ރައީސް މުހައްމަދު މުއިއްޒު އއ. މަތިވެރި ރައްޔިތުންނާ ބައްދަލުކުރެއްވުން. (ފޮޓޯ/ރައީސް އޮފީސް)
ސަބްސިޑީތައް ކުޑަނުކޮށް މިހާރަށް ވުރެ ބޮޑުކޮށްދޭން ރައީސްގެ ވައުދެއް
ރައްޔިތުންނަށް ލިބޭ އާސަންދަ، ޕެންޝަން އަދި އެއްވެސް ސަބްސިޑީއެއް އުނިނުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ބައްދަލުކުރެއްވީ އެ އަތޮޅު މަތިވެރީގެ ރައްޔިތުންނާ އެވެ.
ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރަން، ފައިސާ ޗާޕުކުރުން ހުއްޓާލުން ފަދަ މުހިންމު މަސައްކަތްތަކެއް ކޮށްަފއިވާ ކަމަށެވެ.
މިހިސާބަށް ވެސް އާދެވުނީ، ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ގެންގުޅޭ 'ރާއްޖެ ފަސްޓު' ހާރިޖީ ސިޔާސަތާ އެކު ބޭރު ގައުމުތަކާ އެކީ ވަރަށް އެކުވެރި ގުޅުންތަކެއްގެ ތެރެއިން ގައުމަށް ފައިދާހުރި ކަންކަން ކުރަން މަސައްކަތް ކުރާތީ އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން ކުރިއަށްގެންދާނީ އެ ގޮތަށް. ގެންދާއިރު އެއްވެސް ރައްޔިތަކަށް ލިބެމުންދާ އެއްވެސް ސަބްސިޑީއެއް ނުކަނޑާނަން. އާސަންދައެއް ނުކަނޑާނަން. ރިޓަޔަމަންޓް ޕެންޝަން ވެސް ނުކަނޑާނަން. އަދި އެއަށްވުރެ ރަނގަޅު ކޮށްދޭނީ،" ރައީސް ވިދާޅުވި އެވެ.
ތަފްސީލު - މުސާރަ ބޮޑުކުރަން ރާވާފައިވާ ގޮތުގެ ތަފްސީލު ދެއްވައި ރައީސް ވިދާޅުވީ:
-
ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުނުވާ އެހެން ހުރިހާ ސިވިލް ސާވަންޓުންނާއި ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންނަށް 2025ގައި މުސާރަ ބޮޑުކޮށްދޭނެ
-
އެހެން ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ2026ގައި ބޮޑު ކުރާނެ
"މިހާރު ލިބެމުންދާ އެއްވެސް އެއްޗެއް އުނިނުކޮށް، އާމްދަނީ އިތުރުކޮށްދިނުން. ފައިސާ ޗާޕުނުކޮށް، ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ގައުމަށް އިގްތިސާދީ ގޮތުން ތަރައްގީ ގެނެސްދެމުން، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިންގަމުން ކުރިއަށްދިއުން. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ،" ރައީސް ވިދާޅުވި އެވެ.
"އެއްވެސް ސަބްސިޑީއެއް، އެއްވެސް އުނިކަމެއް މިހާރު ލިބެމުންދާ އެއްވެސް ކަމަކަށް އުންޏެއް ނުވާނެ. އޭގެ ބަދަލުގައި ނާޖާއިޒު ގޮތުގައި ކުރަމުންދާ ހަރަދުތައް ހުއްޓާލައި އުނިކުރަމުންދާނީ."
އަންނަ އަހަރު ރައްޔިތުންނަށް ލިބޭނެ އިތުރު އިނާޔަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރޯދަމަހުގެ ކަރަންޓާއި ފެން ބިލުގެ ޑިސްކައުންޓެވެ. މިއީ މިއަހަރު ވެސް ރޯދަމަހު ސަރުކާރުން ދިން ލުޔެކެވެ.
"އަދި އޭގެ އިތުރަށް ވެސް ވީހާ ވެސް ގިނަ އެހީތެރިކަން ދޭނަން،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (2)
ސިކުނޑި
ތެފައާސާ.