20 ނޮވެމްބަރު 2024: އެމްޑީޕީއިން ބޭއްވި 'ގާނޫނުއަސާސީގެ ދިފާއުގައި' އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ގާނޫނުއަސާސީ އަވަސްކޮށްލައިގެން އިސްލާހުކުރުމުން 11 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި
މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކުރިޔަސް އެ މެންބަރެއްގެ ގޮނޑި ގެއްލުމާ އެކު ހަތަރު ހާލަތެއް ބަޔާންކޮށް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގާނޫނުއަސާސީގެ އިސްލާހު އެއް ދުވަސް ތެރޭ އިއްޔެ ފާސްކޮށް ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރުމުން ރާއްޖޭގެ 11 މަދަނީ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާތައް ގުޅިގެން މިއަދުވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. އެ 11 ޖަމިއްޔާއަކީ:
-
1-
ޓްރާންސްޕޭރެންސީ މޯލްޑިވްސް
-
2-
ސޭވް މޯލްޑިވްސް
-
3-
އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް
-
4-
އުތެމާ
-
5-
އީކުއަލް ރައިޓްސް އިނިޝިއޭޓިވް
-
6-
ޒީރޯ ވޭސްޓް މޯލްޑިވްސް
-
7-
މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން
-
8-
ހޯޕް ފޯ ވިމެން
-
9-
ޕްރޮޖެކްޓް ތިމާވެށި
-
10-
ބިލީފް މޯލްޑިވްސް
-
11-
އިކޯކެއާ މޯލްޑިވްސް
ތަފްސީލް - އެ ނޫސް ބަޔާނުގައި ބުނީ އިއްޔެ ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ފާސްކށް ތަސްދީގު ކުރުން ޖަމިއްޔާތަކުން ހަރުކަށި އިބާރާތްތަކުން ކުށްވެރި ކުރާ ކަމަށެވެ.
"މިކަމަކީ ގާނޫނުއަސާސީ އިސްލާހު ކުރުމުގައި އެއްވެސް ހާމަކަމެއްނެތި އަވަސް އަރުވާލައި، ގާނޫނުތައް ހެދުމުގައި ގެންގުޅެންޖެހޭ އިޖުރާއަތްތަކާއި އުސޫލުތަކަށް ނުބެލުމާއި އަސާސީ ދިމިގްރާތީ ހަމަތައް ހަނިކުރުމަށް ބާރުއެޅޭ ފަދަ ގޮތަކަށް ކުރެވުނު މަސައްކަތެއްގެ ގޮތުގައި މި ޖަމިއްޔާތަކުން ދެކެމެވެ. އަދި ގާނޫނުއަސާސީގެ4 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބުނާ މާއްދާ އާ ހިލާފުކަމެއް ކަމުގައި ދެކެމެވެ." އެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ:
-
އިސްލާހު ފާސްކުރަން ހޭދަކުރި މުއްދަތަކީ އެފަދަ އިސްލާހަކަށް ބޭނުންވާ އެންމެ އެކަށީގެންވާ މުއްދަތު ކަމަށް ގަބޫލު ކުރަން ދަތި ކަމަށް
-
ނުރަސްމީ ގަޑިއެއްގައި ރޭގަނޑު ބިލު ހުށަހަޅައި އަނެއް ދުވަހު އޭގެ މަސައްކަތް ކުރުމަކީ މެންބަރުންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ހުރަސް އެޅުނު ކަމަކަށް ކަމަށް
-
ދުސްތޫރީ އިސްލާހުތަކުގެ އަސަރު ރައްޔިތުންނަށް ކުރާނެ ކަމަށާއި އެހެންވެ އެ އިސްލާހުތައް ފުރިހަމައަށް މުރާޖައާކޮށް ބަހުސްކުރުމުގެ ފުރުސަތު ކޮންމެ މެންބަރަކަށާއި މަދަނީ ޖަމިއްޔާތަކަށް އަދި އާންމު ރައްޔިތުންނަށް ލިބުމުގެ ފުރުސަތު އޮންނަ ކަމަށް ދެކޭކަމަށް
-
ގާނޫނުއަސާސީއަށް ގެންނަ ބަދަލަކާއި ގުޅިގެން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މަދަނީ ޖަމިއްޔާތަކާއި އާންމު ރައްޔިތުންނަށް ނުލިބުމަކީ ޑިމޮކްރަސީގެ އުސޫލުތަކުގެ ދަށުން ހިޔާލު ބަދަލުކުރުމަށް ހުރަސް އެޅިގެން ދިޔަކަމެއް ގޮތަށް ފާހަގަކުރާ ކަމަށް
-
