ސައުދީގައި މިއަދު ފެށި އަރަބި-އިސްލާމީ ސަމިޓްގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އެމެރިކާއަށް: އިޒުރޭލަށް ހަތިޔާރުފޯރުކޮށްދިނުމަށް ފަހު، ސުލްހައަށް ނުގޮވޭނެ

ރައީސްގެ ވާހަކައިގައި އެމަނިކުފާނު ވަނީ އިޒުލޭލްއަށް ވާގިވެރިވާ އެމެރިކާ ފަދަ ގައުމުތަކަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި

ފަލަސްތީންގެ ނަސްލު ނައްތާލުމަށް މަސައްކަތް ކުރަމުންދާ އިޒްރޭލަށް ހަނގުރާމަވެރި ހަތިޔާރު ފޯރުކޮށްދިނުމަށް ފަހު ސުލްހައަށް ނުގޮވޭނެ ކަމަށް ވިދާޅުވެ، އެމެރިކާއަށް ރައީސް މުހައްމަދު މުއިއްޒު ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ވީ ކިހިނެއް؟- ރައީސް މިގޮތަށް ވިދާޅުވީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި މިއަދު ފެށި އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓްގައި ތަގްރީރު ކުރައްވަމުންނެވެ.

ތަފްސީލު - ރައީސްގެ ތަގުރީރުގައި އެމަނިކުފާނު ވިދާޅުވީ އިޒްރޭލްގެ އަނިޔާވެރި އަމަލުތަކަށް 'ފުދިއްޖެ، ފުއްދިއްޖެ'  ކަމަށް، ފާއިތުވީ ހަތް މަސް ދުވަސް ވަންދެން ކޮންމެ ބައިނަލްއަގުވާމީ ބައްދަލުވުންތަކެއްގައި ގޮވަމުންދާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ފަލަސްތީނުގެ ރައްޔިތުން ތަހައްމަލް ކުރަމުން އައި "ބިރުވެރިވެރިކަމާއި ހަލާކު އަދި ބޭއިންސާފަ"ށް ބަދަލެއް ނާންނަ ކަމަށެެވެ.

"އިޒްރޭލުން އަނިޔާވެރި ގޮތަކަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެ، މިހާރު ހިނގަމުންދާ ޖަރީމާތަކުގެ ސަބަބުން ހީވެސް ނުކުރާ ވަރުގެ މަރުތަކާއި ފުނޑުފުނޑުތައް [އަދި] ތަކުލީފުތައް ވަނީ ކުރިމަތިވެފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި:

  • ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނި ވެސް އިޒްރޭލްގެ ހަމަލާތަކާ ގުޅިގެން ގާތްގަނޑަކަށް 50،000 އެއްހާ ފަލަސްތީނުގެ ރައްޔިތުން އަދި ހާހުން ގުނާލެވޭ އަދަދުކުން ލުބުނާނުގެ ރައްޔިތުން ވަނީ މަރާލާފައި 

  • އެއިން ކޮންމެ މަރަކީ ބޮޑު ހިތާވެރި ކާރިސާއެއްގެ ގޮތުގައި ސިފަ ކުރެއްވައި ރައީސް ވިދާޅުވީ އެ އާއިލާތައް ބިކަވެ، ދަރިން ޔަތީމުވެ، އެމީހުންގެ މުސްތަގުބަލު ލޯ ކުރިމަތީގައި ނެތިގެން ހިނގައްޖެ ކަމަށް

އިޒްލޭލާ ދެކޮލަށް ފަލަސްތީނުގެ ހައްގުގައި ދައްކާ ވާހަކަތަކާއި ކުށްވެރިކުރުންތައް ވެސް ބޭކާރަކަށްވެއްޖެކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ގަދަ ބާރުގައި ތިއްބެވި ބޭފުޅުން އެބޭފުޅުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށެވެ. އެއާއެކު އިޒްރޭލްއަށް ވަގިވެރިވާ އެމެރިކާ ފަދަ އެ ގައުމުގެ ބައިވެރިންނަށް ބަހުގެ ހަމަލާތަކެއް ރައީސް ދެއްވި އެވެ.

"ބާރުގަދަ ގައުމުތަކުން، ވަކިން ހާއްސަކޮށް އެމެރިކާ އާއި އެގައުމުގެ ބައިވެރިންގެ އަމަލުތަކުން ދައްކުވައި ދެނީ ފަލަސްތީނުގެ ފުރާނައަކީ އެހެން އިންސާނުންގެ ފުރާނަހާ އަގުހުރި އެއްޗެއްކަން އެގައުމުތަކުން ގަބޫލުނުކުރާކަން،" ރައީސް ވިދާޅުވި އެވެ.

"އެމީހުންގެ ހިމޭންކަމާއި ނުކުޅެދުންތެރިކަން ދެމެހެއްޓުމުގެ ސަބަބުން އިޒްރޭލްގެ އަނިޔާވެރިކަމާއި ނަސްލީ ތަފާތުކުރުން ދެމެހެއްޓުމަށް މަގުފަހިވެގެންދޭ."

އެއާ އެކު ރައީސް ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއަށް ވީޓޯ ކުރުމުގެ ބާރު އޮންނާތީ އެކަމާ ގުޅިގެން މީގެ ކުރިން ވެސް ފާޅުކުރައްވާފައިވާ ކަންބޮޑުވުން ތަކުރާރު ކުރައްވައިފަ އެވެ. އެގޮތުން ރައީސް ވިދާޅުވި ގޮތުގައި:

  • ވީޓޯ ކުރުމުގެ ބާރުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކަށް އަދަބެއް ނުލިބޭ

  • އޭގެ އިތުރުން މި ޖަރީމާއަށް އަދިވެސް ކުރިއަށް ދިޔުމަށް ބާރަކަށްވެ، ހަނގުރާމަވެރި ހަތިޔާރުތައް މެދުނުކެނޑި އިޒްރޭލަށް ފޯރުކޮށްދިނުމުގެ ފުރުސަތު އޮތީ ފަހިވެފައި

"ހަނގުރާމައިގެ ހަތިޔާރާއި، އަނިޔާވެރިކަމުގެ ވަސީލަތްތައް ފޯރުކޮށްދެމުން، ސުލްހައަށް ގޮވާނުލެވޭނެކަން ސާފުކޮށް ދަންނަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ތަގުރީރު ފައްޓަވަމުން އެމަނިކުފާނު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި ފަލަސްތީނުގެ މައްސަލާގައި މިނިވަން ދެ ދައުލަތުގެ ހައްލަކަށް އައުމަށް ޓަކައި ސައުދީ ރަސްކަމުގެ ހާންދާނުން ކުރައްވަމުން އަންނަ މަސައްކަތް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. ރައީސް މިކަން ސިފަ ކުރައްވީ މުޅި "އިސްލާމީ އުއްމަތަށް އުއްމީދުގެ އަލި މަގެއް"ގެ ގޮތުގަ އެވެ.

"އަޅުގަނޑުމެން އުއްމަތެއްގެ ގޮތުގައި، މިހާރުން މިހާރަށް ފިޔަވަޅެއް ނާޅައިފި ނަމަ، ތާރީހުން އަޅުގަނޑުމެންގެ މައްޗަށް ހަރުކަށި ހުކުމް ކުރާނެ،" އެއްބައިވަންތަކަމާއި މާނަހުރި ބަދަލަކަށް މި ސަމިޓް ބަދަލުކުރުމަށް ގޮވާލައްވަމުން ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް