ހައުސިން މިނިސްޓްރީ ތެރެއަށް ވަދެ މުޒާހަރާކުރަނީ
ފްލެޓް ލިސްޓު ނުނެރޭތީ މިނިސްޓްރީ ތެރެއަށް ވަދެ މުޒާހަރާ ކުރަނީ
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން މުރާޖައާ ކުރުމަށް ފަހު އާންމުކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުމުން ހައުސިން މިނިސްޓްރީ ކުރިމަތީގައާއި މިނިސްޓްރީ ތެރެއަށް ވަދެ މުޒާހަރާ ކުރަން ފަށައިފި އެވެ.
ވީކިހިނެއް؟ - ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެކި ތާރީހުތައް ދެއްވުމަށް ފަހު އަދިވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓު ނެރެފައެއް ނުވެ އެވެ. މީގެ ދެ ގަޑިއިރު ކުރިން ފެށިގެން ބައެއް އާންމުން ހައުސިން މިނިސްޓްރީ ކުރިމައްޗަށް ވަނީ އެއްވެފަ އެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީ ތެރެއަށް އެ މީހުން ވަދެދާނެތީ ސެކިއުރިޓީއަށް ގިނަ އަދަދެއްގެ ފުލުހުން ވެސް މިނިސްޓްރީ ދޮރުމަތީ މަޑުކޮށްގެން އެބަ ތިއްބެވެ.
އޭގެ ކުރިން ބައެއް މީހުން މިނިސްޓްރީ ތެރެއަށް ވެސް ވަދެގަތެވެ. ވަންނަން އުޅުމުގެ ތެރޭގައި ބައެއް ހަމަނުޖެހުން ހިނގި މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އެބަ ދައުރުވެ އެވެ.
އެ ތަނަށް އެއްވެ ތިބި މީހުން މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.
ފަސްމަންޒަރު - 'ގެދޮރުވެރިޔާ' ސްކީމުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުގެ ފަހުކޮޅުގައި ވަނީ ގެޒެޓުކޮށްފަ އެވެ. ދައުރު ހަމަވީ ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓުގެ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައި ވަނިކޮށެވެ.
ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ތަހުގީގެއް ފަށައި އެ ތަހުގީގުގައި ބެލި ފޯމުތަކުގެ %59.6 އަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ކަނޑައެޅި އެވެ.
އެހެންކަމުން މި ސަރުކާރުން އޮތީ އާ ލިސްޓް އިއުލާންކުރުން ފަސްކޮށްފަ އެވެ.
ކޮމެންޓް