އެމްޑީޕީއިން ކުރިން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް. (ފޮޓޯ/އެމްޑީޕީ)
'ދިވެހި މިނިވަން މީޑިއާ މި ނިމުނީ؛ 30 އަހަރުން ހޯދި މިނިވަންކަން މަޑުމަޑުން އެ ނިގުޅައިގަންނަނީ'
ރާއްޖޭގެ މިނިވަން ނޫސްވެރިކަން ނިމުމަކަށް ގެނެސް، ރައްޔިތުން 30 ވަރަކަށް އަހަރު ވަންދެން ކުރި ބުރަ މަސައްކަތުން ހޯދި މިނިވަންކަން ވެސް މި ސަރުކާރު އައިސް މަޑުމަޑުން ނިގުޅައިގަންނަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީއިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަހްމަދު މުސްތަފާ ޕީއެސްއެމްގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ވަކިކުރި މައްސަލަ ކުށްވެރިކޮށް، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މުސްތަފާ ޕީއެސްއެމްގެ ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރުގެ ވަޒީފާއިން ވަކިކުރީ ރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑު ހަފްލާގައި އެމްއެމްސީއިން ދެއްކި ވީޑިއޯއެއް ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފުކަމަށް ބުނެ، އެކަމުގެ ޒިންމާ މުސްތަފާ ނަންގަވަން ޖެހޭނެ ކަމަށް ޕީއެސްއެމްގެ ބޯޑުން ނިންމުމަށްފަހު އެވެ.
އޭގެ އިތުރަށް އެމްއެމްސީއިން ޕީއެސްއެމްގެ 'ތަސައްވުރު ގެއްލުވައިލި' މައްސަލައެއް ބަލައިދިނުމަށް އެ ކުންފުނިން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ.
ބުނީ ކީކޭ؟ - އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ފައްޔާޒު ވިދާޅުވީ "އެހެންވީމަ މިނިވަން މީޑިއާ މި ހިސާބަށް މި ނިމުނީ" ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މީޑިއާތަކަށް ދިނުމަށް ވަކި އަދަދެއް ބަޖެޓުކުރުމަކީ ވެސް ފައްޔާޒު ސިފަކުރެއްވި ގޮތުގައި މީޑިއާތައް އިތުރަށް އަޅުވެތިކޮށްލުމެވެ.
"އެއީ ސިޔާސީ ޕާޓީތަކަށް ކުރިން ލިބުނު ބައި ނަގާފައި، ސިޔާސީ ޕާޓީތަކުގެ ބާރު ދެރަކޮށްފައި،" ފައްޔާޒު ވިދާޅުވި އެވެ.
"މީޑިއާތައް މިހާރުވެސް، ހަގީގަތަކީ ދެތިން ހަތަރު މީޑިއާ ވެސް ނެތް މިނިވަންކަމާ އެއްކޮށް އެއްޗެއް ބުނެލަން ކެރޭ. އަދި އިތުރަށް އެ މީޑިއާތައް އަޅުވެތިވެގެންދާނެ ތަން މި ފެންނަނީ ފައިސާގެ ގޮތުންނާއި މި ބިރުވެރިކަން ފަތުރައިގެން،"
"ލަދުހަޔާތްކުޑަކަން ބައްލަވާ، މީޑިއާ ފްރީޑަމްއޭ ކިޔާފައި، މީޑިއާ ކައުންސިލްގެ ރައީސް [އަދާކުރައްވާ] ވަޒީފާއިން އެ ވަކިކުރެއްވީ. ދެން ކޮން ކަމެއްތޯ އެ ބޭފުޅުން ނުކުރައްވާނީ. ދިވެހި ރައްޔިތުން ވޭތުވެދިޔަ 30 ހަކަށް އަހަރުގެ ތެރޭގައި ހޯދާފައިވާ މިނިވަންކަން، ބާރުވެރިކަން، މަޑުމަޑުން ނިގުޅައިގަންނަމުންދާތަން މި ފެންނަނީ."
ކޮމެންޓް