ކެބިނެޓް ބައްދަލުވުމުމެއްގައު ރައީސް އާއި ވަޒީރުން (ފޮޓޯ/ރައީސް އޮފީސް)
ގާނޫނަށް ގެންނަ އިސްލާހާ އެކު ދައުލަތް ތެރޭ އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ: އިހުސާނު
ގާނޫނުލް އުގޫބާތު މިހާރު އޮންނަ ގޮތުން ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަމުގެ ވާހަކަ ދެއްކި ނަމަވެސް އެކަމުގެ ދައުވާ ނުކުރެވޭ ކަމަށާއި އެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހާ އެކު ދައުލަތް ތެރޭ އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސާއި ވަޒީރުން އަދި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުން ހިމެނޭހެން ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވާނެ ގޮތަށް ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލް - ރައީސްގެ ވާހަކަފުޅާ ގުޅުވައި މިނިސްޓަރު ވިދާޅުވީ މިހާރު އެ ގާނޫނު އޮންނަ ގޮތުން ދައުވާ ކުރި ނަމަވެސް އެކަން ސާބިތުވާނެ ގޮތެއް ނެތެވެ.
".... ރައީސް މުއިއްޒު މިގެންނަވަން ނިންމެވި އިސްލާހަކީ ދައުލަތް ތެރޭ އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ އަދި އެ ނިޔަތާއި އަޒުމް ފެންނަ އިސްލާހެއް،" އޭނާ ވިދާޅުވި އެވެ.
މިހާރުއޮތް ޤާނޫނުގަ މި މާއްދާ ލިޔެފަ އޮތީ މިވާހަކަ ގަދަޔަށް ދައްކާފަ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭ ގޮތަށް. އަދި ދައުވާކޮށްފިއްޔާ ސާބިތު ނުވާގޮތަށް. އަދި ކަންކުރުމުގެ ނިޔަތް ނެތި ލިޔެފައޮތް މާއްދާއެއް ގޮތަށް. ރައީސް ޑރ. މުއިއްޒު މިގެންނަވަން ނިންމެވި އިސްލާހަކީ… https://t.co/Cleu1Iw1a6
— Minister of Homeland Security & Technology (@min_mohst) October 31, 2024
ރައީސް މުއިއްޒު ރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރޭ އަށަގަނެފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރަން ހުރި ގޮންޖެހުންތައް ނައްތާލުމަށް ގާނޫނުލްއުގޫބާތަށް ގެންނަން ޖެހޭ އިސްލާހުތައް ފެށޭ ހަފްތާގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
"ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސް އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭ ގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް