ފުވައްމުލަކު ގެއެއްގައި ކައްޓެޅި ގަރުދިޔަ ކައްކާފައި (ދައުރު ފޮޓޯ/އަލީ ރަފީގު)

ޕީއެންސީ

އާންމުންގެ ސުވާލެއް: އަހަރެމެންނަށް ބަތާއި ގަރުދިޔަ ކެވިދާނެ؛ ތިބޭފުޅުންނަށް ކެވޭނެތޯ؟

ހަރަދު ކުޑަކުރަން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ނަސޭހަތްދެއްވީ ބަތާއި ގަރުދިޔަ ކައިގެން އާދައިގެ ދިރިއުޅުމަކަށް ތިރިވާން. އާންމުންގެ ސުވާލަކަށް ވީ ސިޔާސީ އިސް ބޭފުޅުންނަށް ބަތާއި ގަރުދިޔަ ކެވޭނެތޯ

ޕީއެންސީއިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް އޮފީީހުގެ މިނިސްޓަރު އަލީ އާރިފު، އާންމުންނަށް ވިދާޅުވެދެއްވީ އިގްތިސާދީ ގޮތުން ރާއްޖެއަށް ދަތި މި ދުވަސްވަރު ހަރަދު ކުޑަ ކުރެވިދާނެ ގޮތްތަކެވެ. އޭނާ ވިދާޅުވާ ގޮތުގައި ކެއުމުގައި ބަތާއި ގަރުދިޔަ ބޭނުންކޮށް، އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވާން އެބަ ޖެހެ އެވެ.

"މިދުވަސްކޮޅު މިޖެހެނީ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި އަޅުގަނޑުމެން ކޭ ކެއުން ހުއްޓާލާފައި ކޮންމެވެސް ވަރަކަށް ގޭތެރޭ އަމިއްލައަށް ކައްކައިގެން ގަރުދިޔަ އާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން،" އޭނާ ވިދާޅުވި އެވެ.

އަލީ އާރިފުގެ އެ ވާހަކަތަކާ އެކު އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އަނެއް ބަޔަކު ޖޯކް ޖަހަމުންނެވެ. އެގޮތުން ބަތާއި ގަރުދިޔައިން 'މޮޑެފައިވާ' ކޮމެންޓުތަކުން މުޅި ސޯޝަލް މީޑިއާ ފުރާލައިފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ޕީއެންސީ ހައުސްގައިި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީއެންސީ)

'އާދައިގެ މީހާއަށް އަބަދުވެސް އޮތީ ބަތާއި ގަރުދިޔަ'

ބަތާއި ގަރުދިޔައަކީ މިހާރުވެސް ގިނަ ދިވެހިންގެ ދުވަހު ކެއުމަށް ބޭނުންކުރާ ބާވަތެކެވެ. އެހެންވެ އަލީ އާރިފު އެހެން ވިދާޅުވިއިރު، ބަތާއި ގަރުދިޔަ ފިޔަވައި ރައްޔިތުން ދެން ކައިއުޅެނީ އިތުރު ކޮން އެއްޗެއްތޯ އެއް ބަޔަކު ސުވާލު އުފެއްދި އެވެ.

"އާދައިގެ ރައްޔިތު މީހާއަށް އަބަދުވެސް ކާން ލިބެނީ ބަތާއި ގަރުދިޔަ. ދައުލަތުން ބޮޑު ހަރަދު ކުރަނީ ތިކަހަލަ ސިޔާސީ ބޭފުޅުންނަށް. މުސާރަ 65،000އިން މަތިން. ސިއްހީ ފަރުވާ ހިލޭ، ކެއުން ހިލޭ، ދަތުރުފަތުރު ހިލޭ، ބޮޑު އަދަދަކުން ޕެންޝަން،" ފާޑުކީ މީހަކު ކުރި ކޮމެންޓެއްގައިވެ އެވެ.