މި އިސްލާހުތަކާއި ބެހޭގޮތުން ބަންޑާރަނައިބުގެ ފަރާތުން ފެންނަންޖެހޭ އިޖުރާއީ ހަރުދަނާކަން ނުފެންނަ ކަމަށް؛ އެއީ އެކަމަށް އެކަށީގެންވާ އިޖުރާއީ ކަންކަން ކޮށްފައިނެތުމުގެ ކަންބޮޑުވުން އުފެދޭ ކަމެއް ކަމަށް
-
ގައުމީ ތަރައްގީގެ ސިޔާސަތުތަކާއި ޕްލޭންތައް އެކުލަވާލުމުގެ ބާރު ހަމައެކަނި ރައީސަށް ލިބޭ ގޮތަށް މާއްދާއެއް އިތުރުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް
-
އެ އުސޫލަކީ ޑިމޮކްރެޓިކް އުސޫލުތަކުން ބާރުއަޅާ ބާރުތައް ވަކިކުރުމުގެ އުސޫލުތަކާއި ބީރައްޓެހި އަދި ރާއްޖޭގެ ޑިމޮކްރެޓިކް ތަރައްގީ އަދި ދަތުުރުގެ މުހިންމު ދައުރެއް އަދާކުރި ލާމަރުކަޒީ ނިޒާމެއް ބައްޓަންކުރުމަށް ކޮށްފައިވާ މަސައްކަތަކާއި ދުރަށް ދިއުން ކަމަށް ދެކޭ ކަމަށް
"ސިޔާސީ ޕާޓީތަކަށް މެންބަރުން ވަކިކުރުމުގެ ބާރު ދީފިނަމަ އަމިއްލަ ވިސްނުމަކަށް ނުވަތަ އެ މެންބަރަކު އިންތިހާބުވި ދާއިރާގެ މަސްލަހަތަށް ބެލުމެއްނެތި އެ ޕާޓީން ތާއިދުކުރާ ކޮންމެ ކަމަކަށް މެންބަރުންނަށް މަޖުބޫރުވެގެންދާނެ އެވެ. އަދި މެންބަރުންނަށް ގޮނޑި ގެއްލުމުގެ ބިރެއް ނެތި ޕާޓީގެ ވިޕްލައިނާ ދެކޮޅަށް ވޯޓު ދިނުމުގެ ފުރުސަތު ނަގާލެވެ އެވެ." ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިއްޔެ ގެނައި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރަމުން އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެ ބަޔާނުގައި ބުނީ:
-
އެ އިސްލާހުގެ ސަބަބުން ޕާޓީ ތެރޭގެ ޑިމޮކްރަސީ ބަލިކަށިވެ މެންބަރުންގެ އަޑުކަނޑުވާލައިމެ ންބަރުންނަށް ދާއިރާތައް ތަމްސީލު ކުރަން ހުރަސްއެޅޭ ކަމަށް
-
މެންބަރުންގެ ކޮރަޕްޝަން ހުއްޓުވަން އެންޓި ކޮރަޕްޝަން ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް ވަށާޖެހޭ ހައްލެއް ގެނެވިދާނެ ކަމަށް ޖަމިއްޔާތަކުން ދެކޭ ކަމަށް.
-
ގާނޫނުއަސާސީއަށް ގެންނަ ކޮންމެ ބަދަލަކީ މަޖިލީހުގެ ޑިމޮކެރެޓިކް ހަމަތަކާއި ގާނޫނީ އުސޫލުތަކަށް ބޯލަނބައިގެން ގެނެވޭ ބަދަލަކަށް ހަދަން ހަރުއަޑުން ގޮވާލި
-
އަދި ސަރުކާރާއި މަޖިލީހުން އެކަށީގެންވާ ގޮތެއްގައި މަޝްވަރާކޮށް ރައްޔިތުންގެ ބައިވެރިވުން ފުރިހަމަގޮތެއްގައި ޔަގީން ކުރުމާއި ހާމަކަން ބޮޑު އަދި ޖަވާބުދާރީކުރުވުމުގެ އަސާސްތައް ދެމެހެއްޓުމަށް ގޮވާލި
"ރައްޔިތުންގެ ބާރުތަކާއި ހައްގުތައް އެންމެ ބޮޑަށް ރައްކާތެރިކޮށްދޭ، އަދި ހިންގުމުގެ ނިޒާމު ބައްޓަންކުރާ އެންމެ މުހިންމު ގަނޫނު ކަމުގައިވާ ގާނޫނުއަސާސީ ފަދަ މުހިންމު ގާނޫނުތައް ބަދަލުކުރުމުގައި ދިމިގްރާތީ އުސޫލުތަކާއި ގާނޫނީ ހަމަތައް ރައްކާތެރިކުރުމަށް މި ޖަމިއްޔާތަކުން ގޮވާލަމެވެ. އަދި ދައުލަތުގެ މުހިންމު ދެ ބާރުކަމުގައިވާ ގާނޫނު ހަދާ މަޖިލީހާއި ސަރުކާރުން ގާނޫނުއަސާސީ އާއި އެހެނިހެން މުހިންމު ގާނޫނުތައް އިސްލާހުކުރުމުގައި ނުވަތަ އެކުލަވާލުމުގައި މައުނަވީ ގޮތެއްގައި ރައްޔިތުންގެ ރައުޔު ހޯދުމަށާއި ބައިވެރިވުން ކަށަވަރުކުރުމަށް އަދި ހާމަކަމާއި ޖަވާބުދާރީ ކުރެވޭނެ ފަދަ ގޮތަކަށް މަސައްކަތް ކުރުމަށް ގޮވާލަމެވެ،" ޖަމިއްޔާތަކުގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.