ކުރީގެ ރައީސް ޔާމީން ފްރަންޓް އޮފީސް ޖަލްސާއެއްގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ޔާމީންގެ ފިލާވަޅު: ބަނޑަށް ޖެހުމާއި ބަނގުރޫޓުވުމުގެ ތަފާތުގެ ތެރެއިން މިހާރުގެ ހާލަތު
ރޭ ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލިއަޅުވާލެއްވެވީ އެއް ކަމަކީ މިހާރު އޮތް ހާލަތާއި އެ ހާލަތު ސަރުކާރަށް ހަގީގަތުގައި ނޭނގޭ ކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ތަކުރާރުކޮށް ރާއްޖެ ބަނގުރޫޓުނުވާ ކަމަށް ވިދާޅުވަމުން ގެންދަވާތީ ޔާމީން ވިދާޅުވީ "މި ބޭފުޅުންނަށް ބަނގުރޫޓުވުމާއި ބަނޑަށް ޖެހުމުގެ ތަފާތު ނޭނގެނީ" ކަމަށެވެ.
"ބަނގުރޫޓުވުމަކީ އިކޮނޮމިކް ކޮންސެޕްޓެއް. ބަނގުރޫޓުވުމަކީ ސޮވެރިން ޑެޓް ޑިފޯލްޓް. ބަނޑަށް ޖެހުމަކީ ކާބޯތަކެތި ގެނެސް، ކާންދޭނެ މިންވަރު، އެ ހަކަތަ ވެސް ރާއްޖޭގައި ނެތުން. އެއީ ތަފާތު ކަމެއް."
ބޭރު ގައުމުތަކަށް ދަރާފައި ހުރި ފައިސާ އަނބުރާ ދިނުމަށް އެ ގައުމުތަކުން މިހާރު ވެސް ޑިމާންޑު ކޮށްފި ނަމަ އެކަން ކުރެވޭނެ ހަކަތަ ދިވެހި ސަރުކާރުގެ އެބައޮތްތޯ ޔާމީން ވަނީ ސުވާލު އުފައްދަވައިފަ އެވެ. އެ ހަކަތަ ނެތް ނަމަ އެ ދެވެނީ ސޮވެރިން ޑެޓް ޑިފޯލްޓްއަކަށެވެ.
'ގަބޫލުނުކުރިޔަސް ރާއްޖެ މި އޮތީ ބަނޑަށް ޖެހިފައި'
މި ދެ ކަމުގައި ހުރި ތަފާތު އިތުރަށް ތަފްސީލުކޮށްދެއްވަމުން ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ދައުރުގައި ރާއްޖެ ބަނޑަށް ޖެހުނު ނަމަވެސް އޭރު ބަނގުރޫޓުވެގެން އުޅޭ ވާހަކަ ނުދައްކާ ކަމަށެވެ. މިހާރު މި ދެ ވާހަކަ އެއްކޮށްލައިގެން ދައްކަނީ، ޔާމީން ވިދާޅުވި ގޮތުގައި އެ ތަފާތު ނޭނގޭތީ އެވެ.
މިހާރު އޮތް ހާލަތުގެ ވާހަކަ ފައްޓަވަމުން ޔާމީން އިޝާރާތްކުރެއްވީ މިދިޔަ ޖުލައިގައި ޕީއެންސީގެ ޖަލްސާއެއްގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު، ރައްޔިތުން ބަތާއި ގަރުދިޔައަށް ތިރިވެލުމަށް ދެއްވި ނަސޭހަތަށެވެ.
"މި ބޭފުޅުން ވިދާޅުވަނީ ބަނޑަށް ނުޖެހެޔޭ. މާތްކަލާކޯ، އާދައިގެ މީހަކު ގަރުދިޔަ ކާން ބުނާ ގިންތިތަކުގެ މީހުން އެ ތިބީ ބަނޑަށް ޖެހިފައި ހަގީގަތުގައި ވެސް. މި ބޭފުޅުންނަށް ނޭނގެނީ. ކިތައް އާއިލާތޯ އެހާ ހިތްދަތިކަމާ އެކީ އެ އުޅެނީ؟" ޔާމީން ވިދާޅުވި އެވެ.
'ވައްކަން އާންމުވުން؛ އެހެން ބޮޑު މައްސަލައެއްގެ އަލާމާތެއް'
ރާއްޖެ މިހާރު ބަނޑަށް ޖެހިފައި އޮތުމުގެ އިތުރަށް ޔާމީން ވިދާޅުވީ ދުވަހަކު ވެސް ނުވާ ވަރަށް، ވަކިން ހާއްސަކޮށް މާލޭގައި ވައްކަން ކުރުން އާންމުވެއްޖެ ކަމަށެވެ.