"އާދައިގެ ދިރިއުޅުމަކަށް ބަޔަކު ތިރިވާން ޖެހޭ ނަމަ ވާންވީ ސިޔާސީ ބޭފުޅުން، އާދައިގެ ރައްޔިތުންނެއް ނޫން."

ހަމަ އެ ވިސްނުމުގައި ފޭސްބުކްގައި ހިޔާލުފާޅުކުރި މީހަކު ބުނީ އަލީ އާރިފު ވިދާޅުވާ ހާލަތަށް ރައްޔިތުން ތިރިވާން ނުޖެހޭ ކަމަށެވެ.

"ރައްޔިތުން އަމިއްލަ މަސައްކަތުން ހޯދާ ދިރިއުޅުން ތިރިކުރަން އެއްވެސް ހާލެއްގައި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ހުރިހާ ހަރަދެއް ކުރާ ބަޔަކަށް ބުނެވިގެން ނުވާނެ،" އެ މީހާ ލިއުނެވެ.

ކުރީގެ އެމްޑީޕީގެ މަޖިލިސް މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގުގެ އެފްބީގައި ބޭނުންކުރެއްވި ފޮޓޯއެއް

ރައްޔިތުން ހަރަދުކުރަނީ ސަރުކާރުން ދޭ ފައިސާ ނޫން ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ސަރުކާރު ހިންގާއިރު، ހިންގުން ހަރުދަނާކޮށް، އިސްރާފު ކުޑަކުރަންވީ ސަރުކާރުން ނޫންތޯ ވެސް އެހެން މީހަކު ބުންޏެވެ.

ބަތާއި ގަރުދިޔަ ކާން ދިން ނަސޭހަތަށް ބައެއް މަސްވެރިންގެ ފަރާތުން ވެސް ވަނީ ނުރުހުން އަމާޒުވެފަ އެވެ. 'މަސްވެރި އިހަވަންދޫ' ފޭސްބުކް ޕޭޖުން މަސްވެރިއެއްގެ އިހުސާސް ކަމަށް ބުނެ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ މަސްވެރިޔާ އުޅެނީ ބަތާއި ގަރުދިޔަ ވެސް ނުކެވިގެން ކަމަށެވެ.

"ގަރުދިޔަ ވެސް ކެވޭނީ މަހެއް 'ބެވިގެން'. މަހެއް 'ބެވެން' އޮތީ ކަނޑަށް ނުކުމެގެން. ކަނޑަށް ނުކުމެވެން އޮތީ ތެޔޮ ގަނެވިގެން،" އެ ޕޯސްޓުގައިވެ އެވެ.

'ހަރަދު ކުޑަކުރުން: ވެރިންގެ މުސާރައިން ފަށަންވީނު؟'

އަލީ އާރިފްގެ ވާހަކަތަކަށް ރައްދު ދިން ބައެއް މީހުން ބުނާ ގޮތުގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ފަށަންވީ ސަރުކާރުންނެވެ. މިސާލަކަށް ސިޔާސީ މަގާމުތަކާއި ހަރަދުތަކާއި ކޮރަޕްޝަން މަދުކޮށްގެންނެވެ.

"މީގެން މީހެއްގެ މުސާރަ ތިރިކުރާ ވާހަކަ ނުދައްކާ. އެ ވާހަކަ ދެއްކިއްޔާ މާ ރަނގަޅުވާނެ،" 'އެކްސް'ގައި ކުރި މީހަކު ލިއުނެވެ.

ބައެއް މީހުންގެ ނަޒަރުގައި މާލީ ތަކުލީފު ކުޑަކުރެވެން އޮތީ ސަރުކާރާއި ދައުލަތުގެ މަގާމުތަކުގައި ބޮޑެތި މުސާރައިގައި ތިއްބަވާ ބޭފުޅުންނަށް ބަތާއި ގަރުދިޔަ ކެވޭ ހާލަތަށް ގޮސްގެން ކަމަށެވެ.

