މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ފްލެޓު ލިސްޓު ނެރުން ލަސްވަނީ އުސޫލާ ހިލާފަށް އެތައް ބަޔަކު ލިސްޓުގައި ހިމަނާފައިވާތީ: ރައީސް
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ ކަމަށް ނެރުނު ލިސްޓު އަލުން ބެލުމަށް ފަހު އާންމުކުރުން ލަސްވަނީ އުސޫލާ ހިލާފަށް އެތައް ބަޔަކު ލިސްޓުގައި ހިމަނާފައިވާތީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ގެދޮރުވެރިޔާ' ސްކީމުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުގެ ފަހުކޮޅު ގެޒެޓުކުރި އެވެ. އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ހަމަވީ ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓުގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައި ވަނިކޮށެވެ.
އޭގެ ފަހުން އާ ސަރުކާރު އައުމުން:
-
ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ތަހުގީގެއް ފަށައި އެ ތަހުގީގުގައި ބެލި ފޯމުތަކުގެ %59 އަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ކަނޑައެޅި
-
އެހެންކަމުން މި ސަރުކާރުން އަންނަނީ އެ ލިސްޓު އަލުން މުރާޖައާ ކުރަމުން
-
އެ ލިސްޓު މި ހަފްތާގައި އާންމުކުރަން ނިންމި ނަމަވެސް މިހާރު އެކަން އޮތީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި
ބުނީ ކީކޭ؟ - ސަރުކާރަށް ފުރަތަމަ އަހަރު ފުރުން ފާހަގަކުރަން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި ރައީސް މުއިއްޒު ވަނީ އެ ލިސްޓު ނެރުން ލަސްވާ ސަބަބުތައް ވިދާޅުވެފަ އެވެ.
އެގޮތުން މިހާތަނަށް ފާހަގަކުރެވުނު ކަންކަމުގެ ގޮތުގައި ރައީސް ވިދާޅުވީ:
-
ކުރީގެ ގެދޮރުވެރިން ކޮމިޓީގައި ހިމެނޭ ސިޔާސީ މީހުންނަށް ފްލެޓު ލިބޭ ގޮތަށް އުސޫލާ ހިލާފަށް މާކްސް ބަދަލުކޮށްފައި އެބަހުރި
-
އުސޫލާ ހިލާފަށް ކުރީ ސަރުކާރަށް ނިސްބަތްވާ މީހުންގެ އާއިލީ މީހުންނަށް ފްލެޓު ދީފައިވޭ
-
ސިޔާސީ ނުފޫޒު ގަދަ އާއިލާތަކުގެ ގިނަ މެމްބަރުންނަށް އުސޫލާ ހިލާފަށް ފްލެޓު ބަހާފައިވޭ
-
ޕޯޓަލްއަށް ހުށަހަޅާފައިވާ ލިއުންތަކުގެ އިތުރުން ބައެއް މީހުންގެ ލިއުންތައް ބަލައިގަނެ ފްލެޓު ދީފައި އެބަހުރި
-
ފޯމު ނުލައި ހަމައެކަނި އައިޑީ ކާޑު ހުށަހަޅައިގެން ވެސް ފްލެޓު ދީފައި އެބަހުރި؛ ބައެއް މީހުން ހުށަހަޅާފައިވަނީ އައިޑީ ކާޑުގެ އެއްފަޅި އެކަނި
"ދެން އެބޭފުޅުން [ކުރީ ސަރުކާރުގެ ވެރިން] ކޮން ވާހަކައެއްތޯ މި ދައްކަނީ. އުސޫލާ ހިލާފަށް ފްލެޓު ދިނުމަށްޓަކައި ޕޯޓަލުގެ ބެކް އެންޑުން މާކްސް ޝީޓު ބަދަލުކޮށްފައި އެބަހުރި. ދެން އެބޭފުޅުން ކިހާވަރަކަށް މިކަމާ އުޅޭނެ ނޫންތޯ. އެހެންވީމާ ލަސްވަނީ. އެހެންވީމަ ލަސްވާނެ ދެއްތޯ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކިތަންމެ ލަސްވިޔަސް ލިސްޓު މުރާޖައާކޮށްފައި ނެރޭނީ ދެ ފުށް ފެންނަ ލިސްޓެއް ކަމަށެވެ. ކޮންމެ މީހަކަށް ފްލެޓު ލިބޭ ސަބަބު ނުވަތު ނުލިބޭ ނަމަ އެއީ ކީއްވެގެންކަން ވެސް އެލިސްޓުން އެނގެން އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ބަލާފައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ނިންމައިދޭނަން އިންސާފުވެރިކަމާ އެކުގައި. އަޅުގަނޑު މިހުރީ ﷲ ގަންދީ ހުވާކޮށްގެން. ﷲ ހުރިހާ ކަމެއް ދެނެވޮޑިގެންވޭ. އަޅުގަނޑު ކުރާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ހުރިހާ ކަމެއް ވެސް." ރައީސް ވިދާޅުވި އެވެ.
ކޮމެންޓް