މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހެދުމަށް އެހީތެރިކަން ފޯރުކޮށްދޭ ސްކީމެއް ތައާރަފު ކުރާނަން: ރައީސް
މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހެދުމަށް އެހީތެރިކަން ފޯރުކޮށްދޭ ސްކީމެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސްގެ ވައުދާ އެއްގޮތަށް %5 އިންޓްރެސްޓުގައި ބޯހިޔާވަހިކަމުގެ ލޯނު ދޫކުރުން އިފްތިތާހު ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގޯތިތަކާ ގުޅޭ ސްކީމަށް ކުރަން ޖެހޭ ފަންނީ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ.
ތަފްސީލް - އެކަމާ ގުޅޭ ފަންނީ މަސައްކަތްތައް ނިމުމުން ސްކީމު އިއުލާނު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކާ ގުޅޭ ބައެއް މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ:
-
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައި ހުރި ގޯތިތައް ހަވާލުކޮށް ނިމިފައިވޭ
-
ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކާ ނިމުމުން އެތަނުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރާނެ
-
ގުޅީފަޅުގެ ހިއްކާ ނުނިމި އޮތް ސަރަހައްދު ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ހަވާލުކުރާނެ
-
ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވޭނީ ބިން ހިއްކައި ނިމުމުން
-
އެ ޔަގީންކަން ދިނުމަށް އެމީހެއްގެ ގޯތި ލިބޭ ސަރަހައްދުގެ ކޯޑިނޭޓު އެނގޭ ލިޔުމެއް ދެމުންދާނެ
-
ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ އެއްވެސް މިންގަނޑަކަށް ނުވަތަ ލޭންޑް ޔޫސް ޕްލޭނަކަށް ބަލައިގެންނެއް ނޫން
-
އޭގެ ސަބަބުން 1،200އެއްހާ ގޯތި އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ޖެހިފައިވޭ
"ކައިރީ އޮތް ކަނޑުން ވެސް އެއް ބައި ހަމަޖައްސައިގެން [ގިރާވަރުފަޅުން] ގޯތި ދީފައި އޮތީީ. ފުރިގެން ބަންޑުންވާ ވަރަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުގެ އެންމެ މުހިއްމު އެއް މަޝްރޫއު، ރަސްމާލޭގެ މަސައްކަތުގައި ވެސް ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ގޮންޖެހުންތަކުން އަރައިގަނެ، ރޭވުމާ އެއްގޮތަށް މަސައްކަތް ނިންމަވާނޭ ކަމަށް ވިދާޅުވެފަ އެވެ.
"އުފަލާއި ޔަގީންކަމާ އެކު ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ގެދޮރުވެރިކަމުގެ މައްސަލަ މިއީ އިރާދަކުރެއްވިއްޔާ ތިޔަ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާ ވެސް އެކުގައި އަޅުގަނޑުމެން ހައްލުކުރާނޭ ކަމެކޭ. މިއަދު މި ފެށުނީ އޭގެ އެންމެ މުހިންމު ކަންތައް،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް