ރައީސް މުއިއްޒު މިއަދު ޕެޓް ކެއާ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ: ވިޔަފާރިވެރިންނަށް އެމަނިކުފާނު މެސެޖެއް އެރުވި - (ފޮޓޯ/ ރައީސް އޮފީސް)
ވިޔަފާރިވެރިންނަށް ރައީސްގެ މެސެޖެއް: 'ބާރުގަދަ މީހުން ތަޅުލި ކަންކަން ވެސް ނިންމާނީ ރައްޔިތުންގެ ފަޅިއަށް ޖެހިލައިގެން'
ބާރުގަދަ މީހުން ތަޅުލައިގެން ހުރުމުގެ ސަބަބުން މީގެ ކުރިން ސަރުކާރުތަކަށް ނިންމަން ނުކުރި ހުރި ކަންކަން ނިންމަމުންދާ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ވިޔަފާރިވެރިންނަށް ރައްދެއް މިއަދު ދެއްވައިފި އެވެ.
ވީކިހެނެއް؟ - ރާއްޖެއަށް ދަތުރުކުރާ ބިދޭސީންގެ އަތުން އެއާޕޯޓުން ނަގާ ފީއާއި ޓޫރިޒަމުން ނަގާ ޓީޖީއެސްޓީއާއި ގްރީން ޓެކްސް ބޮޑުކުރަން ނިންމުމުގެ އިތުރަށް ޓޫރިޒަމް ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާ ގޮތަށް ސަރުކާރުން ނެރުނު ގަވާއިދަށް، ބައެއް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ކީކޭ ބުނީ؟ - މިއަދު ބުޅާ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ނިންމުންތަކަކީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން، ރައްޔިތުންނަށް ޓަކައި ސަރުކާރުން ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.
"އެތައް ދުވަހެއްވީ، އަތްލާން ނުކުރިފައި ހުރި ބޮޑެތި އެތައް ކަމެއް. ބާރުގަދަ އެތައް ބަޔެއްގެ ބާރުތަކުގެ ތެރޭގައި ތަޅުލެވިފައި ހުރި އެތައް ކަމެއް. ރައްޔިތުންގެ ފަޅިއަށް ސަރުކާރު ޖެހިލައިގެން ހައްލު ކުރަމުން މި ދަނީ،" ސީދާ ވިޔަފާރިވެރިން ކަން ވިދާޅުނުވެ، ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތްތަނުގައި ވެސް ދާނީ އެހެން. އެ ކަމުގައި އަޅުގަނޑުމެންގެ ނެތް އިތުރު ދެވަނަ ވިސްނުމެއް. ކޮންމެ ކަމެއް ވެސް އަޅުގަނޑުމެން ކުރަމުން ދާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން. ރައްޔިތުންގެ އިހުސާސާއި ވިންދު ދެނެގަނެގެން، ރައްޔިތުން ބޭނުންވާ ގޮތަށް."
އެނގުން މުހިންމު - ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ:
-
ޓީޖީއެސްޓީ %16 އިން %17އަށް ބޮޑުކުރަން
-
ގެސްޓްހައުސްތަކުން (50 ކޮޓަރިއަށް ވުރެ މަދު): 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރަން
-
ރިސޯޓްތަކާއި ސިޓީ ހޮޓާ އަދި 50 ކޮޓަރިއަށް ވުރެ ގިނަ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން: 6 ޑޮލަރުން 12 ޑޮލަަރަށް ބޮޑުކުރަން.
-
އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރަން
-
ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރަން
-
ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރަން
-
ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން
ކޮމެންޓް (1)
މުއީޖް