ވައްކަން އާންމުވަނީ އޭގެ ފަހަތުގައި އޮންނަ އެހެން ސަބަބެއް ނުވަތަ އެހެން ކަމަކާ ގުޅިގެން ކަމަށްވާއިރު، ޔާމީން ވިދާޅުވީ އެއީ ކޮން ކަމެއް ކަން ސަރުކާރުން ބުނެދޭން ޖެހޭ ކަމަށެވެ.
"ދެން ގޭގެއަށް ރޭޝަންކޮށްފައި ބައިކިލޯ ހަނޑޫ، އެއް ކޭސް މަސްދަޅު މިހެން ނުކިޔަފާނެ. އެކަމަކު ހަގީގަތުގައި ވެސް ރާއްޖެ މި އޮތީ ބަނޑަށް ޖެހިފައި."
ޔާމީން އެހެން ވިދާޅުވިޔަސް ފުލުހުންގެ ތަފާސް ހިސާބުތަކުން ވައްކަން އިތުރުވާ ކަމަކަށް ނުދައްކަ އެވެ.
ޔާމީންގެ ވާހަކައާ ގުޅުވައިގެން ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ މުއައްސިސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ސުވާލަކަށްވީ، މި ސަރުކާރާއި ރައީސަށް ވައްކަމުގެ ތުހުމަތު މިވަރަށް ކުރެވޭއިރު ވެސް އެކަން ބެލޭނެ ގޮތެއް އެބައޮތްތޯ އެވެ.
މިހާރު ކަންކަން ހިނގާ ގޮތަށް ރިއާޔަތްކޮށް ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު ދެކެވަޑައިގަންނަވަނީ ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ކޯޓުތަކާއި ފަނޑިޔާރުންނާއި އިލްމުވެރިންނަށް ވުރެ ވެސް އެމަނިކުފާނު މަތިވެރި ކަމަށެވެ. ޖަމީލު ވިދާޅުވީ ކަންކަމުގައި އެންމެ މޮޅަށް ނިޔާ ކަނޑައަޅަން ވެސް އެނގެނީ، ރައީސް ގަބޫލުކުރައްވާ ގޮތުގައި އެމަނިކުފާނަށެވެ.
ކަން މިހެން އޮތްއިރު، ރައީސްގެ މައްޗަށް ވައްކަމުގެ ތުހުމަތެއް ކުރެވިއްޖެ ނަމަ ދެން ހަދާނީ ކިހިނެއްތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފަ އެވެ.
"އަޅުގަނޑަކަށް ނޭނގެ، އެބަ ބުނޭ ނޫމަޑީގައި ވައްކަން ކޮށްފިޔޭ، ތުހުމަތެއް. އެބަ ބުނޭ ސިޓީ ކައުންސިލުން ވައްކަން ކޮށްފިޔޭ، ތުހުމަތެއް. އެބަ ބުނޭ ހައުސިން މިނިސްޓްރީގައި ހުރިއިރު ވައްކަމޭ ކުރީ. މި ތުހުމަތު އެބަ ކުރޭ،" ޖަމީލް ވިދާޅުވި އެވެ.
"އެބަ ބުނޭ މީނާގެ [ރައީސްގެ] ކައިރީގައި ވަށައިގެން ތިބި މީހުން ހެސްކިޔާފައި ވައްކަން ކުރެޔޭ. ފަޒުލް ވައްކަން ކުރަނީ، މުއާޒު ވައްކަން ކުރަނީ، ވަޖީހު ވައްކަން ކުރަނީ، ހީނާ ވައްކަން ކުރަނީ. މިއިން ކޮންމެ މީހަކީ މީނާ އައްޔަންކޮށްފައި، މީނާގެ ސިޔާސީ މަގާމުތަކުގައި ތިބި، މީނަ މުސާރަ ދިފައި [ތިބޭ މީހުން]."
"ތިޔަ ވިދާޅުވި 50 ބިލިއަން ރުފިޔާގެ ބަޖެޓު، ރަށްރަށަށް ގޮސްފައި އެ ބުނަނީ، ތިމަންނަ ފާސްކުރި ބަޖެޓެއް ނޫނޭ. އެކަމަކު ހަރަދުކޮށްފި. ކުރީ މި މީސް މީހުންނަށް. ރައްޔިތަކަށް އެއްވެސް ކަމެއް ކޮށްނުދިން ވާހަކަ ރައީސް [ޔާމީން] ވެސް އެ ވިދާޅުވަނީ."
ކޮމެންޓް