މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ފުރުން. (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
އުސޫލު އޮތީ ހައްޖު ކޯޓާއިން ސަރުކާރަށް ބޭނުން ވަރަކަށް ޖާގަ ނެގޭ ގޮތަށް؛ ދެން ތަކުރާރެއް ނުވާނެ: ޝަކީލް
ހައްޖަށް ފައިސާ ދައްކާފައި ތިބޭ މީހުންނަށް ހައްޖަށް ދެވޭނެ ކަމަށް ލަފާކޮށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނާ އަހަރަށް ނުދެވި ފަސްވާ މައިގަނޑު ސަބަބަކީ ޖުމްލަ ކޯޓާގެ ތެރެއިން ސަރުކާރަށް ބޭނުން އަދަދަކަށް މީހުން ފޮނުވޭތީ ކަމަށާއި އެކަން ކުރުން ހުއްޓާލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މީހުން ހައްޖަށް ފޮނުވާ ގޮތާ ބެހޭގޮތުން ސުވާލުކުރުމަށްޓަކައި މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއިން އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ވަނީ ހާޒިރުކޮށްފަ އެވެ.
ކޮމެޓީ ބައްދަލުވުމުގައި އިންނެވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ސުވާލުކުރެއްވީ ހައްޖަށް ދާން ފައިސާ ދައްކާފައި ތިބޭ މީހުންނަށް ވަކި އަހަރެއްގައި ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނުމަށްފަހު އެ އަހަރު ދެވޭ ގޮތް ނުވެ ފަސްކުރަނީ ކީއްވެގެން ކަމާ މެދު އެވެ.
"އަބަދުވެސް އަޑު އިވެނީ ކުރިން ފައިސާ ދެއްކިޔަސް، އެ ބޭފުޅުންނަށް ކަނޑައެޅިފައިވާ ތާރީހުތަކެއް ދީފައި އޮވެފައި އެ ތާރީހުތަކަށް ނުދެވޭ ވާހަކަ. މިސާލަކަށް މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ޔަގީންކަން ދީފައި މި އަންނަ އަހަރަށް ބަދަލުކޮށްލާ،" މެމްބަރު ވިދާޅުވި އެވެ.
"އަނެއް މައްސަލައިގެ ގޮތުގައި އަޅުގަނޑު ބަލާލަން ބޭނުންވަނީ ފައިސާ ދައްކާފައި ހަމަ ކުއްލިއަކަށް ފުރަން ކައިރިވެފައި އޮއްވާ ކެންސަލްކޮށްފައި އެހެން ފަރާތްތަކަށް ޖާގަ ދޭ ވާހަކަ. އެހެން ބަޔަކަށް، ތިޔަ ބޭފުޅުންނަށް މާ ގިނަ ފައިސާ ދިނީމަ ދެވެނީތޯ ނުވަތަ އެކަން ހިނގަނީ އެންމެ ރަނގަޅަށް ނޫންވީމަ ދެވެނީތޯ؟"
އެނގުން މުހިންމު - އާންމުކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ދޫކުރަނީ 1،000 ހައްޖު ކޯޓާ އެވެ. މީގެ ކުރިން އެ ކޯޓާ ބަހާލަނީ ހައްޖު ކޯޕަރޭޝަނަށް އެއްބައި އަދި އަނެއް ބައި އަމިއްލަ ޖަމާއަތްތަކަށެވެ. ނަމަވެސް ރަސްމީ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ވަނީ މިދިޔަ ޑިސެމްބަރުގައި ނިންމާފަ އެވެ.
ބުނީ ކީކޭ؟ - މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ އިތުރަށް ފައިސާ ދައްކާ މީހުންނަށް އަވަހަށް ހައްޖަށް ދެވޭ ކަމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހައްޖަށް ދާން ފައިސާ ދައްކާފަ ތިބޭ މީހުންނަށް ދީފައި އޮންނަނީ އެ މީހަކަށް ހައްޖަށް ދެވޭނެ ކަމަށް ލަފާކުރެވޭ އަހަރެވެ.
ރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ 1،000 ކޯޓާއިން 850 މީހުންނަށް ދެވޭނެ ކަމަށް ސިސްޓަމްގައި ލަފާކޮށްފައި އޮތް ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު އެ އަދަދަށް މީހުން ފޮނުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އޭނާ ވިދާޅުވީ މިއަހަރު ލިބުނު 1،000 ކޯޓާ ހައްޖު ކޯޕަރޭޝަނާ ހަވާލުކުރި ނަމަވެސް، މީގެ ކުރިން އެ ކޯޕަރޭޝަނަށް އެގޮތަށް ހަވާލުނުކުރާ ކަމަށެވެ.
