ޕީޖީ ހުސެން ޝަމީމަށް ހަމަލާ ދިނުމުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން. (ފޮޓޯ/ޕޮލިސް)
ޝަމީމް މަރާލަން އުޅުން: ދައުވާތަކަށް އިންކާރުކުރުމުން ދައުލަތުގެ ހެކިތައް ހާމަކޮށްފި
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދީ މަރާލަން އުޅުނު މައްސަލާގައި ހަތް މީހަކަށް އުފުލާފައިވާ ދައުވާތަކަށް އެ މީހުން އިންކާރު ކުރުމުން ދައުލަތުން ހުށަހަޅާ ހެކިތައް މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހާމަކޮށްފި އެވެ.
މައްސަލައިގެ ފެށުން - ޝަމީމަށް ހަމަލާދީފައި ވަނީ މިދިޔަ 31 ޖެނުއަރީގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ގޭ ދޮރުމަތިންނެވެ. އެ ހަމަލާގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
ދައުލަތުން ތުހުމަތުކުރަނީ އެއީ އިންތިޒާމުވެގެން ގޭންގަކުން އޭނާ މަރާލަން ދިން ހަމަލާއެއް ކަމަށެވެ. ހަތް މީހުންގެ މައްޗަށް އުފުލި ދައުވާއަކީ ވެސް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުުނު ކަމުގެ ދައުވާ އެވެ.
ވީ ކިހިނެއް؟ - މިއަދުގެ އަޑުއެހުމުގެ ކުރިއަށް ދައުވާ ރައްދުވާ މީހުން ދިފާއީ ވަކީލަކު ހަމަޖައްސާފައި ވުމުން، އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ކޮންމެ މީހަކަށް ކުރާ ދައުވާއާއި ދައުވާކުރާ ސަބަބުތައް ދައުލަތުން އިއްވުމެވެ. ދެން އެދައުވާތަކަށް ދިފާއުން އިންކާރުކުރި އެވެ.
ތަފްސީލް - ދައުވާކުރާ މީހުންގެ ފަރާތުން ދިފާއީ ވަކީލު އިސްމާއީލް އަހުމަދު ދައުވާތަކަށް އިންކާރުކުރައްވާ ކަމަށް ވިދާޅުވުމުން ދައުލަތުން ކުށް ސާބިތުކުރަން ހުށަހަޅާ ހެކިތައް ހާމަކުރުމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އިހުސާން އެންގެވި އެވެ.
ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނެނީ:
-
އަނިޔާ ލިބިވަޑައިގެންނެވި ޝަމީމް
-
އެކި މަންޒަރުތައް ދުށް މީހުން
-
ތަހުގީގުގައި ބައިވެރިވި ފުލުހުން
-
ދައުވާކުރާ މީހުންގެ ހަރަކާތްތައް ފެންނަ ވީޑިއޯތަކުގެ އެނަލިސިސް ރިޕޯޓެއް
-
އެއް ގޭންކަށް ނިސްބަތްވާ ކަން ސާބިތުކުރަން ދައުވާކުރާ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެނަލިސިސް ރިޕޯޓެއް
-
ރާއްޖޭގެ ގޭންގު ކުށްތަކުގެ މައުލޫމާތު ރަނގަޅަށް ދަންނަ ތަޖުރިބާކާރު ދެ ފުލުހެއް
ހަބީރެއް ގޮތުގައި ނުވަތަ ތަޖުރިބާގެ މައުލޫމާތު ދެވޭ ގޮތަށް ދެ ފުލުހެއްގެ ނަން ހިމެނި ނަމަވެސް އެ މީހުުންގެ ތަޖުރިބާތަކާއި އިލްމު އެނގޭނެ ލިޔެކިޔުންތައް ދައުލަތުން ހެއްކާއެކު ހުށަހަޅާފައި ނެތުމުން ގާޒީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވި އެވެ. އެ ގޮތުން:
-
ހަބީރެއްގެ ގޮތުގައި ހެކިވެރިއަކު ހުށަހަޅާއިރު ތަޖުރިބާ އެނގޭނެ ލިޔުންތަކާއެކު ހުށަަހަޅަން ހެއްކާ ބެހޭ ގާނޫނުގައި ލާޒިމުކޮށްފައިވޭ
-
ގާޒީ އެންގެވުމުން އެ ފުލުހުންގެ ސީވީ ފަދަ ލިޔުމެއް ހުށަހަޅާނެކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނި ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ގާޒީ ވިދާޅުވި
-
މިހާ ސީރިއަސް މައްސަލައެއްގައި ޕީޖީ އޮފީހުން މިއަށް ވުރެ ފަރުވާތެރިވާން ޖެހޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި
އެނގުން މުހިންމު: ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ޝަމީމަށް ދިން ހަމަލާއިން އޭނާގެ ވައަތު މުލައްދަނޑީގައި ރެނދެއް ލި އެވެ. މިއީ ބަޔަކު ރާވައިގެން، ޝަމީމް މަރާލަން އޭނާ ބޮލަށް އަމާޒުކުރަން އުޅުނު ހަމަލާއެއް ކަމަށް ދައުލަތުން ބުނެ އެވެ.