"ސަރުކާރާއި ދައުލަތުގެ މަގާމުތަކުގައި، ނުބައްދަލު މުސާރައިގައި ތިބޭ މީހުން ގަރުދިޔަ ބަތް ކެވޭ މާލީ ހާލަތަށް ބަދަލުވީމަ ގައުމަށް ދިމާވެގެން އުޅޭ މާލީ ތަކުލީފު ކުޑަކުރެވުން މާ ގާތް،" އެހެން މީހަކު ކުރި ޕޯސްޓެއްގައިވެ އެވެ.

"މި ތަކުލީފަކީ ރައްޔިތު އެހެން އެންމެންނަށް ޖައްސާ ދައްޗަކަށް ވެގެން ނުވާނެ. ފަގީރުކަމަށް ވައްޓާލީ ސިޔާސީން!"

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހްމަދުގެ ފާޑުކިޔުން އަމާޒުވީ މި ސަރުކާރުން ހަރަދު ބޮޑުކޮށް ކުރި ބައެއް ކަންކަމާއި ވައުދާ ހިލާފު ބައެއް ކަންކަމުގެ ލިސްޓަކާ އެކީގަ އެވެ. އަދި ގޮވާލެއްވީ ސަރުކާރާއި އެމްބަސީތަކާއި އެސްއޯއީތައް ކުޑަކުރުމަށެވެ.

އަލީ އާރިފުގެ ވާހަކައާ ބެހޭ ގޮތުން 'ދައުރު'ގައި ޖެހި ހަބަރަށް ކޮމެންޓު ކުރި މީހުން ވެސް ވަނީ އޭނާއަށް ފާޑުކިޔާފަ އެވެ.

"ކޮވިޑްގެ ދުވަސްވަރު އެންމެ ލާރި ފޮއްޗެއް ދައުލަތުގެ ހަޒާނާއަށް ނުލިބުނު ދުވަހު ވެސް ރައްޔިތުން ކައިިރީ ގަރުދިޔަ ބޯކަށް ނާންގާ. ތިއުޅެނީ ވެރިކަން ކުރަން ނޭނގިގެން،" ކޮމެންޓުކުރި މީހަކު ބުންޏެވެ.

ގަރުދިޔަ ކައްކާ ގޮތުގެ ރެސިޕީއިން ފެށިގެން ގޮސް ސޯޝަލް މީޑިއާގައި ނުސީދާކޮށް ފާޑުކިޔާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. އޭގެ އެއް މިސާލަކީ 'އެންމެ މީރީ ގަރުދިޔަ އާއި ބަތޭ'ގެ ނަމުގައި ޒުވާން ޅެންވެރިޔާ އިއްޒާ އަހުމަދު ނިޒާރު ހެދި ޅެމެވެ. 

ބަތާއި ގަރުދިޔައިގެ މީރުކަން ބަޔާންކޮށް ލިޔުނު ޅެމެއް

'ދިވެހި ދަރިއެއްކަމު މަ ވިޔަތީ ކާން މަށަށް ހަމަ ކަމުދަނީ، ދިވެހި ބަދިގެތަކުން އެ ކައްކާ މީރު ގަރުދިޔައާ ބަތޭ'، ޅެމުގެ ފަހު ބައިތުގެ ގޮތުގައި އޭނާ ލިއުނެވެ.

ނިންމާލުމުގެ ކުރިން ރަހުމަތްތެރިޔަކު ކުރި ވަރަށް މުހިންމު ސުވާލެއް ވެސް ހިމަނާލާނަމެވެ:

"އަހަރެން މިއީ ބަތާއި ގަރުދިޔަ ކެވޭ މީހެއް ނޫން. ދެން އަހަރެން ކިހިނެއް ހަރަދު ކުޑަ ކުރާނީ؟"

ކޮމެންޓް (1)

އެއް ހަމަ

16 ޖުލައި 2024
@އަހްމަދު މިޒްޔާލް ބޭފުޅުން ވިއްޔާ ނުއެއް "ކެވޭނެ". އެބޭފުޅުން ފަރިއްކުޅުއްވާނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް