ކުރީގެ ރައީސް މުހައްމަދު ނަޝީދު (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
3 ނޮވެމްބަރު ހަމަލާގެ މައުލޫމާތު ސިއްކަ އިސްމާއިލް މައުމޫނަށް ދިން: ނަޝީދު
މީގެ 36 އަހަރު ކުރިން ސްރީ ލަންކާގެ ތަމަޅަ ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވާ އަހުމަދު އިސްމާއިލް (ބޮޑު ސިއްކަ)ގެ ދިފާއުގައި އޭނާއާ އާއިލީ ގުޅުން އޮންނަ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަން ވައްޓާލަން ދިން ހަމަލާގައި ބައިވެރިވުމުގެ ކުށުގައި އިއްވި ދިގު މުއްދަތުގެ ޖަލު ހުކުމުގައި ހުއްޓާ މައުމޫން މައާފު ދެއްވުމުން އަހުމަދު އިސްމާއީލް ވަނީ 1990ގެ އަހަރުތަކުގެ ފަހުކޮޅު މިނިވަންވެފަ އެވެ. އެކަމަކު ނަޝީދަކީ ކުރިންސުރެ އޭނާގެ ދިފާއުގައި ވާހަކަ ދައްކަވަމުން އަންނަ ބޭފުޅެކެވެ.
ތަފްސީލް - ޓޫރިޒަމް އިންޑަސްޓްރީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ރޭ ފޮނުއްވި މެސެޖުތަކެއްގައި ވިދާޅުވީ އަހުމަދު އިސްމާއީލަށް އެ ހަމަލާއާ ގުޅޭ ގޮތުން އެނގޭ ވާހަކަތައް އެނގޭ އެހެން ގިނަ ބަޔަކު ވެސް ތިބި ކަމަށެވެ. އަހުމަދު އިސްމާއީލަށް އެނގޭ މިންވަރަކުން އޭގެ މައުލޫމާތު ކުރިއާލާ ދިން ކަމަށް ވެސް އެމަނިކުފާނު ލިޔުއްވި އެވެ.
"3 ނޮވެމްބަރާ ގުޅޭ ގޮތުން ސިއްކައަށް އެނގި ހުރި މިންވަރަށް އެނގި ތިބި ކިތަންމެ ބައެއް އެބަ ތިބި. އަދި އަޅުގަނޑު އަޑުއަހާފައި އޮތް ގޮތުގައި ސިއްކަ އޮތީ ރައީސް މައުމޫނު އަރިހު އޭނާއަށް އެނގޭ މިންވަރު މާ ކުރިން ދަންނަވާފައި،" ނަޝީދު ލިޔުއްވި އެވެ.
އަހުމަދު އިސްމާއީލާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ވަރަށް ބޭއިންސާފު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ތާރީހުގެ ހަގީގަތް މައުމޫން އޮޅުވާލައްވާފައިވާ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
"ސިއްކަ އަނދަ ގޮނޑި ޖަހައި ޗޭނު ޖަހައި އަނިޔާކޮށް، ރައީސް މައުމޫނު އެދިވަޑައިގަންނަވާ ގޮތަށް ބަޔާން ނެގި ކަމުގައި ވިޔަސް އެއީ ކަން ހިނގާ ދިޔަ ގޮތް ކަމަށް މިއަދު ދެކޭ ނަމަ އެއީ ވަރަށް ބޮޑު ދެރައެއް،" ނަޝީދު ވިދާޅުވި އެވެ.
"ކޮންމެ 3 ނޮވެމްބަރުގައި ރައީސް މައުމޫނަށް ސަނާކިޔާ އަދި ސިއްކަ އާއި އޭނާގެ އާއިލާ ބަދުނާމު ކުރަމުން މި ގެންދަނީ ވަރަށް ބޮޑު ބޭއިންސާފުގައި."
އެނގުން މުހިންމު - އަހުމަދު އިސްމާއީލަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ބައްޕަ އެވެ. އޭނާ ދިރިއުޅެނީ ލަންކާގަ އެވެ.
ކޮމެންޓް