ދައުވާކޮށްފައިވާ މީހުންނާއި ދައުވާކުރި ސަބަބު
1. މިދުހަތު އާދަމް، 24، ރިވެލި/ރ. އަލިފުށި
-
ދައުވާގައިވާ ގޮތުން މިދުހަތަކީ، ހަމަލާދިނުމަށް އިތުރު ބަޔަކާ އެކު ރާވައި ނޫރު މިސްކިތް ކައިރީ ޝަމީމް ހުއްޓައި އެ ސަރަހައްދަށް ގޮސް ހަމަލާދިން މީހާ؛
-
މިދިޔަ 31 ޖަނަވަރީގެ 7:42 ހާއިރު، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޝަމީމު ހުއްޓައި ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، މާރާމާރީ ހިންގައި އަތުގެ މުލައްދަނޑި ޒަހަމްކޮށްލީ މިދުހަތު
2. މުހައްމަދު ޖަޒްލާން، 22، ތުނޑި ޖަވާހިރުވިލާ/ލ. ގަން
-
ދައުވާގައިވާ ގޮތުން ޖަޒްލާނަކީ ޝަމީމަށް ހަމަލާދޭން ރާވައި ޝަމީމަށް ހަމަލާދިނުމަށް ނޫރު މިސްކިތް ކައިރިއަށް މިދުހަތު ގެންދިޔަ މީހާ
-
މިދުހަތު ގޮވައިގެން ސަކަލެއްގައި ނޫރު މިސްކިތް ކައިރިއަށް ގެންދިއުމަށް ފަހު، ޝަމީމަށް ހަމަލާދީ ޒަހަމްކޮށްލުމުން މިދުހަތު ގޮވައިގެން ޖަޒްލާން އެތަނުން ގޮސްފައިވޭ
3. އަހްމަދު މައިސާން ހާޝިމް، 20، މާލޭ ދަފްތަރު ނަންބަރު 2247
-
ދައުވާގައިވާ ގޮތުން މައިސާނަކީ ނޫރު މިސްކިތް ކައިރީ ޝަމީމް ހުއްޓައި އޭނާއަށް ހަމަލާދިނުމަށް މިދުހަތު އެ ސަރަހައްދަށް ދިޔަ ސައިކަލު ހޯދައިދީ އެކަމަށް މަހުގުފަހިކޮށްދީފައިވާ މީހާ
ދެން މި މައްސަލާގައި ދައުވާކޮށްފައިވާ މީހުންނަކީ:
-
ޝަމާލް ހުސެން، 21، މުސްތަރީގެ/ތ. ގާދިއްފުށި
-
ޒަޔާން ނަސީރު، 23، ކެމީހިޔާ/އދ. މާމިގިލި
-
އަބާން އަބްދުލްހައްނާން، 23، ރުވާ/ތ. ދިޔަމިގިލި
-
ރަޖުވާން ލަތީފް، 22، މުރިނގު/ލ. މާމެންދޫ
ދައުވާގައިވާ ގޮތުން، މި ހަތަރު މީހުންނަކީ ނޫރު މިސްކިތް ކައިރީ ޝަމީމަށް ހަމަލާދީ ނިމެންދެން ކާރެއްގައި ސަރަހައްދުގައި މަޑުކޮށްގެން ތިނބި މީހުންނެވެ. އަދި ޝަމީމަށް ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާ އެކު އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ދައުވާގައިވެ އެވެ.
ކޮމެންޓް