ކުރީގެ ރައީސް ޔާމީން ބައިވެރިވި ފްރަންޓްއޮފީސް ޖަލްސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
3 ނޮވެމްބަރުގެ އުދުވާނާ ގުޅޭ ޖަވާބު ނުލިބޭ ކަންކަން އެބަހުރި: ޔާމީން
މީގެ 36 އަހަރު ކުރިން ސްރީ ލަންކާގެ ތަމަޅަ ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅޭ ގޮތުން ޖަވާބު ނުލިބޭ ކަންކަން އެބަހުރި ކަމަށާއި ތާރީހަށްޓަކައި އެ ކަންކަން ހޯދަން ޖެހޭ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 3 ނޮވެމްބަރު 1988ގައި، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަން ވައްޓާލަން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މައްސަލަ ތަހުގީގުކޮށް، ތުހުމަތުވާ މީހުންނަށް އޭރު ހުކުމް ވެސް ކުރި އެވެ.
އޭގެ ތެރެއިން އެކަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަފައިބެ އަހުމަދު އިސްމާއީލް މަނިކު (ބޮޑު ސިއްކަ) އެވެ. ސިއްކަ އަހުމަދު އިސްމާއީލްގެ ދިފާއުގައި، ކޮންމެ އަހަރަކު ވެސް އޭނާއާ އާއިލީ ގުޅުން އޮންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަ އެވެ. މި އަހަރު ވެސް 3 ނޮވެމްބަރުގައި އޭނާގެ ދިފާއުގައި ނަޝީދު ވާހަކަ ދެއްކެވި އެވެ.
ތަފްސީލް - ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި 3 ނޮވެމްބަރުގެ މައްސަލާގައި ތަހުގީގު ފުރިހަމަ ނުވާ ބައެއް ކަންކަން ހުރި ކަމަށް ބުނެ، އެ ހަމަލާ އާއި އިންޑިއާއާ ގުޅުވައި ބައެއް ކަންކަން ދެއްކި އެވެ. އެގޮތުން:
-
އެ ދުވަސްވަރު ރައީސް މައުމޫން ޗައިނާއަށް ދަތުރެއް ކުރެއްވިކަން
-
މަޖީދިއްޔާ ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި މަލިކަކީ ރާއްޖޭގެ ތަނެއް ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ކަމަށް
-
ލަންކާއިން ބޯޓެއްގައި އައި އިރު އިންޑިއާގެ އާމީ އިންޓެލިޖެންސަށް އެއްވެސް މައުލޫމާތެއް ނުލިބޭތޯ ސުވާލު އުފެއްދެވި
ކީކޭ ބުނީ؟ - މި ޕްރެޒެންޓޭޝަންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ "އަޅުގަނޑު ފެންވަރު މީހުންނަށް" ވެސް އެ ހަމަލާއާ ގުޅޭ ގޮތުން ގިނަ ކަންކަން ސާފު ނުވާ ކަމަށެވެ. ޔާމީން އެހެން ވިދާޅުވީ އޭރު ނެގި ތަހުގީގު ކޮމިޓީން ކޮމިޓީއެއްގައި އޭރު އެ މަނިކުފާނު ވެސް މަސައްކަތް ކުރެއްވި ކަމަށް ފާހަގަ ކުރައްވަ އެވެ. އޭރު އުމުރުން ވަރަށް ޒުވާން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ބަޔާންތަކުން ފެނުނު ގޮތުގައި ބޮޑު ސިއްކައަށް މި އޮންނަނީ ޓްރޭޑް މިނިސްޓަރުކަން. އެހެންވިއްޔާ ކާކު ހެއްޔޭ ރައީސް ކަމަށް އަންނަނީ؟ ގައިމު ބޭރު ޖަމާއަތަކާ ގުޅިގެން ހަތިޔާރާ އެކީ އަރައި ސަރުކާރު ވައްޓާލާއިރު ރައީސް ކަމަށް އަންނާނެ މީހަކު އޮންނާނެތާ،" މައުމޫނުގެ އެއްބަފާ ކޮއްކޯފުޅު ޔާމީން ވިދާޅުވި އެވެ.