އެ 1،000 ކޯޓާ ބަހާލާ ގޮތުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ:
-
އުމުރުން 70 އަހަރުން މަތީގެ މީހުންނަށް އެހީތެރިއަކު ގެންދިއުން ލާޒިމުވާއިރު އެހީތެރިޔާގެ ޖާގަ ވެސް އުނިކުރަނީ ހައްޖު ކޯޓާއިން؛ މިއަހަރު މިގޮތަށް 87 މީހުން އެހީތެރިންގެ ގޮތުގައި ދިޔަ
-
ހައްޖަށް މީހުން ގެންދިއުމާ ގުޅޭ އުސޫލުގައި އިސްލާމިކް މިނިސްޓްރީ ނުވަތަ ސަރުކާރަށް ޖާގަތަކެއް ކަނޑައަޅާފައި އޮވޭ؛ މިކަމަށް ވަކި އަދަދެއް ކަނޑައަޅާފައި ނޯންނައިރު، އެ އިރެއްގައި އޮންނަ ސަރުކާރަކުން ބޭނުން އަދަދަކަށް މި ޖާގަތަކުގައި މީހުން ފޮނުވާ
-
އެގޮތަށް ސަރުކާރުގެ ކޯޓާގައި މިއަހަރު 143 މީހުން ހައްޖަށް ފޮނުވި
-
ފަގީރުންގެ ގޮތުގައި ވަކި އަދަދަކަށް މީހުން ފޮނުވާ؛ މިއަހަރު 50 މީހުން
-
ބޮޑެތި ބަލިތަކަށް ހާއްސަ ސްލޮޓުތަކަށް ޖުމްލަ ކޯޓާއިން %5 (50 ޖާގަ) ކަނޑައަޅަނީ
ކޮންމެ އަހަރަކު ފޮނުވޭނެ ކަމަށް ލަފާކުރާ 850އިން އެ އަދަދުތައް އުނިކޮށްލުމުން ބާކީވާ ބައި ކުރިއަށް އޮތް އަހަރަށް ފަސްކުރަން މަޖުބޫރުވެ އެވެ.
"އެހެންވީމަ 850 މީހުންނަށް ދެވޭނެ ކަމަށް ބެންޗުމާކެއް ކަނޑައަޅާފައި އޮއްވާ އެ އަދަދަށް މީހުން ނުގެންދެވޭ ކަމަށް ވަންޏާ ޖެހިގެން އަންނަ އަހަރަށް މި ފޯލް ވަނީ. ޖެހިގެން އަންނަ އަހަރު އެންމެ ތިރީގައި ތިބޭ މީހުން އޭގެ އަނެއް އަހަރަށް ފޯލްވޭ،" އޭނާ ވިދާޅުވި އެވެ.
އެގޮތަށް ހައްޖަށް ދާން ފައިސާ ދައްކާފައި ތިބޭ މީހުންގެ ލިސްޓު ދިގުވަމުން ދިގުވަމުން ދާއިރު، ޝަކީލް ވިދާޅުވީ މިއަހަރު ވެސް ކުރިމަތިވީ އެ މައްސަލަ ކަމަށެވެ.
"އެހެންވީމަ އިތުރަށް ބަޔަކު ފައިސާ ދައްކައިގެން ނޫނީ ބޮޑު އަދަދެއް ދެއްކީމަ ހައްޖު ކޯޕަރޭޝަނުން ބަޔަކު މީހުން ގެންދަން ފުރުސަތު ދެނީއެއް ނޫން. އަޅުގަނޑުމެން ކޮންމެ ފަހަރަކު ވެސް މި އޮންނަ އުސޫލުގެ ތެރެއިން ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރު ކޯޓާގެ ނަމުގައި މިނިސްޓްރީގެ ކޯޓާގެ ގޮތުގައި ބަޔަކު ގެންދަން މި ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ރައީސް މުއިއްޒު ވަނީ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި ކިޔޫ ތަރުތީބުގެ ބޭރުން އެއްވެސް ކޯޓާއެއް ރިޒާވް ނުކުރުމަށް. އަޅުގަނޑުމެންނަށް ރަސްމީކޮށް ސިޓީއަކުން، ރައީސް އޮފީހުން ވަނީ އަންގާފައި، އުސޫލު މިހެން އޮތް ކަމަށް ވިޔަސް ކިޔޫ ތަރުތީބުގެ ބޭރުން ކުރިއަށް އޮތް ތަނުގައި އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭން."
ކޮމެންޓް (3)
ސިފަ
މުލޭ
ޏބބވވގގހސހހ