ހައުސިން މިނިސްޓްރީގައި ރޯވެ އަނދަނީ، އެތަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިހުލިވެފައި (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
އަލިފާނުގެ ހާދިސާ ތަހުގީގުކުރަން ބޭރުގެ ޓިމަކާ އެކު މަސައްކަތް ކުރާނަން: ސީޕީ ޝުޖާއު
ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ ތަހުގީގުކުރަން ބޭރުގެ ފޮރެންސިކް ޓީމަކާ އެކު މަސައްކަތްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ތިން މިނިސްޓްރީއެއް ހިންގަމުން ގެންދިޔަ އެ އިމާރާތް އެ ހާދިސާގައި ވަނީ އަނދައިފަ އެވެ. އެ ހާދިސާއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭ ބޭރުގެ ޓީމަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
ތަފްސީލް - އެ ހާދިސާ ތަހުގީގުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ސީޕީ މިއަދު ވަނީ ކިޔައިދެއްވައިފަ އެވެ. އެކަމަކު ތަހުގީގު ކުރިއަށް ދާތީ، އެ ހާދިސާ ހިނގި ގޮތް ކިޔައިދެއްވަން އަދި ދަތި ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ސީޕީ ވިދާޅުވި ގޮތުގައި:
-
ފުލުހުންގެ ފޮރެންސިކް ޓީމެއް ހާދިސާ ހިނގި ސައިޓުގައި އަންނަނީ ހަރަކާތްތެރިވަމުން
-
އެގޮތުން ނަގަން ޖެހޭ ސާމްޕަލްތައް ދަނީ ނަގަމުން
-
ތަނުގެ ވަށައިގެން ހުރި ތަންތަނުގެ ސީސީޓީވީ ފޫޓޭޖް ނަގައި މިހާރު ދަނީ އެނަލިސިސް ހަދަމުން
-
ހާދިސާގެ މަންޒަރު އެންމެ ފުރަތަމަ ދުށް މީހުންގެ ބަޔާންތައް ދަނީ ނަގަމުން
-
ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި މީހުންނާއި ހާދިސާގެ މައުލޫމާތު އެންމެ ކުރިން ލިބޭނެ ކަމަށް ގަބޫލުކުރެވޭ މީހުން ހޯދައި އެމީހުންނާ ސުވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން
"އިރާދަކުރެއްވިއްޔާ މި މަސައްކަތްތަކާ އެކު ރާއްޖޭން ބޭރުގެ ކަމާ ބެހޭ ތަޖުރިބާކާރުންގެ ޓީމަކާ އެކު މަސައްކަތް ކުރަން ފެށީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމުގެ އިތުރު މައުލޫމާތު މާ ލަސްތަކެއްނުވެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ވަރަށް މި މަސައްކަތްތައް ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ސީޕީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު އެނގޭ ފަރާތްތަކަށް އެ މައުލޫމާތު ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމް މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.
ކޮމެންޓް