ދައުރު ޕްރޮގުރާމެއްގައި ރީކޯ މޫސާ މަނިކު ވާހަކަ ދައްކަވަނީ (ދައުރު ފޮޓ)ޯ/ހުސައިން ސުނޭން)
ހެވީ ލޯޑުގެ ރަށްތައް ބޭންކުން ވިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި
ބީއެމްއެލަށް ދައްކަން ޖެހޭ ލޯނެއް ނުދައްކާ ކަމަށް ކަނޑައަޅައި އޭގެ ބަދަލަކަށް ހެވީލޯޑު ކުންފުންޏަށް ދީފައިވާ ތިން ރަށެއް ބޭންކަށް ވިއްކާލެވޭ ގޮތަށް ސިވިލް ކޯޓުން ދިން ހުއްދައަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟- ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ މަސްލަހަތު އޮންނަ އެ ކުންފުނީގެ ތިން ރަށެއް ވިއްކާލުމަށް ބޭންކަށް ސިވިލް ކޯޓުން ހުއްދަ ދިނީ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދައްކާ މައްސަލައެއްގަ އެވެ.
ހެވީލޯޑުގެ ފަރާތުން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، ރަށްތައް ވިއްކައިލުމުގެ ހުއްދައަށް އަމަލުކުރުން ފަސްކުމުގެ އަމުރަކަށް އެ ކުންފުނީގެ ފަރާތުން އެދިފައިވެ އެވެ.
ތަފްސީލް - ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ސޮއިކުރައްވައި މިއަދު ނެރުއްވި އަމުރުގައިވާ ގޮތުން ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުކުރުން މަޑުޖައްސާލަން އެންގީ ހައި ކޯޓުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެނެވެ.
އެ ގޮތުން ސިވިލް ކޯޓުން ދިން ހުއްދަ އިސްތިއުނާފުކުރި ސަބަބުގެ ތެރޭގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދިނީ މުދާ އަގުކުރުމަކާ ނުލާ ކަމަށް ފާހަގަކޮށްފައިވާތީ، ރަށްތައް ވިއްކައިފިނަމަ މައްސަލައަށް އަސަރުކުރާނެ ކަން އަމުރުގައިވެ އެވެ.
އެ ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންނަކީ:
-
1-
ފަނޑިޔާރު މުހައްމަދު ފައިސަލް
-
2-
ފަނޑިޔާރު ހުސައިން މަޒީދު (ރިޔާސަތު)
-
3-
ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ
އެނގުން މުހިންމު - ސިވިލް ކޯޓުން ދިން ހުއްދައާއެކީ، ބީއެމްއެލްއިން ތިން ރަށެއް ވިއްކާލަން އިއުލާން ކޮށްފައި ވެސް ވެ އެވެ. އޭގައިވާ ރަށްތަކަކީ:
-
ލ. ފަރެސް އައިލެންޑް އަދި ކުޑަފަރެސް އައިލެންޑް؛ މިއީ ރަހާ ރިސޯޓް ހިންގާ ދެ ރަށް
-
ބޮޑުހުރާ އައިލެންޑް: މިއީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެއް