަރާތުން އާޒިމާއާ ދެކޮޅަށް މައްސަލަ ހުށަހެޅީ 5 ފެބްރުއަރީ 2023ގަ އެވެ. އާޒިމާ އެ ލޯނު ނަންގަވާފައި ވަނީ ޑިސެމްބަރު 2016ގަ އެވެ. އޭރު އޭނާ ހުންނެވީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް