މަތިވެރި ދާއިރާ މެންބަރު ހަސަން ޒަރީރު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
ޒަރީރަށް ހަމަލާދިނުން: ކުށް ސާބިތު ނުވެ ދައުވާކުރި 3 މީހުން ވެސް ސަލާމަތްވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުވާކުރި ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ކަމުގެ ފެށުން - ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދީފައި ވަނީ، 1 މެއި 2023ގަ އެވެ. އެއީ ރައްޓެހިންތަކަކާ އެކު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށެވެ. އޭނާއަށް ދިން އެ ހަމަލާގައި މަރުތޭލަކުން ބޮލުގައި ޖަހައި ޒަހަމްކޮށްލާފައިވެ އެވެ.
ވީކިހިނެއް؟ - އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ނިންމަައި އިއްޔެ ކުރި ހުކުމް މިއަދު ކޯޓު ވެބްސައިޓަށް ލާފައިވެ އެވެ.
ތަފްސީލް - މި މައްސަލާގައި ދައުވާކުރި މީހުނާއި އުފުލި ދައުވާތަކަކީ:
-
މީގެ ކުރިން ވެސް މާރާމާރީ އާއި މަރުގެ އަދި ފޭރުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ)ގެ މައްޗަށް - މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން
-
މުލާން މުހައްމަދު، މ. ތާޖުގެ/މާލެ - މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުން
-
އަހްމަދު އައުޝަމް، ދީފްރަމްގެ/ތ. ކިނބިދޫ - މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުން
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ކުރެއްވި ހުކުމުގައި ވަނީ:
-
ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކު އިބްރާހިމް އަބްދުﷲ (ގައްބަރޭ) ހަތިޔާރަކުން މާރާމާރީ ހިންގި ކަމަށް ބުނެފައެއް ނުވޭ
-
މާރާމާރީ ހިންގި މީހުންގެ ތެރޭގައި އިބްރާހިމް އަބްދުﷲ ނުހިމެނޭ ކަމަށް އަނިޔާ ލިބުނު، މެންބަރު ޒަރީރު ޝަރީއަތުގައި ވިދާޅުވެފައިވޭ
-
ސީސީޓީވީ ފުޓޭޖުން ފެންނަނީ ދައުވާކުރި މީހުން ކަން ސާފެއް ނުވޭ
-
މުލާން މުހައްމަދާއި އަހުމަދު އައުޝަނާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ވާހަކަތަކުގައި ފުށުއެރުންތައް ގިނަ
ފަސްމަންޒަރު - މި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް އަބްދުﷲ އަކީ، 2007ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ އިޝާރު، ހ. ކުބްރާ/މާލެ، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފައިވާ މީހެެކެވެ.
އޭރު 18 އަހަރު ނުވާ އިބްރާހިމްގެ މައްޗަށް އެ މައްސަލައިގައި ދައުވާކުރިޔަސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލީ އެވެ.