ހދ. ކޭލަކުނުގައި އޮތް ކުޅިއެއް: ކަނޑޫފާތަކާ ބެހޭ ދިރާސާ ހިންގި ހަ ރަށުގެ ތެރެއިން އެއް ރަށަކީ ކޭލަކުނު.
ކަނޑުގެ ލޮނުގަނޑު އުފުލުމުން ރާއްޖޭގެ ކަނޑޫފާތަކަށް ގެއްލުން
ނޭޗާ.ކޮމްގައި އަންގާރަ ދުވަހު ޝާއިއުކުރި ސައިންޓިފިކް ދިރާސާއަކުން ދައްކާ ގޮތުގައި، 2020 ވަނަ އަހަރު ކަނޑުގެ ލޮނުގަނޑު އާދަޔާހިލާފަށް އުފުލުމުގެ ސަބަބުން ރާއްޖޭގެ ކަނޑުހުރާ ހުންނަ ރަށްތަކުގެ ތެރެއިން %25 ރަށްރަށުގެ ކަނޑޫފާތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
މި ދިރާސާގައި ބަލާފައިވަނީ މީހުން ދިރިއުޅޭ އަދި މީހުން ނޫޅޭ ރަށްރަށުގެ ކަނޑޫފާތަކާއި ވަލުތަކަށެވެ. މި ވަލުތައް ހުންނަނީ ގޮނޑުދޮށުގެ ވެލިގަނޑުން އެއްގަމާވީ ފަރާތުގަ އެވެ. މި ކަނޑޫފާތަކަށް ގެއްލުން ލިބުނު ދުވަސްވަރު ރާއްޖެއަށް ވަޔާއި ގަދަ މޫސުމުގެ އަސަރެއް ކޮށްފައެއް ނުވެ އެވެ.
ކަނޑޫފާތައް 2017 އިން 2020އަށް ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ބާރު ސްޕީޑާ އެއްވަރަކަށް ނުއެއް ހެދެ އެވެ. ކަނޑޫފާތައް ހެދޭ ފަސްގަނޑު އަހަރަކު 6.40 މިލިމީޓަރު އުފުލުނުއިރު، ކަނޑުގެ ލޮނުގަނޑު އުފުލުނީ އަހަރަކު 30.50 މިލިމީޓަރަށެވެ. މިއީ ކަނޑޫފާ ހެދޭ މިންވަރަށް ވުރެ ފަސް ގުނަ ހަލުއި މިންވަރެކެވެ.
ދިރާސާ ކުރިއަށް ގެންދިޔައީ ރާއްޖޭގެ ހަ ރަށެއްގަ އެވެ. އެއީ:
-
ހއ. ކެލާ
-
ހދ. ކޭލަކުނު އަދި ނޭކުރެންދޫ
-
ށ. ގޮއިދޫ އަދި ފޭދޫ
-
ގދ. ހޯނޑެއްދޫ
މީގެ ތެރެއިން ހޯނޑެއްދޫގެ %53.39 އަދި ނޭކުރެންދޫގެ %27.38 ކަނޑޫފާ ވަނީ މަރުވެފަ އެވެ. މި ރަށްތަކުގެ ތެރެއިން ހަމައެކަނި މީހުން ނޫޅޭ ރަށަކީ ކޭލަކުނު އެވެ.
ކަނޑުގެ ލޮނުގަނޑު މިހާ ބޮޑަށް އުސްވީ 2019-2020ގެ އިންޑިއަން އޯޝަން ޑައިޕޯލް އިވެންޓްގެ ސަބަބުންނެވެ. މިއީ ތާރީހުގައި ރެކޯޑުކުރެވުނު ދެ ވަނައަށް އެންމެ ގަދަ ޑައިޕޯލް އިވެންޓެވެ. މަރުވި ގަސްތައް ދިރާސާކުރުމުން ދައްކާ ގޮތުގައި، ދިރިހުރި ގަސްތަކާ އަޅާބަލާއިރު ސްޓޯމެޓަލް ކޮންޑަކްޓަންސް ދަށްވެފައިވެ އެވެ. މިއީ ލޮނުގެ ސަބަބުން ލިބުނު ގެއްލުމުގެ ހެއްކެކެވެ.
ލޮނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ބްރުގުއިއެރާ ސިލިންޑްރިކާ ކިޔާ ބާވަތުގެ ކަނޑޫފަލަށެވެ. މިއީ ލޮނުގެ އަސަރު ބަރުދާސްތުކުރުމުގެ ގާބިލުކަން ދަށް، ލޮނު ބޭރުކުރާ ގްލޭންޑްސް ނުހުންނަ ބާވަތެކެވެ. ކަނޑޫފާ މަރުވަން ފަށާފައިވަނީ އާންމުކޮށް ތިރީގައި ހުންނަ ސަރަހައްދުތަކުގެ މެދުންނެވެ.
ކުރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 1999 އިން 2017 އަށް ކަނޑޫފާތަކަށް ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ބާރާ ކުރިމަތިލެވުނެވެ. އެ ދުވަސްވަރު ކަނޑޫފާ ހެދޭ ފަސްގަނޑު އަހަރަކު 5.39 މިލިމީޓަރު އުފުލުނުއިރު، ކަނޑުގެ ލޮނުގަނޑު އުފުލުނީ އަހަރަކު 3.09 މިލިމީޓަރަށެވެ.
މި ބަދަލުތަކުގެ އަސަރު ކޮށްފައިވަނީ ހަމައެކަނި ރާއްޖެއަކަށް ނޫނެވެ. މި މުއްދަތުގައި ސޭޝެލްސްގެ 0.10 ހެކްޓަރު އަދި ކޮމޯރޯސްގެ 0.96 ހެކްޓަރުގެ ކަނޑޫފާ ވަނީ ހަލާކުވެފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި އާދަޔާހިލާފު މޫސުމީ ބަދަލުތައް އިތުރުވަމުންދާ ވަރަކަށް، ދިރާސާތަކުން ދައްކާގޮތުގައި، މިފަދަ ހާދިސާތައް އިތުރުވާނެ އެވެ. މިކަމުން ހާމަވަނީ ކަނޑޫފާ ރައްކާތެރިކުރުމަށް އާ ގޮތްތަކެއް ހޯދަންޖެހިފައިވާ މިންވަރެވެ.