"އަދިވެސް މި ކަންކަން މި އޮތީ ވަންހަނާ ކޮށްފައި. މީގައި އަޅުގަނޑުމެންނަށް ނޭނގޭ ވާހަކަތަކެއް އެބަ އުޅޭ. ލުތުފީ، ސަގަރު ނާސިރު، ސިއްކަމެން މިއީ ޕޯންތަކެއް. މީގެ އަޑީގައި އިސްކޮށް އަދި ބަޔަކު ތިބި ހެއްޔެވެ؟ ނެތް ހެއްޔެވެ؟،" ޔާމީން ސުވާލުތަކެއް އުފައްދަމުން ވިދާޅުވި އެވެ.
ބައެއް ކަންކަން ފޮރުވިފައި އޮތުމުން އެ ދުވަހާ ގުޅޭ ގޮތުން މުޅިން ވެސް ދައްކަނީ "ސްޕެކިއުލޭޝަން" ނުވަތަ ވި ކަމަށް ބެލެވޭ ކަންކަމުގެ ވާހަކަ އެކަނި ކަމަަށް ޔާމީން ވިދާޅުވި އެވެ. ޔާމީންގެ "ސްޕެކިއުލޭޝަން" އަކީ އޭގެ ފަހަތުގައި އިސްކޮށް ތިބި ބައެއްގެ ވާހަކަ ފޮރުވާފައި އޮތް ކަމެވެ.
"އެ ދުވަހު ތިން ދިމާއަކަށް ގޮސް ހަމަލާ ދޭން މަސައްކަތް ކުރީ. ރައީސް މައުމޫނާއި އިތުރު ދެ މިނިސްޓަރަކާ ދިމާއަށް. ގައިމު ދެން ވެސް ސީނިއާކޮށް އިތުރު މިނިސްޓަރުން ވެސް ތިބޭނެ. ސިޔާސީ ގޮތުން ހާސިލްކުރަން ބޭނުންވި މަގުސަދު އަދިއަދަށް ވެސް ސާފެއް ނުވޭ،" މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި އިސް މަގާމުތައް ވެސް ފުރުއްވި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، އެ ދުވަހުގެ ގިނަ ހަގީގަތްތަކެއް އެނގޭނެ އެއް ބޭފުޅަކީ ކުރީގެ ރައީސް ނަޝީދެވެ.
"ރައީސް ނަޝީދަކީ ބޮޑު ސިއްކަގެ އާއިލާ ބޭފުޅެއް. އާއިލާ ތެރެއިން ވެސް ވާހަކަތަކެއް ރައީސް ނަޝީދަށް އިވިފައި ހުންނާނެ. ރައީސް ނަޝީދަކީ ވަރަށް ދިރާސާކުރައްވާ ބޭފުޅެއް. ތާރީހު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ރައީސް ނަޝީދަށް ވަރަށް ގިނަ ވާހަކަ އެނގިވަޑައިގަންނަވާނެ،" ޔާމީން ވިދާޅުވި އެވެ.
ސިފައިންގޭގައި އޭރު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނަށް ވެސް މި ކަންކަން އެނގޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެ ވާހަކަތައް ނުދައްކަނީ މުއައްސަސާއަށް އޮންނަ ގަދަރެއްގެ ސަބަބުން ބެލެވޭ ކަމަށް އެމަނިކުފާނު ރޭ ވިދާޅުވި އެވެ.
"ނަމަވެސް ކޮންމެ ވެސް ދުވަހަކުން މި ބޭފުޅުންގެ މެމޮއާ (ހަނދާންތަކުގައި) ލިޔަން ޖެހޭ މި ވާހަކަތައް،" ޔާމީން ވިދާޅުވި އެވެ.
"ތާރީހަށްޓަކައި ފިލް ކުރަން ޖެހޭ ހުސް ޖާގަތަކެއް، ބާގަނޑުތަކެއް އެބަ ހުރި މީގައި."
ކޮމެންޓް (1)
ޢެޑްމުންޑޯ