ތިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - (ފޮޓޯ/ އެމްޑީޕީ)
އިހުމާލުގެ ގިނަ ތުހުމަތުތަކަކާ އެކު އަލިފާނުގެ މައްސަލަ އެމްޑީޕީން ފުލުހަށާއި އެންއައިސީއަށް ހުށަހަޅަނީ
މިިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ އަނދައި ހުލިވީ ސަރުކާރުގެ އިހުމާލުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީ ކިިހިނެއް؟ - ބުރާސްފަތި ދުވަހު ހެނދުނު ހައުސިން މިނިސްޓްރީގައި ހިފި އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވުނީ ހަ ގަޑިއިރެއްހާ އިރު ފަހުން އެ ދުވަހު މެންދުރުގެ ވަގުތެއްގަ އެވެ. އޭރު ހައުސިން މިނިސްޓްރީގެ އިތުރަށް ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ކުރިމަތީގައި ހުންނަ އެންވަޔަރަމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިން ވެސް އަނދައި ހުލިވި އެވެ.
އެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމްޑީޕީން މިއަދު ހެނދުނު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ.
ބުނީ ކީކޭ؟ - އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހުފޫޒު ސައީދު ވިދާޅުވީ އެއީ ބަޔަކު ގަސްތުގައި ރާވައިގެން ކުރި ކަމެއް ގޮތަށް ބެލެވޭތީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އިހުމާލުގެ ގިނަ ކަންކަން ފާހަގަވާތީ ވަކި މައްސަލައެއް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ ވީހާ ވެސް މިނިވަން ތަހުގީގެއް ހިނގައި މިވީ ގޮތް ހޯދުމަށް ފަހު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް،" މަހުފޫޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަނާއި ހައުސިން އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ދެމެދު ހުރީ ފަސޭހައިން ފަޔާ ލޮރީއަށް ވެސް ދެވޭނެ ފުޅާ މަގުތަކެއް ކަމަށެވެ. އަދި އެދެމެދު މާ ބޮޑު ދުރުމިނެއް ނެތުމުން، އެހާ ގިނަ ވަގުތު އަލިފާން ކޮންޓްރޯލް ކުރަން ނަގަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގްރީން ބިލްޑިން އަކީ އަދި ވަކިން ހުރި އިމާރާތެއް. އެކަށީގެންވާ ވަގުތު ލިބި އިމާރާތް ސަލާމަތް ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ މިހާ ގިނަ ވަގުތު ނެގީ ކީއްވެގެންތޯ؟ މި ސުވާލުތަކުގެ ޖަވާބު އެބަ ލިބެން ޖެހޭ،" ސަލީމް ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާ ހިނގުމުގެ ދުވަސްތަކެއް ކުރިން ސްޓެލްކޯއިން އެމްއެންޑީއެފަށް ހަދިޔާކުރި އަލިފާން ނިއްވަން ގެންގުޅޭ ޑްރާންތައް ވެސް އަލިފާން ނިއްވުމުގައި ބޭނުން ނުކުރީ ކީއްވެގެންތޯ ވެސް ސަލީމް ސުވާލު ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު (މަޓޭ) ވެސް ވިދާޅުވީ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސަރުކާރުން އެކަށީގެންވާ މައުލޫމާތުތައް ނުދިނުމާއި ސަރުކާރުގެ ވެރިންގެ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނުނު މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ނުކުމެ މި ވިދާޅުވަނީ މާލޭގެ ގޯއްޗާއި ބިމުގެ ރަޖިސްޓްރީތައް ވެސް ހަލާކުވެ ދިޔައިއޭ. ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވެސް މި ވިދާޅުވަނީ ސާވާ ސަލާމަތްނުވީމައި މުހިންމު ގިނަ މައުލޫމާތުތަކެއް ގެއްލޭނެއޭ. އެކަމަކު ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު މި ވިދާޅުވަނީ ހައުސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުގެއްލެއޭ،" މައުރޫފު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - އަލިފާނުގެ ހާދިސާގައި އަނދައި ހުލިވި ތިން މިނިސްޓްރީ ވެސް ވަގުތީ ގޮތުން ދަރުބާރުގޭގައި ދަނީ ހިންގަމުންނެވެ. އަދި ތިން މިނިސްޓްރީން ވެސް ދެމުންދާ ހިދުމަތްތައް އިއްޔެއިން ފެށިގެން ދަރުބާރުގެއިން ވަނީ ދޭން ފަށައިފަ އެވެ.
ކޮމެންޓް (1)
ާކޮސް