ރާއްޖޭގައި ރަސްމީކޮށް ރެޖިސްޓްރީ ކުރި ފުރަތަމަ ޔޫނިއަންގެ ގޮތުގައި ޓީމް ރެޖިސްޓްރީ ކުރުން ( ފޮޓޯ/ލޭބާ މިނިސްޓްރީ)
އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރި ފުރަތަމަ ޔޫނިއަނަކީ 'ޓީމް'
އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ ދަށުން ރަސްމީކޮށް ލޭބާ މިނިސްޓްރީގައި ރަޖިސްޓްރީ ކުރި މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ ޔޫނިއަންގެ ގޮތުގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމްއިއްޔާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ރަޖިސްޓްރީ ކޮށްފި އެވެ.
ވީ ކިހިނެއް؟ - މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާ ގުޅޭ އުސޫލުތައް އެކުލަވާލާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ގާނޫނު ތަސްދީގު ކުރީ މިދިޔަ ޖެނުއަރީގަ އެވެ.
އެނގުން މުހިއްމު - އެ ގާނޫނުގެ ދަށުން ޔޫނިއަންތައް ރަޖިސްޓްރީ ކުރުމަށް ނަގާ ފީތައް ބޮޑުކަމުގެ ޝަކުވާއާ އެކު އެ ފީތައް ވަނީ މި މަހު ކުޑަކޮށްފަ އެވެ.
ތަފްސީލް - މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމެންޓުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ އާ ގާނޫނުގެ ދަށުން ފުރަތަމަ ޔޫނިއަން އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
މިއީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް އަޑުއުފުލުމަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ލޭބާ މިނިސްޓްރީން ބުނީ އިންޑަސްޓްރިއަލް ރިލޭޝަންގެ ގާނޫނަކީ ވަޒީފާ އަދާކުރާ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޓްރޭޑް ޔޫނިއަންތަކާއި ފެޑެރޭޝަންތައް ރަޖިސްޓްރީކޮށް، މަސައްކަތާ ގުޅުންހުރި ހިތްހަމަނުޖެހުންތައް ހައްލުކުރުމުގައި އިސް ދައުރެއް އަދާކުރާނެ ގާނޫނެއް ކަމަށެވެ.
ޓީމް އިން ބުނީ އާ ގާނޫނުގެ ދަށުން އެ ޔޫނިއަން ރަސްމީކޮށް ރަޖިސްޓްރީ ކުރުމަކީ ތާރީހީ ކަމެއް ކަމަށެވެ.
"މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑު ގަދަވެ، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް އިތުރަށް މަގުފަހިވާނެ،" އެ ޔޫނިއަނުން ބުންޏެވެ.
ފާހަގަ ކުރެވޭ - ޓީމް އަކީ ޔޫނިއަނެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ވެސް ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރަމުންދިޔަ ޔޫނިއަނެކެވެ.
ކޮމެންޓް