ގެދޮރުވެރިޔާ ފުރަތަމަ ބުރުގެ ދާއިމީ ލިސްޓާ ކުރީ ސަރުކާރުން ނެރުމާ އެކު ހިތްހަމަ ނުޖެހިގެން އާންމުން ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ފްލެޓު ލިސްޓު އިއުލާންކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން މުރާޖައާ ކުރުމަށް ފަހު އާންމުކުރުން އަނެއްކާވެސް ފަސްކޮށްފި އެވެ.
ވީ ކިހިނެއް؟ - 'ގެދޮރުވެރިޔާ' ސްކީމުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުގެ ފަހުކޮޅުގައި ވަނީ ގެޒެޓުކޮށްފަ އެވެ.
ދައުރު ހަމަވީ ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓުގެ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައި ވަނިކޮށެވެ.
ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ތަހުގީގެއް ފަށައި އެ ތަހުގީގުގައި ބެލި ފޯމުތަކުގެ %59.6 އަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ކަނޑައެޅި އެވެ. އެހެންކަމުން މި ސަރުކާރުން އޮތީ އާ ލިސްޓް އިއުލާންކުރުން ފަސްކޮށްފަ އެވެ.
އެނގުން މުހިންމު - މި ސަރުކާރުން މުރާޖައާކުރި ލިސްޓު މި ހަފްތާގެ ފަހު ދުވަސް (މިއަދު) އާންމުކުރާނެ ކަމަށް މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ހައިދަރު އެހެން ވިދާޅުވި ނަމަވެސް، މިއަދު ހައުސިން މިނިސްޓްރީން ވަނީ ރީއިވެލުއޭޝަންގެ މަސައްކަތް ނިންމަން އަދިވެސް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ އާންމުންގެ ފަރާތުން އޭސީސީއަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޮމިޝަނުން މިނިސްޓްރީއަށް އަންގާފައިވާ ކަންކަން ބަލަން ރައީސް މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވައިފިލި ކޮމެޓީގެ ލަފާގެ މަތިން އެޕްލިކޭޝަން ފޯމުތައް މުރާޖައާ ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
"ކުރިން އާންމު ކުރެވިފައިވާ 'ގެދޮރުވެރިޔާ' ސްކީމުގެ އުސޫލުގެ ދަށުން 20،697 އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަން ޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން މި މަސައްކަތްތައް ނިންމުމަށް އިތުރު ވަގުތު ބޭނުންވާތީވެ، މި ސްކީމުގެ ވަގުތީ ލިސްޓާއި ރީއިވެލުއޭޝަނާ ގުޅިގެން ކުރިއަށްގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މި މަސައްކަތްތައް ނިމުނުހާ އަވަހަށް އާންމުކުރާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެ ބަޔާނުގައި ބުންޏެވެ.
ތަފްސީލު - މި ސަރުކާރުން ނިންމާފައިވަނީ ކުރީގެ ސަރުކާރުން ގެޒެޓުކުރި ދާއިމީ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، އަލުން ރިވިއުކުރުމަށެވެ.
އެ މަސައްކަތް ނުނިމި ދިގުލައިގެން ދާއިރު ލިސްޓު އާންމުކުރަން އެކި ތާރީހުތައް ހައިދަރު ވަނީ ދެއްވާފަ އެވެ. އެގޮތުން މި ހަފްތާގައި ލިސްޓު އާންމުކުރައްވާނެ ކަމަށް ވިދާޅުވުމުގެ ކުރިން މިދިޔަ އޮކްޓޫބަރުގައި ލިސްޓު ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިވިއުކުރުމުގެ މަސައްކަތް ކުރާނީ، މިިނިސްޓަރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކުރީ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާއި ޝަރުތުތަކަށް ވީހާވެސް ބޮޑަކަށް ބަލައިގެންނެވެ.
ކޮމެންޓް (1)
ހައިދަރު