އޭޖީ އޮފީހުގައި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އޭޖީ އުޝާމް (މ)، މީޑިއާ މިނިސްޓަރު އިބްރާހީމް ވަހީދު (ވ)، އަދި ރައީސް އޮފީހުގެ މިނިސްޓަރު ހަލީލު (ވ) - (ފޮޓޯ/ އޭޖީ އޮފީސް)
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އޭޖީ ދެއްވައިފި
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 'މީޑިއާ ކޮންޓްރޯލް ބިލް'އާ ގުޅޭ ގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީން ކަން އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ދެއްވައިފި އެވެ.
ވީކިހިނެއް؟ - އެ ބިލާ ދެކޮޅަށް، ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިސް ނަގައިގެން މީޑިއާކައުންސިލާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން 'ހަތަރެއްގެ ހައްގުގައި' ނަމުގައި ކެމްޕޭނެއް ފަށާފައިވަނިކޮށް ކެމްޕޭނުގެ އިސް ބައިވެރިންނާ އެޓާނީ ޖެނެރަލް އުޝާމް މިއަދު ހެނދުނު ބައްދަލު ކުރެއްވި އެވެ.
ތަފްސީލް - އެޓާނީ ޖެނެރަލް އުޝާމްގެ އިތުރުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލް އާއި މީޑިއާތަކުގެ މެންޑޭޓު އޮންނަ އިންފޮމޭޝަން މިިނިސްޓަރު އިބްރާހީމް ވަހީދު ވެސް އެޓާނީ ޖެނެރަލް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ބުނީ ކީކޭ؟ - އެ ބައްދަލުވުމުގެ ފޮޓޯތައް މީޑިއާ ގްރޫޕުގައި ހިއްސާކޮށް އޭޖީ އޮފީހުން ބުނީ، ހެނދުނުގެ ބައްދަލުވުމުގައި ނޫސްވެރިންގެ ޖަމިއްޔާއިން ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް އުޝާމް އަޑުއެއްސެވި ކަމަށެވެ.
"ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުންނަށް ބަންޑާރަ ނައިބު އުޝާމް ދެއްވި،" އޭޖީ އޮފީހުން ފޮނުވި މެސެޖުގައިވެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތް އިރު، މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގަތުމާއި ބޭރުކޮށްލުމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ. ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުންނާއި ސަރުކާރުން ވެސް ބުނަނީ ބިލު އަދި ދިރާސާކުރަމުން އަންނަ ކަމަށެވެ.
ފަސްމަންޒަރު - ރައްޔިތުންގެ މަޖިލީހުން ރުހުންދީގެން ރައީސް އައްޔަންކުރާ ބަޔެއްގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށް މީޑިއާ ރެގިއުލޭޓް ކުރުމުގެ ބާރު ދެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫ ބަކުރެވެ.
އެނގުން މުހިންމު - މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފަހުން މީޑިއާތައް ސަރުކާރުން ކޮންޓްރޯލް ކުރުމަކީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
ބިލާ ދެކޮޅަށް ފަށާފައިވާ 'ހަތަރެއްގެ ހައްގުގައި' ކެމްޕޭން ހަރަކާތުން ގޮވާލަމުން ދަނީ ބިލު މަޖިލީހުން ބޭރުކޮށްލުމަށެވެ. ރައީސްގެ ސިޔާސަތާ އެއް ގޮތަށް މަޖިލީހުން އަމަލުކުރާ ނަމަ ބިލު މަޖިލީހަށް ބަލައިގަނެގެން ނުވާނެ ކަމަށް އެ ހަރަކާތުން ބުނެ އެވެ.
ކޮމެންޓް